ގައުމީ ފުޓްބޯޅް ޓީމް

ދަގަނޑޭއާއެކު ޓީމަށް ތަފާތު ރޫހެއް އަތުވެއްޖެ

އަލީ އަޝްފާގް (ދަގަނޑޭ) އެނބުރި ގައުމީ ޓީމާ ގުޅުމުން، ޓީމަށް ތަފާތު ރޫހެއް އަތުވެއްޖެ ކަމަށް ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ) ބުނެފި އެވެ.

އަންގާރަ ދުވަހު ޗައިނާ އާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްކޮޑުން އަޝްފާގަށް ވަނީ ފުރުސަތު ދީފަ އެވެ. ޗައިނާ މެޗަށް ގައުމީ ޓީމުން ވަނީ ހޮޓެލް ޖެން ގައި ކޭމްޕް ވެސް ކޮށްފަ އެވެ. އެ ހޮޓެލްގައި ހުރެ އަކުރަމް ބުނީ ޓީމުގައި ތިބި ޒުވާން ކުޅުންތެރިންގެ މެދުގައި ވެސް އަޝްފާގަކީ އެ ކުޅުންތެރިންގެ ހީރޯ އެއް ކަމަށާއި އޭނާ އަލުން ޓީމަށް ނެގުމަކީ އެ ކުޅުންތެރިންނަށް ވެސް ލިބުނު ހިތްވަރެއް ކަމަށެވެ.

އަކޫ ބުނީ، ގުއާމް މެޗަށް އެންމެ ބޭނުންވި ގޮތަށް ތައްޔާރު ނުވެވުނު ނަމަވެސް، އެ ޓީމާ ދެކޮޅަށް އެ ގައުމުގައި ލިބުނު މޮޅުން ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބުނު ކަމަށެވެ.

"ތައްޔާރު ވާން ބޭނުންވި ގޮތަށް ތައްޔާރެއް ނުވެވުނު، މުޅިހެން އުޅެން ޖެހުނީ ވިސާގެ ކަންތަކުގައި،" އަކޫ ވާހަކަ ދެއްކި އެވެ. "ދެން ގުއާމްގައި އިންޑިއާ އާއި ތުރުކްމުނިސްތާން ވެސް ބަލި ވެފަ އޮތްކަން އެނގޭ، ދެން އެ ގައުމުގައި ރާއްޖެއަށް މޮޅު ވެވުމުން ވަރަށް ބޮޑު ހިތް ހަމަޖެހުމެއް ލިބުނު."

"އަވޭ މެޗެއްގައި ގުއާމް ކަހަލަ އުނދަގޫ ގައުމަކާ ދެކޮޅަށް މޮޅު ވެވުނީމަ ކުޅުންތެރިންނަށް ވަރަށް ބޮޑު އުފަލެއް ލިބުނު، އަދި ޓީމު ރާއްޖެ އައިތަނުން ދަގޭ ޓީމާ ގުޅުނީމަ ވަކީން ބޮޑު އުފަލެއް ކުޅުންތެރިންނަށް ލިބުނު." ގިނަ ދުވަސްތަކެއް ވަންދެން އަޝްފާގް އާއެކު ކުޅުނު އަކޫ ބުންޏެވެ.

ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ބުނީ އަކޫއަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ކުރިމަތި ވެފައިވާ ކަމަށެވެ. އަކުރަމް ބުނީ އެއީ ދަތުރުގައި ގިނަ އިރުތަކެއް ހޭދަ ކުރަން ޖެހުމުން ކުރިމަތިވި ކަމެއް ކަމަށާއި މެޗަށް ފިޓް ވެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.