ބޭރު ކުޅިވަރު

އިނގިރޭސި ކުލަބުތަކުން ކުރި ހޭދަ 500 މިލިއަނަށް

Aug 4, 2015

އަންނަ އާދިއްތަ ދުވަހު ފަށާ އިނގިރޭސި އާ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ޕްރެމިއާ ލީގުގެ ކުލަބުތަކުން ހުރި ހޭދަ 500 މިލިއަން ފަހަނައަޅައި ހިނގައްޖެ އެވެ.

ޓްރާންސްފާ ބާޒާރު ނިމެން ހަތަރު ހަފުތާ އަށް ވެފައިވާއިރު މިހާތަނަށް އެއް ކުޅުންތެރިއަކަށް އެންމެ ބޮޑު ހޭދައެއް ކުރީ ލިވަޕޫލުން މެންޗެސްޓާ ސިޓީ އަށް ބަދަލުވި ފޯވަޑް ރަހީމް ސްޓާލިން އެވެ. އޭނާ ގެންދިޔައީ 44 މިލިއަން ޕައުންޑަށެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ލުއިސް ވެންހާލް ވަނީ މިހާތަނަށް 83 މިލިއަން ޕައުންޑް ހޭދަކޮށްފަ އެވެ.

ޕްރެމިއާ ލީގުގެ ކުލަބުތަކުން މިހާވަރަށް ހޭދަކުރަމުން މިދަނީ އެލީގުގެ ޓީވީ ރައިސްޓްސްގެ އާ އެއްބަސްވުމައެކު ކުލަބުތަކަށް ލިބެނެ ފައިދާ ބޮޑުވާނެކަން އެނގޭތީ ކަމަށް ކުޅިވަރުގެ ތަޖުރިބާކާރުން ބުނެ އެވެ.

2016  ވަނަ އަހަރުގެ ސީޒަނުގެ ފެށިގެން އިނގިރޭސި ލީގުގެ ޓީވީ ރައިޓްސްގެ އަގަކީ 5.13 ބިލިއަން ޕައުންޑެވެ. މިހާރު މި އަގު ހުރީ 3.01 ބިލިއަން ޕައުންޑްގަ އެވެ. އަންނަ ސީޒަނުން ފެށިގެން އަމަލުކުރާ އާ އެއްބަސްވުމުގެ ދަށުން 20 ޓީމު ވާދަކުރާ ލީގުގެ ފުލުގައި އޮންނަ ޓީމަށް ވެސް 99 މިލިއަން ޕައުންޑް ލިބޭނެ އެވެ. ލީގު ޗެމްޕިއަންކަން ހޯދާ ޓީމަށް 150 މިލިއަނަށްވުރެ ގިނައިން ފައިސާ ލިބޭނެ އެވެ.

ފައިސާގެ މާހިރުން ބުނާ ގޮތުގައި އިނގިރޭސި ކުލަބުތަކުން ކުރި ހޭދަ 500 މިލިއަން ޕައުންޑަށް އެރީ މިދިޔަ ހުކުރު ދުވަހު އެވެ. އަދި ސެޕްޓެމްބަރު 1ގައި ޓްރާންސްފާ ބާޒާރު ބަންދުވުމުގެ ކުރިން މިއަދަދު އަދިވެސް މައްޗަށްދާނެ އެވެ. މިހާރު ވެސް އެވަޓަންސްގެ ޖޯން ސްޓޯން އަށް 26 މިލިއަން ޕައުންޑް ދޭން ޗެމްޕިއަން ޗެލްސީ އޮތީ ތައްޔާރަށެވެ.