އޮފްބީޓް

ދަތްޕިލައެއް ވަގަށް ނެގި ކުއްތާއެއް ގިނަ ބަޔަކު ހެއްވައިފި

މީހެއްގެ މަސްނޫއީ ދަތްޕިލައެއް ވަގަށް ނަގައިގެން އޭތި ނުދޭން ގަދަ ދައްކާފައި އުޅުނު ކުއްތާއެއް ސޯޝަލް މީޑިއާގައި ވަރަށް މަޝްހޫރުވެ ގިނަ ބަޔަކު އެތީގެ މަޖާކަމުން ވަރަށް ހިނިއަތުވެއްޖެ އެވެ.

މި މަޖާ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކުރީ އެނާ ކެރޮލީނާ ލީމާ ކިޔާ 27 އަހަރުގެ ޒުވާނެކެވެ. ބްރެޒީލްގެ މި ޒުވާނާ ބުނި ގޮތުގައި ލޫނާ ކިޔާ މި ކުއްތާ އޭނާ ހޮވީ މަގުމަތީގައި ވަރަށް ބަލިހާލުގައި އޮއްވަ އެވެ. ގެއަށް ގެނެސްގެން ވަރަށް ލޯބިން އޭނާ މި ކުއްތާ ގެންގުޅޭތާ ދުވަސްތަކެއް ފަހުން އެއް ދުވަހު ވަރަށް ދުރު ގެއެއްގައި ދިރިއުޅޭ މާމަގެ ގެއަށް އެ ކުއްތާ ގޮވައިގެން އޭނާ ދިޔަ އެވެ.

އެނާގެ މާމަގެ ގެ، ކުއްތާއަށް ވަރަށް ކަމުދިޔަ އެވެ. އެހެންވެ އެ ގޭގައި ކުއްތާ ބާއްވާފައި އެއްޗެއް ގަންނަން އެނާ ބާޒާރަށް ދިޔައީ އެވެ. އޭރު އެނާގެ މާމަ އޮތީ ނިދާފަ އެވެ. އެނާ އެނބުރި އައިއިރު އެނާގެ މާމަ އާއި މަންމަ އުޅެނީ މާމަގެ ދަތްޕިލާ ގެއްލިގެން އޭތި ހޯދާށެވެ. އެތައް ގަޑިއެއް ވަންދެން ހޯދިއިރުވެސް ދަތްޕިލާ ފެންނަ ގޮތެއް ނުވި އެވެ.

އެނާގެ މާމަ ބުނަނީ ދަތްޕިލަ އަބަދުވެސް ބާއްވަނީ ބާލީސްދަށުގައި ކަމަށާއި އެ ދުވަހު ވެސް ބޭއްވީ އެ ތަނުގައި ކަމަށެވެ.
އެނާގެ ކުއްތާ ފެންނަން ނެތުމުން ކުއްތާ ފަހަރެއްގައި ދަތްޕިލަ ނަގާފާނެ ކަމަށް އެނާއަށް ޝައްގުވެގެން އެ ސޮރު ހޯދަން ފެށި އެވެ. ކުއްތާ ފެނުނުއިރު އެސޮރު އިނީ މާމަގެ ދަތްޕިލައިގައި ރަނގަޅަށް ދަތްއަޅައިގެންނެވެ. އޭތި އިންގޮތުން ހީވަނީ ކުރެވުނު މޮޅު ކަންތަކާ ފަޚުރުވެރިވެގެން ހެވިފައި އިން ހެން ކަމަށް އެނާ ބުންޏެވެ.

ދެން ޖެހުނީ އަނެއްކާ އަނެއް ކަންތަކެވެ. ދަތްޕިލާ ދޭން ކުއްތާ ބޭނުން ނުވީ އެވެ. އެންމެ ފަހުން މާ ބޮޑަށް އުނދަގޫ ކުރަން ފެށުމުން އޭތި ކުރި ކަމަކީ ދުވެފައި ގޮސް ތަނަކަށް ވަދެ ފިލާ އޮވެގެން ދަތްޕިލާ ފޮރުވީ އެވެ.

އެނާ ބުނީ ގޮތުގައި އެއްޗެތި ނަގައިގެން ގޮސް ތަންތަނުގައި ފޮރުވުމަކީ އެ ސޮރު ވަރަށް ގިނައިން ކުރާ ކަމެކެވެ.
ވަރަށް ގިނައިރު ފަހުން އަނެއްކާވެސް ކުއްތާ ދަތްޕިލާ ނަގައިގެން އެއާ ކުޅެން އިންދާ އެނާ އަށް ފެނުނެވެ. އެފަހަރު ވަރަށް ހާލުން އެ ސޮރުއަތުން ދަތްޕިލާ އަތުލެވުނެވެ. ނަސީބަކުން ދަތްޕިލާއަށް އެއްވެސް ގެއްލުމެއް ނުވެ އެވެ.