ބޮލީވުޑް

އިމްރާން ޚާނާއި އަވަންތިކާގެ ކައިވެނި ނިމުމަކަށް

"ޖާނޭ ތޫ ޔާ ޖާނޭ ނާ" އިން ޖެނީލިއާ ޑިސޫޒާ އާއެކު ބޮލީވުޑަށް ތައާރަފްވި އިމްރާން ޚާނާއި އަންހެނުން އަވަންތިކާގެ ކައިވެނި ރޫޅިއްޖެ އެވެ. މި ދެ މީހުން ކައިވެނިކުރީ ނުވަ އަހަރު ރައްޓެހިވެގެން އުޅެފަ އެވެ. އަދި ކައިވެންޏަށް މިހާރު ގިނަ ދުވަސްތަކެއް ވެފައިވާއިރު ފަސް އަހަރުގެ ކުއްޖެއް ވެސް އެބަހުއްޓެވެ.

އާމިރު ޚާނަށް ބޮޑުބޭބެ ކިޔާ އިމްރާންގެ ކައިވެނީގައި މައްސަލަ ޖެހެން ފެށީ އިމްރާންގެ ބޮލީވުޑް ކެރިއަރު ފުނޑުފުނޑުވީ ހިސާބުންނެވެ. އޭގެ ކުރިން އެ ދެމަފިރިން އުޅުނީ ވަރަށް ލޯބިން ކަމަށް އެމީހުންގެ ގާތް ބައެއް މީހުން ވަނީ ބުނެފަ އެވެ.

އިމްރާންގެ ބޮލީވުޑް ފެށުން ރަނގަޅު ނަމަވެސް އޭނާ ފަހުން ކުޅުނު ފިލްމުތައް ފްލޮޕްވަމުން ދިއުމުގެ ސަބަބުން އޭނާއަށް ފިލްމު ލިބުން މަޑުމަޑުން ގޮސް މުޅިން ހުއްޓުނީ އެވެ. އެހެންވެ ފިލްމު ކުޅުމުގެ މަސައްކަތް އިތުރަށް ނުކުރަން އިމްރާން ނިންމި އެވެ. ކުރާނެ ކަމެއް ނެތި އަބަދާ އަބަދު އިމްރާން ގޭގައި އިންނަން ފެށި އެވެ. އޭނަގެ އަންހެނުންނަކަށް މިގޮތެއް ކަމަކު ނުދިޔަ އެވެ. އެމީހުންގެ މެދުގައި މައްސަލަތައް ޖެހެން ފެށީ އެހިސާބުންނެވެ.

ފިރިމީހާ އެއްވެސް ކަމެއް ނުކޮށް ގޭގައި އިންނަ ތަން ފެނުމުން އަވަންތިކާގެ ރުޅިގަނޑު އިންތިހާއަށް ދިޔައީ އެވެ. މި ދެ މީހުން ސުލްހަ ކުރެވޭތޯ އަވަންތިކާގެ މަންމަ ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް ކުރި ހުރިހާ މަސައްކަތެއް ނާކާމިޔާބުވެ މިހާރު ވަރީގެ މައްސަލަ ވަނީ ކޯޓަށް ވައްދާފަ އެވެ.

ނަމަވެސް މި ވާހަކަތައް މާބޮޑަށް ދައްކާކަށް އިމްރާން އާއި އަވަންތިކާ ބޭނުމެއް ނޫނެވެ. އެމީހުންގެ ފަސް އަހަރުގެ ދަރިފުޅުގެ ހައްގުގަ އެވެ.