ލައިފްސްޓައިލް

އެންމެ މުސްކުޅި މީހަކަށް 117 އަހަރުގެ ޓަނާކާ

މިހާރު ދުނިޔޭގައި ހުރި އެންމެ އުމުރުން ދުވަސްވީ މީހަކީ ޖަޕާނުގެ ކާނޭ ޓަނާކާ ކަމަށް ގިނިސް ބުކްސް އޮފް ވޯލްޑް ރެކޯޑްސް އިން ގަބޫލު ކޮށްފި އެވެ.

މި މީހާގެ އުމުރަކީ 117 އަހަރެވެ. ޓަނާކޭއަކީ މިހާރު ޖަޕާނުގައި ވެސް ހުރި އެންމެ ދުވަސްވީ މީހާ އެވެ. މިދިޔަ އާދިއްތަ ދުވަހާ ހަމަޔަށް ޓަނާކޭއަށް 117 އަހަރާއި 261 ދުވަސް ފުރިއްޖެ އެވެ. ކުރިން މި ރެކޯޑް އޮތީ ވެސް ޖަޕާނު އަންހެނަކަށެވެ. ނަބީ ޓަޖީމާ ކިޔާ އެ މީހާ 2018 ވަނަ އަހަރުގެ އޭޕްރީލް މަހު މަރުވިއިރު އޭނާގެ އުމުރުން 117 އަހަރާއި 260 ދުވަހެވެ.

ކާނޭ ޓަނާކާ މިހާރު ދިރިއުޅެނީ ޖަޕާނުގެ ހުޅަނގު ދެކުނުގައި އޮންނަ ފުކުއޯކާގައި ހުންނަ ނާސިން ހޯމެއްގަ އެވެ. ޗޮކްލެޓް ކެއުމަށާއި ސޮޑާ ބުއިމަށް ވަރަށް ވަރު ހުންނަ ޓަނާކާ އުފަންވީ ޖެނުއަރީ 2، 1903 ގައި ފުކުއޯކާ ސިޓީގެ އަވަށެއް ކަމަށްވާ ވަޖިރޯ ގައެވެ.

ދުނިޔޭގެ ރެކޯޑް ލިބުމުގެ އުފާ ޓަނާކާ ފާހަގަ ކުރީ ކޯކް ފުޅިއަކުންނެވެ. އޭނާ ލައިގެން އިނީ އޭނާގެ މޫނު ޕްރިންޓްކޮށްފައި ހުރި ޓީޝާޓެކެވެ. އެއީ އާއިލާގެ މީހުން އޭނާއަށް ހަދިޔާކުރި ޓީޝާޓެކެވެ.

ޓަނާކާގެ 60 އަހަރުވީ މާމަ ދަރި އެއިޖީ ޓަނާކާ ޖަޕާން ނޫހަކަށް ދިން އިންޓަވިއު އެއްގައި ބުނީ މާމަގެ ސިއްހަތު އަދިވެސް ވަރަށް ބަރާބަރު ކަމަށާއި ދިރިއުޅުމުގެ އުފާ މިހާރު ވެސް މާމަ ހޯދަމުންދާ ކަމަށެވެ.

ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ހެދި މިފަހަރު މި މުނާސަބަތު ފާހަގަކުރަން އާއިލާގެ މީހުންނަށް މާމައަށް ޒިޔާރަތް ކުރެވޭ ގޮތެއް ނުވި އެވެ. ނަމަވެސް މާމަގެ މި ރެކޯޑުން އެންމެން ވެސް ވަރަށް އުފަލުން ތިބި ކަމަށް އެއިޖީ ބުންޏެވެ.