ބޮލީވުޑް

އަހަރެންގެ ފިލްމުތަކުގެ ހީރޯ އަކީ ސްކްރިޕްޓް: އަޔޫޝްމާން

ފާއިތުވީ އަހަރަކީ އަޔޫޝްމާން ކުރާނާގެ ތަރި މެދުއުޑުގައި ފިޔަޖަހަން ފެށި އަހަރެވެ. އޭނާގެ "އަންދާދުން" އާއި "ބަދާއީ ހޯ" އަށް ލިބުނު ބޮޑު ކާމިޔާބުންނެވެ. އާމިރު ޚާންގެ "ތަގްސް އޮފް ހިންދުސްތާން"، ޝާހްރުކް ޚާންގެ "ޒީރޯ" އަދި ސަލްމާން ޚާންގެ "ރޭސް 3" ނާކާމިޔާބާ ކުރިމަތިވީއިރު އަޔުޝްމާންގެ ވަރަށް އާދައިގެ ދެ ފިލްމު ވަނީ ހިޓް ވެފަ އެވެ.

މިއީ އިންޑިއާ ސިނަމާ ވަރަށް ބޮޑަށް ބަދަލުވަމުންދާ ކަމުގެ ނިޝާނެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރެ އެވެ.
އަޔުޝްމާންގެ ތަރި މިދިޔަ އަހަރު އެރުމާއެކު ސުޕަސްޓާޑަމް އަކީ މިހާރު ނެތް އެއްޗަކަށް ވެއްޖެއެވެ. ސަބަބަކީ އެ ލަގަބު ދީފައިވާ އެކްޓަރުންނަށް ވުރެ އަޔޫޝްމާން، ރާޖްކުމާރު ރާއޯ އަދި ވިކީ ކައުޝަލް ފަދަ އާ އެކްޓަރުން ހޯދި ކާމިޔާބު މާ ބޮޑުވީމަ އެވެ.

ނަމަވެސް އަޔޫޝްމާން ދެކޭ ގޮތުގައި ޚާނުންނާއި އޭނާ ފަދަ އެކްޓަރުންނާ އަޅާ ކިއުމަކީ އެއްގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫނެވެ. އޭނާ ފަދަ އެކްޓަރުންނަށް ޚާނުންނާ އެއް ފެންވަރަށް ދާން އަދި 25 ވަރަކަށް އަހަރު ނަގާނެ ކަމަށް އަޔޫޝްމާން ގަބޫލު ކުރެ އެވެ. އަދި އޭނާ ފަދަ އެކްޓަރުންނަކީ ޚާނުންނަށް އެއްވެސް ނުރައްކަލެއް ކުރެވޭނެ ބަޔެއް ނޫންކަމަށް ވެސް އަޔޫޝްމާން ގަބޫލު ކުރެ އެވެ.

"މިހާރު ބެލުންތެރިންގެ ރަހަތައް ބަދަލުވީ. މިހާރު މީހުން ފިލްމު ބަލަން ދަނީ ވަކި އެކްޓަރަކު އުޅޭތީ އެއް ނޫން. ރީތި މޮޅު ފިލްމެއް ވިއްޔާ އެ ފިލްމެއް ބަލަނީ. ބޮޑެތި އެކްޓަރުންގެ ބައެއް ފިލްމުތައް ނާކާމިޔާބު ވަނީ އެ ސަބަބާ ހެދިކަމަށް ބެލެވެނީ،" އަޔޫޝްމާން ބުންޏެވެ.

އަޔޫޝްމާން އަކީ އަބަދުވެސް އެހެން އެކްޓަރުންނާ ތަފާތު ސްކްރިޕްޓްތަކަށް ފިލްމު ކުޅޭ އެކްޓަރެކެވެ. އޭނާ ބޮލީވުޑަށް ތައާރަފްވީ "ވިކީ ޑޯނާ" އަކީ ވެސް ވަރަށް އާދަޔާޚިލާފު ފިލްމެކެވެ. އޭގެ ފަހުން "ދަމް ލަގާ ކޭ ހައިޝާ" އާއި "ޝުބް މަންގަލް ސާވްދާން" ވެސް ކުޅެ އެ ފިލްމުތަކަށް ވެސް ކާމިޔާބު ލިބުނެވެ. ހަގީގަތުގައި މި ހުރިހާ ފިލްމެއްގެ ވެސް ހީރޯ އަކީ ސްކްރިޕްޓެވެ.

އަޔޫޝްމާން ކުޅެން ޚިޔާރުކުރަނީ އޭނާ ސިނަމާއަކަށް ގޮސް ބަލާލަން ބޭނުންވާ ކަހަލަ ފިލްމުތަކެވެ. "އަންދާދުން" އިން އޭނާއަށް ލިބުނު ނެޝަނަލް އެވޯޑުން ވެސް ސްކްރިޕްޓް ޚިޔާރު ކުރުމުގައި އޭނަގެ ހުރި ކުޅަދާނަކަން ސާބިތުވެ އެވެ.
އަޔޫޝްމާންގެ ދެން އެންމެ އަވަހަށް ނިކުންނަން އޮތީ "ޑްރީމް ގާލް" އެވެ. މި ފިލްމަކީ ވެސް ވަރަށް ތަފާތު މޮޅު ސްކްރިޕްޓަކަށް އުފައްދާފައިވާ ފިލްމެކެވެ.