ސައިންސް

ބުރިޖު ހަލީފާވަރު ބޮޑު ގިނިހިލައެއް ދުނިޔެއާ ދިމާލަށް!

ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ބުރިޖު ހަލީފާއަށް ވުރެ ބޮޑު ގިނިހިލައެއް ދުނިޔެއާ ދިމާއަށް މިސްރާބު ޖަހާފައިވާ ކަމަށް އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ބުނެފި އެވެ. އެ އިދާރާއިން ބުނާ ގޮތުގައި އެ ގިނިހިލައަކީ "އެސްޓްރޮއިޑް 2000 ކިޔުޑަބްލިޔު7" ގެ ނަން ދީފައިވާ ގިނިހިލައެކެވެ. އެ ގިނިހިލައިގެ އުސް މިނުގައި 290 މީޓަރު އަދި ފުޅާ މިނުގައި 650 މީޓަރު ހުންނާނެ އެވެ. އެ ގިނިހިލަ ދަތުރުކުރާ މަންޒަރު އުޑުމަތި ސާފު ނަމަ ރީއްޗަށް ފެންނާނެ އެވެ. ބިމުގައި ތިބެގެން ގިނި ހިލަ ބަލާއިރު ފެންނާނީ އަސްލު ސައިޒަށް ވުރެ އެތައް ގުނައެއް ކުޑަކޮށެވެ. އެކަމަކު ވެސް ވަރަށް ބޮޑުވާނެ އެވެ.

މި ބޮޑު ގިނހިލަ ދުނިޔެއަށް ފެންނާނީ މި މަހު 14 ވަނަ ދުވަހު އެވެ. އެއީ ރާއްޖޭގެ ގަޑިން ފަތިހު 4:54 ކުން ފެށިގެން ހެނދުނު 6:00 ޖެހުމާއި ހަމައަށެވެ. އެ ގިނިހިލަ ދަތުރު ކުރަމުންދާނީ ގަޑިއަކު 14،361 މޭލުގެ ބާރު މިނުގަ އެވެ. ދުނިޔާ ހަމައަށް މި ގިނިހިލައަށް އާދެވޭނީ 3,312,944 މޭލު ހުރަސް ކުރުމަށްފަހު އެވެ. ގިނިހިލައިގެ ދުނިޔެއާ ކައިރިން ދަތުރުކުރި ނަމަވެސް އެއްވެސް ނުރައްކަލެއް ބިރުވެރި ކަމެއް ނެތެވެ.

ނަމަވެސް ނާސާއިން ވަނީ މި ގިނހިލަ މޮނީޓާ ކުރުމުގެ މަސައްކަތް ފަށައިގެންފަ އެވެ. އުޑުމަތި ބަނަ ނޫންނަމަ މި ގިނިހިލަ، އެއްވެސް ޓެލެސްކޯޕެއް ބޭނުން ނުކޮށް ވެސް ސާފުކޮށް ފެންނާނެ ކަމަށް ނާސާގެ ސައިންސްވެރިން ބުނެ އެވެ.

ދުނިޔެއާ ވަރަށް ކައިރިން ދަތުރުކުރާނެ މި ގިނިހިލައިގެ ސަބަބުން ދުނިޔެއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ނާސާއިން ބުނާ ސަބަބަކީ މި ގިނިހިލައަކީ ޖައްވުގެ އެސްޓްރޮއިޑް ބެލްޓުން ނެއްޓިގެން އަންނަ އެއްޗަކަށް ވާތީ އެވެ. އެސްޓްރޮއިޑް ބެލްޓުގައި ހިމެނޭ ގިނިހިލަތަކުގެ ތެރެއިން އެކްޓިވްކޮށް ހުންނަނީ އެންމެ 20 ޕަސަންޓް ގިނިހިލަތަކެެވެ. އެހެން ކަމުން މިއީ މަރުވެފައިވާ ގިނިހިލައެކެކެވެ.

މިހާ ބޮޑު ގިނިހިލަތައް އާންމުކޮށް ދަތުރުކުރާއިރު ދުނިޔެއަށް ފެނެ އެވެ. ދެހާސް އެގާރަ ވަނަ އަހަރު ހަނދާ ކައިރިން ދަތުރުކުރި 1000 ފޫޓުގެ ގިނިހިލައެއް ވެސް ދުނިޔެއަށް ވަނީ ސާފުކޮށް ފެނިފަ އެވެ. ނަމަވެސް މިމަހު ދުނިޔެ ކައިރިން ދަތުރުކުރާ ގިނިހިލައަކީ ބޮޑު ގިނި ހިލައެއް ދުނިޔޭއާ މިހާ ކައިރިން ދަތުރުކުރާ ފުރަތަމަ ފަހަރަށެވެ.