މޮޅަށް ކިޔަވައިގެން ތިބި އާއިލާތަކުގެ މީހުން، ނުކިޔަވާ ހުރި މީހެއްގެ ދަށުގައި ވަޒީފާ އަދާ ކުރަން ލަދެއް ނުގަނޭތޯ ރައީސް އިބްރާހިން މުހައްމަދު ސޯލިހު ދައްތަ އައިޝަތު މުހައްދު ސޯލިހު ސުވާލު ކުރައްވައިފި އެވެ.
ރާއްޖޭގެ އެންމެ ފަޚުރުވެރި އެއް ސުކޫލް ކަމަށްވާ މަޖީދިއްޔާ ސުކޫލްގެ ޕްރިންސިޕަލްގެ މަގާމުގައި ވެސް ހުންނެވި އައިޝަތު މި ސުވާލު ކުރައްވާފައި ވަނީ އެމްޑީޕީއަށް ނިސްބަތްވާ ބައެއް މީހުން ސޯޝަލް މީޑިއާގައި ރައީސް ސޯލިހަށް އަމާޒުކޮށް ކިޔާ ފާޑުކިޔުންތަކާއި ގުޅިގެންނެވެ.
ރައީސް ސޯލިހަށް އަމާޒު ކުރެވޭ ފާޑުކިޔުންތަކާއި ގުޅިގެން އެ މަނިކުފާނަށް ތާއީދު ކުރާ މީހަކު ކޮށްފައިވާ ޓްވީޓެއްގައި، އަބަދު ވެރިކަން ދޭންވީ މާލެ މީހުންނަށްތޯ ސުވާލުކޮށް، ރައީސް ސޯލިހަށް ރިޔާސީ ޓިކެޓް ލިބިވަޑައިގަތީއްސުރެ މިއަދާ ހަމައަށް ވެސް އެމަނިކުފާނަށް އަމާޒުކޮށް އެއީ ނުކިޔަވާ ހުރި ބޭފުޅެއް ކަމަށް ބުނަމުންދާކަން ފާހަގަ ކޮށްފައި ވެއެވެ. އަދި އެކަން ކުރަނީ އެމްޑީޕީގެ ތެރޭގައި ތިބި ބައެއްކަން ފާހަގަ ކުރައްވާ ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރު ފާޑު ނުކިޔާ މިންވަރަށް، ރައީސް ސޯލިހަށް އެ މީހުން ފާޑުކިޔަމުންދާ ކަމަށް ވަނީ ބުނެފައެވެ.
އައިޝަތު މި ވާހަކަ ދެއްކެވީ ރައީސް ސޯލިހުގެ ދެބެންގެ ދެދަރި ބޭފުޅެއް ކަމަށްވާ މާޔަން ކޮށްފައިވާ ޓްވީޓެއް ރީޓްވީޓް ކުރައްވަމުން އައިޝަތު ވަނީ މޮޅަށް ކިޔަވާފައިތިބި އާއިލާތަކުގެ މީހުން، ނުކިޔާހުރި މީހެއްގެ ދަށުގައި ވަޒީފާ އަދާކުރާތީ ލަދުނުގަނެތޯ ހިތަށް އަރާ ކަމަށް ވިދާޅުވެފަ އެވެ. އައިޝަތު ވިދާޅުވީ ހުންނެވީ އެއްޗެއް ވިދާޅުނުވާން ކަމަށާ ނަމަވެސް އެއްޗެއް ވިދާޅުވާންޖެހުނީ "މިހާރު މާ ޒާތީވެ، ހައްދު ފަހަނައަޅާ ދިއުމުން" ކަމަށެވެ.
"ކިޔަވައިގެން މޮޅުވުމަކީ އިނގިރޭސި ބަހަށް މޮޅުވުން ކަމަށް ދެކެ އުޅެނީ ގައުމު ދޫކޮށް ބޭރު ގައުމުގައި ދިރިއުޅޭ ވަކި އާއިލާއެއް،" އައިޝަތު އެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ސޯލިހު ވާދަ ކުރެއްވުމަށް ނިންމެވުމާއެކު އެމަނިކުފާނަށް އަމާޒުކުރައްވާ އޭރުގެ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން، ރައީސް ސޯލިހަކީ "ނުކިޔާ ހުންނެވި ބޭފުޅެއް" ކަމަށް ބުނެ ފާޑުކިޔުން ވަނީ އަމާޒުކޮށްފަ އެވެ. އެ ފާޑުކިޔުންތައް އެމްޑީޕީއަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ވެސް އަމާޒުކުރިކަން ފާހަގަ ކޮށްލެ ވެއެވެ.