ލައިފްސްޓައިލް

އެކަނިވެރި މަޔަކު މަސް ވިއްކައިގެން ދަރިފުޅު ޑޮކްޓަރަކަށް ހަދައިފި

އެކަނިވެރި މަޔަކު އަމިއްލަ މަސައްކަތުން ފައިސާ ހޯދައިގެން ދަރިފުޅަށް ޑޮކްޓަރުކަން ކިޔަވައިދީފި އެވެ. މި އަންހެންމީހާއަކީ މީހެއްގެ އެހީއާ ނުލައި މަސް ވިއްކައިގެން ދިރިއުޅޭ މީހެކެވެ.

ފިލިޕީންސްގެ ރަށެއްގެ މީހެއް ކަމަށްވާ ނަނީތާ ރޮންކީލޯ އަކީ އުމުރުން 55 އަހަރުވެފައިވާ މީހެއް ނަމަވެސް އޭނާ ބޭނުންވީ ކިތަންމެ ބުރަކޮށް މަސައްކަތް ކޮށްގެން ނަމަވެސް ދަރިފުޅުގެ ހުވަފެންތައް ހަގީގަތަކަށް ހަދާދޭށެވެ. ޑޮކްޓަރަކަށް ވުމަކީ އޭނާގެ ދަރިފުޅު ވަރަށް ކުޑައިރުއްސުރެ ބޭނުންވީ ކަމެކެވެ.

ނަނީތާ ފިރިމީހާ އާ ވަކިވީ ފިރިހެންމީހާ އެހެން ކައިވެންޏެއްކޮށް އާއިލާއެއް ވެސް އޮންނަކަން އެނގުމުންނެވެ.
އެކަނިވެރިމަޔެއްގެ ގޮތުގައި ދިރިއުޅެން ޖެހުނަސް ހުރި ހަމައެކަނި ދަރިފުޅު ޖޯން ނިކޯއަށް ކިޔަވައިދީ މޮޅު ޑޮކްޓަރަކަށް ހެދުމަށް ނަނީތާ އަޒުމު ކަނޑައެޅި އެވެ. ނަނީތާ ކުރި މި ބުރަ މަސައްކަތަކީ އޭނާ ކަހަލަ ގިނަ އަންހެނުންނަށް ވަރަށް އިބުރަތުން ފުރިގެންވީ އެހާމެ އުންމީދީ މަސައްކަތެކެވެ.

ވަރަށް ފަތިހާ ނަނީތާ މަސްވިއްކުމުގެ މަސައްކަތް ފަށަ އެވެ. އަދި ނުވިކި މަސް ހުރިނަމަ އިރު އޮއްސެންދެން ވެސް މަސް ވިއްކަން އިނދެ އެވެ. އޭނާއަކީ ހިތުގެ ބަލި ހުންނަ މީހަކަށް ވިޔަސް ނަނީތާގެ އަޒުމަކަށް ބަދަލެއް ނާދެ އެވެ.
ދެމައިން ވެގެން މަސައްކަތް ކޮށްގެން ހުވަފެންތައް ހަގީގަތަށް ހެދުމަށް ވާންޖެހުނު ކޮންމެ ގުރުބާނީ އެއްވެސް ވާނީ ކަމަށް ނަނީތާ އޭނާގެ ދަރިފުޅު ކައިރީގައި އަބަދުވެސް ބުނެ އެވެ.

ނަމަވެސް މަސް ވިއްކައިގެން ލިބޭ ފައިސާކޮޅުން މެޑިކަލް ކޮލެޖަކަށް ދަރިފުޅު ފޮނުވާނީ ވެސް ކިހިނެއް ހެއްޔެވެ؟ ބައެއް ދުވަސް ދުވަހު ނަނީތާ އަށް 19 ޑޮލަރު ވަރު ލިބެ އެވެ. އަދި އެއްވެސް އެއްޗެއް ނުލިބޭ ދުވަސް ވެސް ދެއެވެ.
ފައިސާ ދަތިވެގެން ގޮސް ޖޯން އަށް ބައެއް ފަހަރު ކިޔެވުން ހުއްޓާލަން ވެސް ޖެހެ އެވެ. އެހެންވެ ހަތަރު އަހަރުގެ ކޯހެއް ޖޯން އަށް ނިންމުނީ ހަ އަހަރުންނެވެ.

ނަމަވެސް މިހާރު ނަނީތާއަށް ވަނީ އޭނާގެ ބުރަ މަސައްކަތުގެ ފޮނި މޭވާ ލިބިފަ އެވެ. ދަރިފުޅު ވަނީ ޑޮކްޓަރަކަށް ވެފަ އެވެ.