ބޭރު ކުޅިވަރު

ކުޅުންތެރިން ވަނީ ގާޑިއޯލާއާ މެދު ހިތްހަމަނުޖެހިފައި: ރިޕޯޓް

Aug 4, 2015

ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކްގެ ކުޅުންތެރިން ކޯޗު ޕެޕް ގާޑިއޯލާގެ ކޯޗިން ސިސްޓަމާމެދު ހިތްހަމަނުޖެހިފައި ތިބި ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފި އެވެ.

މިކަމާހެދި ގާޑިއޯލާ ވަނީ މީޑިޔާ އަށް ވެސް ނުރުހުން ފާޅުކޮށްފަ އެވެ.

ޖަރުމަނުގެ ނޫސްތަކުން ބުނެފައިވަނީ ގާޑިއޯލާ ކުޅުވަން ބޭނުންވާ ގޮތް ކުޅުންތެރިންނަށް ނޭނގޭ ކަމަށާއި އަދި އޭނާގެ ބައެއް ރޭވުންތަކާމެދު ކުޅުންތެރިން ހިތްހަމަނުޖެހޭ ކަމަށެވެ.

އެންމެ ފަހުން ބަޔާން ކުޅުނު މެޗުގައި މާރިއޯ ގޮޓްޒާ ވެސް އިނީ ބެންޗުގަ އެވެ. މިކަމާ ނޫސްވެރިން ސުވާލު ކުރުމުން ގާޑިއޯލާ ބުނީ ގޮޓްޒާގެ ވާހަކަ އަހާނަމަ މުޅިން ފިޓްނުވާތީވެ ކުޅެހުރި އާޔެން ރޮބެން ފަދަ ކުޅުންތެރިންގެ ވާހަކަ ވެސް އަހަންޖެހޭ ކަމަށެވެ.

"ގޮޓްޒާ އަކީ އަހަރެން އެންމެ ގަޔާވާ އެއް ކުޅުންތެރިޔާ މިދިޔަ ސީޒަނުގައި. ދެތިން މެޗެއްގައި ނޫނީ އޭނާ ކުޅެފައިވާނެ ހުރިހާ މެޗެއްގައި. އެކަމަކު ކުޅުންތެރިޔާ ޖެހޭނެ އަހަންނަށް ސާބިތުކޮށްދޭން އޭނާ ޓީމަށް އަރަންޖެހޭކަން މިހާރު. ކުރިން ކުޅެފައިހުރި ކުޅުމަކަށް ނުބެލޭނެ. އޭނާ ސާބިތުކޮށްދޭން ޖެހޭނީ ނޫސްވެރިންނަކަށްނޫން އޭނާ މޮޅުކަން،" ގާޑިއޯލާ ބުންޏެވެ.

ސްޕޭނުގެ ބާސެލޯނާގައި ގިނަ ކާމިޔާބީތަކެއް ހޯދި ނަމަވެސް ބަޔާނުގައި ގާޑިއޯލާ އަށް އަދި މާބޮޑު ކާމިޔާބީތަކެއް ނުހޯދެ އެވެ. މިހެންވެ އޭނާ އަށް ޖަރުމަނުގެ ކުރީގެ ކުޅުންތެރިޔާ ލޮތާ މަތިއަސް ވެސް ވަނީ ފާޑުކިޔާފަ އެވެ. އޭނާ ބުނީ ޗެލްސީގެ ކޯޗު ހޯސޭ މޮރީނިއޯ މާމޮޅު ކަމަށެވެ.

"އަހަންނަކަށް ނޭނގެ މޮރީނިއޯ އަށްވުރެ އަހަރެން މޮޅުކަން. މޮރީނިއޯ އަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކޯޗު. އަހަރެން މިތާގައި ހުރީ އެންމެ މޮޅު ކޯޗަކަށްވާކަށްނޫން. ބަޔާން އަށް އެހީވާން. އަހަރެންގެ ކުޅުންތެރިން ވެސް އެބަޖެހޭ ނޫސްވެރިންނަކީ ކޮންބައެއްކަން ދަސްކުރަން،" ގަޑިއޯލާ ބުންޏެވެ.