ހަބަރު

"ފުލުހުން އަޅުގަނޑަށް ފާރަލާކަމަށް އެމްއެންޑީއެފުން ބުނި"

ފުލުހުން ފާރަލަމުންދާ ކަމަށް މީގެ ތިން ރޭ ކުރިން އެމަނިކުފާނަށް އެމްއެންޑީއެފުން އަންގާފައިވާ ކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި ރޭ ރައީސް ނަޝީދު ވިދާޅުވީ މިއަދު ސަރުކާރަށާއި އެންމެނަށް ވެސް ދިމާވެފައިވާ އެންމެ މުހިިންމު އެއް މައްސަލައަކީ ފުލުސް އޮފީހުގެ ތެރެއިން ތަރުތީބުން ގަވާއިދުން ހިންގަންޖެހޭ ކަންކަން ހިންގުމަށް ދަތިވެފައިވުން ކަމަށެވެ. ދެހާސް ބާރަ ވަނަ އަހަރުގެ ވެރިކަން ބަދަލުވެގެން ދިޔައީ ފުލުސް އޮފީހުގެ ފުލުހުންގެ ނުކިޔަމަންތެރި ކަމުން ކަމަށާއި އެ މަންޒަރު ތަކުރާރުވާތަން ދެކެން ބޭނުން ނުވާ ކަމަށެވެ. އަދި އެ މަންޒަރު ތަކުރާރުވިޔަ ނުދިނުމަށްޓަކައި ފުލުހުންގެ އިދާރާގެ ކަންކަން މިހާރަށްވުރެ ބޮޑަށް އިސްލާހު ވެގެން އަންނަންޖެހޭ ކަމަށެވެ.

"މާ ގިނައިން އަޅުގަނޑުމެންނަށް ލަފާ ކުރެވެނީ މާގިނައިން އަޅުގަނޑުމެންނަށް ފެންނަނީ ހާއްސަކޮށް ފުލުސް އޮފީހުގެ ބައެއް ބޭފުޅުންނަށް ނުކިޔަމަންތެރި ކަމުގައި ހައްދުފަހަނަ އަޅައިގެން ގޮސް އެދާ ޖޯޝުގައި އެދާ ޖަޒުބާތުގައި މި ރާއްޖޭގެ ވެރިކަން އަބަދުމެ އެމީހުންނަށް ބަދަލު ކުރެވެމުންދާނެކަން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ނުކިޔަމަންތެރިކަމުގެ ނަތީޖާ ދެކެފައިވާ ކަމަށާއި އެއީ ރައްޔިތުން އިންތިހާބު ކޮށްފައި އޮތް ވެރިކަމެއް ފުރޮޅިގެން ދިޔަ މަންޒަރު ކަމަށެވެ. އަނެއްކާވެސް ނުކިޔަމަންތެރިކަން ދެއްކުމުގައި ހައްދުފަހަނަ އަޅައި އެމީހުންގެ އިހުތިޖާޖްގައި ގޮސް ސަރުކާރަށް ގެއްލިގެންދިޔަ ދޭން އެމްޑީޕީން ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.

"މިކަމާ ގުޅިގެން އެއިރެއްގައި ދައްކާ ހުރި ވާހަކައެއް އަޅުގަނޑު ދައްކާނަން، އަޅުގަނޑަށް އޭގެ ސަބަބުން ކިތަންމެ ކިތަންމެ ނުރައްކަލެއް ދިމާވޭ، އަޅުގަނޑަށް އެކަންވެސް އެނގޭ، އަދި އަޅުގަނޑު ގާތުގައި އެމްއެންޑީއެފުން ބުނީ މީގެ ތިން ރޭ ކުރީގައި އަޅުގަނޑަށް ފުލުހުން ފާރަލަ އޭ، އެކަން ވެސް ފުލުހުން ވެސް ކޮށްފާނެ، ނުވަތަ ފުލުސް އޮފީހުން ވެސް ކޮށްފާނެ، އަދި އެފާރަލައިގެން އައިސް އޭގެން އެހެން ނަތީޖާއެއް ވެސް ނެރެދާނެ، އެހެން ނަމަވެސް އަޅުގަނޑު މިހުރީ އެވާހަކަ ދެއްކުން ހުއްޓާލާކަށް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ނޫސްވެރިޔާ ރިލްވާންގެ މަރުގެ މައްސަލައާ ގުޅިގެން ހާމަވީ ކަމަކީ ޒަމާނުއްސުރެ ކަންބޮޑުވަމުން އަންނަ އެއް ކަންތައް ކަމަށެވެ. މަރުތަކާބެހޭ ކޮމިޝަންގެ ރިޕޯޓްގައި ވަނީ ހަރުކަށި ފިކުރުގެ މީހުންނާއި މިނިވަން ހިޔާލުގެ ބަޔަކާއި، ދެބައެއްގެ އަރާރުމުގެ ތެރޭގައި ބަޔަކު މެރީ ކަމަށެވެ. އެމީހުން މެރުމުގައި ބައިވެރިވެފައިވަނީ ފުލުހުންގެ ބައެއް މީހުންނާއި ބައެއް ސިފައިން ކަމަށް ވެސް ރިޕޯޓްގައިވާ ކަމަށެވެ. އެކަމަށް ހައްލެއް ނުހޯދައިޖިނާއީ ނިޒާމް ހަރުދަނާއެއް ނުކުރެވޭނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، މިހާރު މަސައްކަތްކުރާ މަރުތަކުގެ ހަގީގަތް ހޯދުމަށްޓަކައި ހަމައެކަނި ކޮމިޝަން ބާރުވެރިކޮށްގެން ނުވާނެ ކަމަށާއި އެކަން ކުރުމަށްޓަކައި ފުލުހުންގެ އިދާރާ ހަރުދަނާ ވާންޖެހޭ ކަމަށެވެ. އަދި ފުލުހުންގެ އިދާރާއިން ރަނގަޅު ތަހުގީގް ކުރެވެންޖެހޭ ކަމަށާއި އެކަމަށް ފުލުހުން އެބާރުލުން ދެވެން ޖެހޭނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.