ވާހަކަ

ބޭނުންވަނީ ޔާރާ

(4 ސެޕްޓެމްބަރ 2019 އާ ގުޅޭ)

"މަންމާ..........ދޮރު ހުޅުވުބަލަ......." ރޮވިފައިވާ އަޑަކުން ޒާރާ ބުންޏެވެ.

"ޒާރާ......ދަރިފުޅު....." ލިބުނު ބޮޑު ހައިރާންކަމާއިއެކު ފަހީމާއަށް ދޮރާދިމާލަށް އަވަސްފިޔަވަޅުގައި ދެވުނެވެ. ކަންފަތުގައި ފޯނު ޖައްސާލައިގެން ހުއްޓެއްކަމަކު އިތުރު ވާހަކައެއް ފަހީމާނުދެއްކިއެވެ. އޭނަ އަވަސް އަވަހަށް އައިސް ސިޓިން ރޫމު ދޮރުން ނުކުމެ ގޭގެ މައިދޮރޯށީގެ ތަޅު ހުޅުވުމަށްފަހު މަތީގައި އަޅުވާފައި ހުރި ތަންޑުނައްޓާލިއެވެ. އެހިނދު ދޮރުމަތީ ފޮށްޓަކާއިއެކު ޒާރާ ހުރިތަންފެނުނެވެ.

"ދަރިފުޅު، ކިހިނެއްވީ.........ކޮބާ ދާއިން.........އަވަހަށް އާދޭ އެތެރެއަށް، ކީއްވެތަ ޒާރާ ތިރޮނީ، ކިހިނެއްތަވީ" ފަހީމާއަށް ސުވާލުކުރެވުނެވެ. ޒާރާއަށް ޖަވާބު ދިނުމުގެ ބަދަލުގައި ވަކިން ބޮޑަށް ރޮވުނެވެ. ފަހީމާގެ ގައިގާ އޮޅުލައިގަނެގެން ކަހަލަގޮތަކަށް ހުރެ ގޭތެރެއަށްވަދެގެން ދިޔައެވެ. ސިޓިން ރޫމު ސޯފާގައި ޒާރާ ބޭންދުމަށްފަހުވެސް އޭނަ ހަމައަކަށް ނޭޅުނެވެ. ހަމަރޮނީއެވެ. ފަހީމާ އެކިއެކި ސުވާލުކޮށްކޮށް ވަރުބަލިވިއިރުވެސް އެއްވެސް އެއްޗެއް ޒާރާ ނުބުންޏެވެ.

"ހެޔޮނުވާނެ، މަންމަ އާދޭސްމިކުރަނީ، އެއްފަހަރުވެސް ބުނެބަލަ ކީއްވެކަން ތިރޮނީ، ޒާރާ ނުބުނަންޏާ ދެން މަންމަ ގުޅާނީ ދާއިންއަށް" ފަހީމާ ގޮތްހުސްވެފައިވާ މީހަކު ފަދައިން ބުނެލިއެވެ. އަދި އަތުގައި އޮތް ފޯނުނަގާ ދާއިންގެ ނަންބަރު ހޯދަން ފެށިއެވެ.

"އޭނައަށް ނުގުޅާތި، ގުޅައިގެން ނުވާނެ........." ޒާރާ ރޮމުން ރޮމުން ބުނެލިއެވެ.

"އެހެންވީރު ދަރިފުޅު ކިޔާދެންވީނު ވެގެންއުޅޭގޮތެއް، ދެކުދިން ދެބަސްވީދޯ، އެކަމަކު ގެއަށް އަންނާކަށް ނުވާނެއެއްނު، ދާއިން ކީކޭ ހީކުރާނީ" ފަހީމާއަށް ވެގެން އުޅޭގޮތެއް ނޭގުނަސް ޒާރާ އެއައީ ދާއިންދެކެ ރުޅިއައިސްގެންކަން އެނގުނެވެ.

"މިގެއަށް އައިސްގެން ނުވަނީތަ؟ މީ އަހަރެންގެވެސް ގެއެއްނު......" ޒާރާ ރޮމުން އަނެއްކާވެސް ވާހަކަދެއްކިއެވެ.

"މަންމަ އެހެނެއްނުބުނަމެއްނު، މީ ޒާރާގެވެސް ގެއޭ، އެކަމަކު ދަރިފުޅު ދާއިން އާއި ދެބަސްވިޔަސް ގެއަށް އައުމުގެ ބަދަލުގައި މައްސަލަ ހައްލުވޭތޯ ކީއްވެތަ ނޫޅުނީ، ދާއިން ބުނީތަ ދަރިފުޅު ގާތު ގެއަށް ދާށޭ" ފަހީމާ އޮޅުން ފިލުވަން ބޭނުންވެ އިނދެ އަހާލިއެވެ.

"އެއީ މަކަރުވެރިއެއް، އަހަރެން ބޭނުމެއްނޫން އެގެއަށް ދާކަށް، ދެން އަދި އަމުދުން ނުދާނަން......" ޒާރާ ބުނެލިއެވެ.

"ޒާރާ، ތިރުޅި މަޑުކޮއްބަލަ، ދެން މައްސަލައެއްނެތް، މަންމަ ބޭނުމެއްނޫން މިހާރު އެއްވެސް ވާހަކައެއް އޮޅުން ފިލުވާކަށް، ހިނގާ މަންމަ އާއިއެކު ކޮޓަރިއަށް، ފެންވަރާލައިގެން މަންމަ ގާތު އޮށޯވެ ނިދާލާފަ ތެދުވާނީ، މަންމަ ގޮވާނަން ފަތިސް ނަމާދަށް، އިރާދަކުރެއްވިއްޔާ މާދަމާ އިރުއަރާއިރު ހުރިހާ ކަމެއްވެސް ރަނގަޅުވެދާނެ...........ހިނގާ އަވަހަށް، ދެން ރުއިންވެސް ހުއްޓާލާ...........އެއްގޮތަކަށްވެސް ރޯނެކަމެއްނެތް" ފަހީމާ ޒާރާގެ ގާތުގައި ސޯފާގައި އިނދެފައި މިހެން ބުނެތެދުވިއެވެ. އަދި ޒާރާގެ އަތުގައި ހިފާލީ އޭނަވެސް ނަގަންވެގެންނެވެ. އެހިނދު ލޯފޮހެލާފައި ޒާރާ ތެދުވެ ފޮށިހިފައިގެން ފަހީމާ އާއިއެކު އޭނަގެ ކޮޓަރިއަށް ވަނެވެ.

މޭޒުގެ އެއްފަރާތުގައި ހުރި ބޭބީ މޮނީޓަރއިން ނެހާގެ ރުއިމުގެ އަޑުއިވުމާއިއެކު މަންހާ ފުންމައިގެން ތެދުވިއެވެ. އޭރު އޭނަގެ އުނަގަނޑާއި ދިމާލުގައި އަތްބާއްވާލައިގެން ނިދާފައި ދާއިންއޮތެވެ. އޭނަ ތެދުވުމުންވެސް ދާއިންއަށް އެއްވެސް ހިލަމެއްނުވިއެވެ. ނިދީ ވަރަށް ފަހުންކަމަށްވާތީ މަންހާވެސް ހުރީ އިތުރަށް ނިދާލަން ބޭނުންވެފައެވެ. ދާއިންގެ އަތް ދުރަށް ޖައްސާލުމާއިއެކު އެނދުގެ އެއްފަރާތަށް ވެއްޓިފައިއޮތް ނައިޓީ ނަގާލިއެވެ. އަދި ދެލޯ އުނގުޅަމުން ކަހަލަގޮތަކަށް ގަޑިއަށްބަލާލިއެވެ. ކުއްލިއަކަށް މަންހާގެ ދެލޯ ބޮޑުވެގެން ދިޔައީ އިރުއަރައިފިކަން އެނގުމުންނެވެ. ހެނދުނު ހަގަޑިބައިވަނީއެވެ. ނެހާގެ ހެނދުނު ހޭލުމުގެ އާދަ އަދިވެސް ނުކެނޑޭކަން އޭނައަށް ފާހަގަވިއެވެ. އުފަލުން ދުވެލާފައި ގޮސް ނެހާގެ ކުޑައެނދުގެ ކައިރީ މަޑުކޮއްލިއެވެ.

"މަންމަގެ ދަރިފުޅޫ........" ލޯތްބާއިއެކު ހިނިތުންވެލައިގެން ހުރި މަންހާ ކުޑަކޮށް ނެހާއަށް ގުދުވެލައިގެން އޮވެ ގޮވާލިއެވެ. އަދި ލޯބިން އެދަރިފުޅު އުރާލިއެވެ. މަންހާގެ ލޮލުގައި ނިދީގެ އަސަރު ހުއްޓެއްކަމަކު އެކަން އޭނަ ފިލުވާލަމުން އަވަސްވެގަތީ އޭނަގެ ޒިންމާތައް އަދާކުރުމަށެވެ. މިއަދަކީ އުފާވެރިކަން ހުރި ބާޖަވެރިދުވަހަކަށްވާނެކަން އޭނައަށް ޔަގީންވާކަހަލައެވެ. ތުންފަތަށް ވެރިވެފައިވާ ހިނިތުންވުން ފިލާނުދެއެވެ. ދަރިފުޅަށް ބުއްފުޅި ދިނުމަށްފަހު ކުޑައެނދުގައި ބޭއްވިއެވެ. ދެން އަވަސްވެގަތީ ފާހާނާއަށްވަދެ ފެންވަރާ ތާޒާވެލުމަށެވެ. ދާއިން ހޭލަންވާއިރަށް އަމިއްލައަތުން ހެނދުނުގެ ނާސްތާ ތައްޔާރުކޮއްފައި ދިނުމަށް ބޭނުންވެފައި ހުރިވަރުންނެވެ.

އެނދުމަތި މާހުސްހެން ހީވެ ދާއިން މަންހާގެ ގައިގާ އަތްޖެހޭތޯ އަތްއެއްލިއެވެ. އެހެންނަމަވެސް އެނދުގައި މީހަކު ނެތްކަން އޭނައަށް އެނގުމާއިއެކު ކުއްލިއަކަށް ބޯހިއްލާލަމުން ދެލޯ ހުޅުވާލިއެވެ. މަންހާ ފެންނަން ނެތުމުން ވަށައިގެން ކޮޓަރިތެރެ ހޯދާލިއެވެ. ދާއިން ތެދުވެ އެނދުގައި އިށީނދެލުމާއިއެކު އުޅާހަށްދެމިލާ އާފުރިލިއެވެ. އަދި ދެލޯ ތަންކޮޅެއް ބޮޑަށް ހުޅުވަން މަސައްކަތް ކުރުމުގެ ގޮތުން ދެތިންފަހަރަށް ލޯ ލައްޕާ ހުޅުވާހެދިއެވެ. އޭނަ އެނދުން ތެދުވެ ފާހާނާގެ ކައިރިއަށްގޮސް ހުއްޓެމުން މަންހާއަށް ގޮވާލީ ފާހާނާގައި އުޅޭކަން އެނގިގެނެއްނޫނެވެ. އެހެންނަމަވެސް ދޮރުގެ ތަޅުގައި ހިފާލުމާއިއެކު ފާހާނާގެ ދޮރު ހުޅުވިގެން ދިޔައެވެ. އޭރު ފާހާނާގެ ތެރެއިން ފެންއޮހޭ އަޑުއިވެއެވެ. ތުންފަތަށްވެރިވި ހިނިތުންވުމާއިއެކު ދާއިން އަވަސް އަވަހަށް ފާހާނާއަށްވަނެވެ.

ފާހާނާއިން މަންހާއަށާއި ދާއިންއަށް ނުކުމެވުނީ ގާތްގަނޑަކަށް ގަޑިއެއްހާއިރު ފަހުންނެވެ. ދާއިންގެ ސަބަބުން ލަސްވީއެވެ. އެކަމުގެ ޝަކުވާ ކުރަމުން މަންހާ ތައްޔާރުވިއެވެ.

"އަހަރެން މިބުނީނު ރަނގަޅުވާނެއޭ، ތިރީގަ އެންމެންވެސް ތިބޭނެ ސައިބޯން، އެހެންވެ މިބުނީ މަން އަހަންނަށް ވަކިން އެއްޗެއް ތައްޔާރު ނުކުރިޔަސް އެންމެ ރަނގަޅޭ، އެކަމަކު މިއަދުގެ މެންދުރުގެ ކެއުމުގައި މަންގެ މޮޅު ކެއްކުމުގެ ރަހަތަށް ލައްވާލަދޭންވާނެ.........." ދާއިން މިހެން ބުނެ އިސްތަށިގަނޑުގައި ފުނާއަޅަމުން ދިޔަ މަންހާގެ ކޯތާފަތުގައި ބޮސްދިނެވެ.

"ދާން............." މަންހާ ހިތްހަމަނުޖެހޭގޮތް ދައްކާލަން އުޅުނެއްކަމަކު އޭނައަށް ހެވުނީއެވެ. އެއާއިއެކު ދާއިންވެސް ފެށީ ހޭށެވެ.

ދެމީހުން އެކުގައި މަންމަމެންގެ ބަޔަށް ދިޔައިރު މަންމަ އާއި އަފްޝީން އާއި ސައިބޮއެ ނިމިގެން ސޯފާގައި ކޮންމެވެސް ޑްރާމާއެއްބަލަން ތިއްބެވެ. ދާއިންމެންގެ ދެމަފިރިން ފެނުމާއިއެކު މޫމިނާއަށް ތެދުވެވުނެވެ. އަފްޝީން އަވަސް އަވަހަށް ގޮސް މަންހާގެ އަތުގައި އިން ނެހާ އުރާލައިފިއެވެ.

"މަންމަ ހީކުރީ ތިދެކުދިން ހެނދުނު ސައިބޯން ނާންނަނީއޭ، އަނެއްކާ ސައިބޮއެގެންތަ ތިއައީ" މޫމިނާ ސަމާސާ ރާގެއްގައި ބުނެލިއެވެ. މަންހާ ހިނިއައިސްފައި ދެފަރާތަށް ބޯހުރުވާލީ ނުނެކޭ ބުނުމަށެވެ. ބަދިގެ ފަރާތުގައި އުޅޭ އިމީއަށް މޫމިނާ ގޮވާލާފައި ދާއިން އަށާއި މަންހާއަށް ތަށިތައް އަތުރާދިނުމަށް ބުންޏެވެ. އަދި އެމީހުންނާއެކު ކާމޭޒު ދޮށުގައި އިށިންނަމުން ޒާރާގެ ކޮޓަރީގެ ދޮރާ ދިމާލަށް ބަލާލިއެވެ.

"ދާއިން، ޒާރާވެސް އަދި ސައިބޯން ނުނިކުމޭ، މަންމަ ދެފަހަރަކު ގޮވާވެސް ލައިފިން، އެކަމަކު ޚަބަރެއްނުވި" މޫމިނާއަށްވެސް އެކަން ފާހަގަ ކުރެވިގެން ބުނެލެވުނީއެވެ. ޒާރާ އަދިވެސް ރުޅި އައިސްގެން ނުނިކުންނަން ހުރީ ކަންނޭގެއޭ މޫމިނާގެ ހިތަށް އެރިއެވެ.

"އަޅުގަނޑު ބަލާލާނަން، ވެދާނެ އަދިވެސް ރުޅިގަދަވެފަ ހުރީކަމަށް" ދާއިން ބުނެލިއެވެ. ރޭގަ ކަންތައް ކުރެވުނު ގޮތާއިމެދު ހުދު ދާއިންވެސް އެހާ ހިތްހަމައެއް ނުޖެހެއެވެ. އޭނަ ޒާރާ އާއި އަދި ވާހަކަދައްކަން ބޭނުމެވެ. ރޭގެ ކަންތައްތަކަށް މާފަށް އެދި ޒާރާއަށް ވިސްނާދޭން އޭނަ މަސައްކަތް ކުރަން ބޭނުމެވެ.

"ތަށިތައް އަތުރާލެވެންވާއިރަށް ދާންވީނު ޒާރާ ކޮބާތޯ ބަލާލަން" މަންހާ ގޮނޑީގައި އިށީނުމުގެ ބަދަލުގައި އިމީއަށް އެހީވަމުން ބުނެލިއެވެ. ދާއިންއަށްވެސް އެއީ ރަނގަޅު ގޮތެއްކަމުގައި ފެނުނެވެ. މޫމިނާ ހިތްހަމަޖެހުމުގެ ނަޒަރަކުން މަންހާއަށް ބަލާލިއެވެ.

"ޕިސް، ޕިސް............ޒާރާ........ޒާރާ.........." ކޮޓަރިތެރެއަށް ވެފައޮތްގޮތް ފެނި ދާއިން ދެފަރާތަށް ބޯހޫރުވާލާފައި ޒާރާއަށް ގޮވަންފެށިއެވެ. ކޮޓަރީގައި ނެތުމުން ފާހާނާގައި ވެދާނެއޭ ހީކޮށް ފާހާނައިގެ ދޮރުގައި ޓަކި ޖަހާލަމުން ގޮވިއެވެ. އެހިނދު ފާހާނާ ދިއްލުމަށް ފާރުގައި ހަރުކޮއްފައި ހުރި ސްވިޗު ދާއިންގެ ލޮލުގައި އަޅައިގަތެވެ. ސުވިޗު ހުރީ ނިތްވާލާފައެވެ. ދާއިން ވަގުތުން ފާހާނައިގެ ދޮރުގެ ތަޅުގައި ހިފާއަނބުރާލިއެވެ. ހުޅުވިގެން ދިޔަ ދޮރާއެކީ ފެނުނީ އަނދިރިކަން ވެރިވެފައިވާ ފާހާނާއެވެ. އެތަނުގައި އެކަކުވެސް ނެތެވެ. ދާއިން ހާސްވާގޮތްވިއެވެ. ކޮޓަރިތެރޭ ހުރި އެއްޗެހިތަށް ފައިން އެއްފަރާތްކުރަމުން ވަރަށް ބަލައިގެން ނުކުތެވެ. އެތަނުގައި ބިއްލޫރިކޮޅުތައްވެސް ހުރުމުގެ ސަބަބުންނެވެ.

"މަންމާ...........މަންމަ ފަތިސް ނަމާދަށް ތެދުވެފައި ކޮޓަރިން ނުކުތިންތަ" ކުޑަކޮށް ހާސްވެފައި ދާއިން އަހާލިއެވެ.

"ނޫން، ނުނިކުންނަން، ކީއްވެ ތިހެން ތިއެހީ" މޫމިނާ ސުވާލުގެ ނަޒަރަކުން ދާއިންއަށް ބަލާލާފައި ބުނެލިއެވެ.

"ޒާރާއެއްނެތް، އޭނަ ދިޔައީ ކޮންތާކަށްބާ" ދާއިންއަށް އުނަގަނޑުގައި ދެއަތްވިއްދާލުމާއިއެކު ބުނެލެވުނެވެ. މަންހާއަށް ކުއްލި ހައިރާންކަމެއް ލިބިގެން ދިޔައެވެ. ބިއްލޫރިތައްޓަށް ޖޫސްއަޅަމުންދިޔަ މަންހާ އެކަން ހުއްޓާލިއެވެ. އަދި ޒާރާ ފާހާނާގައި ވެދާނެއޭ ބުނެލިއެވެ. އެއާއިއެކު ދާއިން މަންހާއަށް ޖަވާބުދިނެވެ. ސޯފާގައި ނެހާ އާއި ސަމާސާކުރަން އިން އަފްޝީންއަށްވެސް ދާއިންގެ އަޑުއިވުނެވެ. އެންމެންގެ މޫނުމަތިން ހާސްކަން ފެންނަންފެށިއެވެ.

"އަޅުގަނޑަށް ބޮޑަށް ހީވަނީ ޒާރާގެ މަންމަ ކައިރިއަށްހެން އެދިޔައީ، އޭނަ ދާނެ އެހެންތަނެއް ނުހުންނާނެ" ދާއިން ވިސްނާލާފައި ބުނެލިއެވެ.

"ދާއިން ދާންވީނު އެގެއަށް" ދާއިންގެ ޖުމްލަ ނުނިމެނިސް މަންހާ ބުންޏެވެ. އޭނަ ބުނިއެއްޗަކާ މޫމިނާވެސް އެއްބައިވިއެވެ. ސައިބުއިމެއްނެތި އަވަސް އަވަހަށް ދާއިން ނުކުންނަން ހިނގައިގަތެވެ. އެހެންނަމަވެސް ހުއްޓި މަންހާއަށް ގޮވާލިއެވެ.

"އަންނަންވީނު" ދާއިން އަހާލިއެވެ.

"މިވަގުތު އަޅުގަނޑު ދިއުން ރަނގަޅެއް ނުވާނެ، އެހެންނޫންތަ މަންމާ" މަންހާ ދާއިން އާއި މޫމިނާއަށް އެއްފަހަރާ ބަލާލިއެވެ.

"އެއީތެދެއް، ޒާރާ ނުކުމެގެން އެދިޔައީ ރޭގެ ކަންތަކަށްފަހު، މަންހާ ގެންދިއުން އެހާ ރަނގަޅެއްނުވާނެ، ޒާރާގެ އެރުޅި އާއި މަންހާ އާއި ގުޅުމެއްވާކަން މަންމައަށްވެސް އެނގޭ" މޫމިނާ އޭނައަށްވެސް ދާއިންގެ ދިރިއުޅުމުގެ ތެރޭ ހިނގާ ކަންތައްތައް ކޮންމެވެސް ވަރަކަށް އެނގޭކަން އަންގާލިއެވެ. ދާއިން ބޯޖަހާލާފައި އެޕާޓްމެންޓުން ނުކުތެވެ. ދާއިން ގަރާޖުގައި އޮތް ކާރަށް އެރުމަށް ދިޔައިރުވެސް އޭނަ ހުރީ ޒާރާގެ އެނިންމުމާއިމެދު ހިތްހަމަނުޖެހިފައެވެ. އަނެއްކޮޅުން ޒާރާ އޭނަގެ މަންމަމެންގެއަށް ނުގޮސްފިއްޔާ ދެން އޭނަ ހޯދަން ދާނެތަނެއްވެސް ދާއިނަށް ނޭގެއެވެ. އެހިޔާލުވެސް އޭނައަށް އުނދަގޫކުރަމުންދިޔައެވެ.

"ޒާރާ، އާދެބަލަ ކޮޓަރިއަށް" ފަލަކް ޒާރާއަށް ގޮވާލާފައި ބުނެލިއެވެ. އޭރުވެސް ޒާރާ ފަހީމާގެ ކޮޓަރީގެ އެނދުގައި އޮވެ ބާލީހުގައި މޫނުފޮރުވާލައިގެން އޮވެރޮނީއެވެ. ފަލަކްއަށް ޒާރާ އައިކަން އެނގުނީ ހެނދުނު ސައިބޯން ބަދިގެފަރާތަށް އައުމުންނެވެ. އޭނަގެ ދޮށީދަރިވެސް އޮފީހަށް ފޮނުވާލުމަށްފަހު ފަހީމާގެ ކޮޓަރިއަށް އޭނަ ވަނީ އެހެންވެއެވެ. ޒާރާ ގެއަށް އައުމުން އޭނައަށްވެސް ވަނީ ކުއްލި ހައިރާންކަމެއް ލިބިފައެވެ. ކަންތައްތައް ވަރަށް ގޯސްވެއްޖެކަން ފަލަކްއަށް އެނގުނީ ދެނެވެ.

"ކީއްކުރަން އޭނަ ތިކޮޓަރިއަށް ގެންދަނީ، ފަލަކްގެ ކަންތަކޭ މީ، މީނަ ބޭނުންވަނީ އެހެންމީހުންގެ ދިރިއުޅުންވެސް މީނަގެ ދިރިއުޅުންގޮތަށް ހަލާކުކޮއްލަން، ބަލަ ތިގޮތަށް އުޅެގެން މިހިސާބަށް އައިއިރު ރަނގަޅު ދިރިއުޅުމެއް ލިބުނުތަ؟ މިހާރު ދެދަރިންވެސް އެތިބީ ބޮޑެތިވެފަ، އެކުދިން ދިރިއުޅުން ފަށާވަރުވެފަ، އެކަމަކު އަދިވެސް ފަލަކް ހީވަނީ އިއްޔެއްމެންދުރުގެ ޅަކުއްޖެއްހެން، ބަލަ އަންހެނުންނަކަށް ޅަވެގެން ތިއްތިހެދިގެން މުޅިއުމުރުދުވަހަކު ނޫޅެވޭނެޔޭ..............." ޒާރާއަށް ސައިހަދައިގެން ތަބަކެއްގައި ތަށިތައް އަތުރައިގެން އައިސް ކޮޓަރި ދޮރުމަތީ ހުރި ފަހިމާ ރުންކުރުގޮތަކަށް ވާހަކަދެއްކިއެވެ.

"އެއްކަލަ މަންމަ، ހީވަނީ އަހަރެންހެން މީ ޒާރާގެ އެންމެ ބޮޑު ދުޝްމިނަކީ، އަހަރެން ކީއްތަ ކުރީ، އަހަންނެއް ނުބުނަން ޒާރާ ކައިރީ މިގެއަށް އަންނާށޭ، އޭނަގެ ފިރިމީހާ ދޫކޮއްލާށެކޭ...........އެހެންނޫނަސް ލޯބިދޭން ނޭގޭ މީހަކާ އިނދެގެން އުޅުމަށްވުރެ ރަނގަޅުވާނެ ހުސްހަށިބަޔަށް ހުއްޓަސް، އެ ދާއިން ޒާރާއަށް އެހަދަނީ އޭނަ ބޭނުންގޮތެއް..........ހުއް....ވަރަށް ފޫހިވޭ، އެކަހަލަ ފިރިހެނެއްގެ އަންބަކަށްވެގެން މުޅި އުމުރު ދުވަހު އުޅެން މަންމަ ހުރޭ، އަހަންނެއް ނުހުންނާނަން، އަދި ޒާރާއަށް އެހެންވާތަން ދެކޭކަށް އަހަންނަށް ކެތެއްނުވާނެ، އަހަރެންގެ ކޮއްކޮ އެހާލުގަ އުޅެން ދޫކޮއްށެއް ނުލާނަން" ފަހީމާގެ ވާހަކަ މެދުކަނޑާލާފައި ފަލަކް އޭނަ ބުނަންބޭނުންވި އެއްޗެއް ބުނެލިއެވެ. އަދި ފަހީމާއަށް ބަލާލަމުން ތުންއަނބުރާލާފައި ޒާރާގެ ބޮލުގައި ފިރުމާލިއެވެ.

"ބަލަ ފަލަކްގެ ކޮއްކޮއަކަށް ޒާރާ ވުމުގެ ކުރިން އޭނަ އަހަރެންގެ ދަރިއަކަށްވެއްޖެޔޭ، އަހަރެން ވަކި ނޭދޭނެތަ އޭނަ އުފަލުގަ އުޅޭކަށް، އަހަރެންމީ މަންމަވިއްޔަ...........އަހަރެން ދާއިން ރަނގަޅު ކުރަނިއްޔެއްނޫން، އެކަމަކު ދާއިންއަކީ ނުބައި ފިރިހެނެއްނޫން، ޒާރާވެސް ދޮގު ހަދަންބޭނުންނުވަންޏާ މަންމަ މިބުނާ ވާހަކައަށް ދެކޮޅުހަދާކަށް ނުކެރޭނެ، ދާއިން ޒާރާއަށް ކިތަންމެހާވެސް ހެޔޮ، އެކަމަކު ވީކަމެއްވީ ތަޤްދީރުގެ ގަލަމުން އެކަން އެގޮތަށް ވުމަށް ލިޔެވިފައި އޮތުމުން، އެކަން ލިޔުއްވި ފަރާތަކީ އަހަރުމެންގެ ބާރުފޯރާވަރަށްވުރެ މަތިވެރިވެގެންވާ ފަރާތެއް..........މިންވަރުފުޅަށް ޝުކުރުވެރިވާންވާނެ، ޒާރާވެސް ރުޅިގަދަނުވެ ނިކަން ސިކުނޑިން ވިސްނާލަބަލަ، މަންމަ އެވަރަށް ބުނީމަވެސް ފަތިސްނަމާދަށް އަރާނުލި، އެކަލާނގެ އަޅުތަކުންނަށް އުފަލާ ހިތްހަމަޖެހުން ދެއްވާނީވެސް އެކަލާނގެއަށް ސަޖިދައެއް ޖަހާލާނަމަތާ، އެއްވެސް އުފަލަކީ ތާއަބަދަށް ދެމިގެން ހިނގައިދާނެ އެއްޗެއްކަމަށް އެއްގޮތަކަށްވެސް ހީކޮއްގެންނުވާނެ، ދެއްވާ ފަރާތުން އެކަން އަހަރުމެންގެ އަތުން ނިއުޅައި ގަތުމުގެ ބާރުވެސް ލިބިގެންވޭ................ދަރިފުޅު ތިގޮތަށް ރުއިމުގެ ބަދަލުގައި ހިތްވަރުކޮށް ﷲއަށް ދުޢާކޮއްބަލަ، ހިތަށް ހަމަޖެހުންދެއްވާ ކެތްތެރިކަން ދެއްވާ ރަނގަޅު ގޮތް އިލްޚާމް ކޮއްދެއްވުމަށްއެދި، މަންމަ އުއްމީދުކޮއްގެން ހުރީ ދަރިފުޅަކީ ފަލަކްއަށްވުރެ ހެޔޮވިސްނޭ ދަރިއެއްކަމަށް، އެކުއްޖާއަށްވެސް ވިސްނާދެވުނުވަރު މާތް ﷲ ދެނެވޮޑިގެންވާނެ، އެހެންވިޔަސް ދަރިފުޅުގެ ދިރިއުޅުން އަމިއްލައަށް ހަލާކުގެ ތެރެއަށް އެއްލާލަފާނެއޭ މަންމަ ދުވަހަކުވެސް ހިއެއްނުކުރަން..........................ހައްދަވާބޮޑުކުރައްވި ރަސްކަލާކޮ، މިއަޅާގެ އެއްވެސް ދަރިއަކަށް ރަނގަޅުދިރިއުޅުމެއް ލިބުން އިބަރަސްކަލާނގެ މިންވަރު ފުޅުގައި ނުވަނީތޯ، ޔާ ﷲ އެކުދިންގެ ހިތްދަތިކަމަކީ މިއަޅާގެ ހިތްދަތިކަމުގައި ލައްވަވާ، މިއަޅާގެ ހިތްހަމަޖެހުން އެކުދިންގެ ހިތުގެ ހިތްހަމަޖެހުން ކަމުގައި ލައްވަވާންދޭވެ................" ފަހީމާގެ ދެލޮލުން ކަރުނައެވެ.

"މަންމާ............." ޒާރާ ރޮމުން ތެދުވެ ފަހީމާއަށް ގޮވާލިއެވެ. ސައިތަބަށް ހިފައިގެން އަވަސް ފިޔަވަޅުގައި ފަހީމާ ޒާރާގެ ގާތަށް ދިޔައެވެ. އަރިމަތީ ހުރި ކުޑަ ކަބަޑުމަތީ ސައިތަބަށް ބަހައްޓާފައި ޒާރާގެ ކައިރީގައި ފަހީމާ އިށީނދެ ޒާރާގެ ދެލޯ ފޮހެލަދިނެވެ.

"މަންމާ، އަހަރެން ދާއިން ބޭނުން، އެކަމަކު އޭނަ އަހަރެން ބޭނުމެއްނޫން، އެގޭގަ ހުރިހާވެސް މީހަކީ މަންހާ............އަހަންނަކީ އެއްވެސް މީހެއްނޫން............" ޒާރާ ފަހީމާގެ ކޮނޑުގައި ބޯއަޅާލަމުން ބުނެލިއެވެ.

"ދާއިން އެއްޗެކޭ ބުނީތަ، އެކަމަކު ދަރިފުޅާއެކު ކިތަށް އަހަރުމިވަނީ އިނދެގެން އުޅޭތާ، މިހުރިހާ ދުވަހު ނުބުނި އެއްޗެއް މިހާރު ބުނެދާނެހެން މަންމައަށް ހީނުވަނީ، ޔަގީންތަ ދަރިފުޅު ރުޅިއައިސްގެން ކަމެއް ނުކުރަންކަން........." ފަހީމާއަށް ދާއިން އާއިމެދު އިތުބާރުކުރެވެއެވެ. އޭނައަށް ޒާރާގެ ގޮތްވެސް އެނގެއެވެ.

ގޭތެރޭއިން ސަލާމްގޮވާ އަޑުއިވުމާއިއެކު ފަހީމާ ފަލަކްއަށް ބަލާލަމުން ކާކުތޯ އައީ ބެލުމަށް ބުންޏެވެ. އަދި ޒާރާ ގާތު ސައިބޮއެގެން ހުރިހާ ވާހަކައެއް ދައްކާނީ ކަމުގައި ބުނެ އޭނައަށް ސައިދޭން މަސައްކަތްކުރިއެވެ.

ކުއްލިއަކަށް ފަލަކު މީހަކާ ޒުވާބުކުރާ އަޑުއިވިގެން ފަހީމާ ކޮޓަރިތެރެއިން ނުކުމެގެން ސިޓިންރޫމަށް އައެވެ. އޭނަގެ ފަހަތުން ޒާރާވެސް އެތަނަށް އައެވެ. އޭރު ދޮރުމަތީ އިސްޖަހާލައިގެން ހުރި ދާއިން ފަހީމާއަށް ފެނި ފަލަކުއަށް ހަޅޭލަވައިގަތީ ޒުވާބު ހުއްޓާލުމަށް ބުނަމުންނެވެ.

"ކިހާދެރަކަމެއް ފަލަކު، ތިޒުވާބުކުރުން ހުއްޓާލަފާނަންތަ.........ދާއިން ދަރިފުޅު ތިއައީ ޒާރާ ބަލާ ދޯ.........." ފަހީމާ ފަލަކުގެ އެޢަމަލާއިމެދު ހިތްހަމަނުޖެހިފައި ހުރެވެސް ދާއިން އާއި ކުރިމަތިލީ ހިނިތުންވެލަމުންނެވެ. އެހިނދު ދާއިން ފަހީމާއަށް ބަލާލާފައި ބޯޖަހާލީ އާއެކޭ ބުނުމަށެވެ.

"މަންމައަށް އޭރުވެސް އެނގުނު ދަރިފުޅު ޒާރާ ބަލާ އަންނާނެކަން.........ވަދޭ އެތެރެއަށް" ފަހީމާ ބުނެލިއެވެ. ދާއިން ސިޓިންރޫމަށް ވަންނަމުން އޭނަގެ ދެލޯ ހޯދާލީ ޒާރާއެވެ. ރުޅިވެރިމޫނެއް ދައްކައިގެން އެއްފަރާތެއްގައި ހުރި ޒާރާ ފެނުމާއިއެކު ދާއިންއަށް އޭނައަށް ގޮވާލެވިއްޖެއެވެ.

"ހިނގާ ގެއަށްދާން، މިއައީ ޒާރާ ބަލާ" ދާއިން މާގިނަ ވާހަކަތަކެއް ދައްކަން ނުހަދާ ސީދާ އައިބޭނުން ހާމަކުރިއެވެ.

"އޭނަ ގެންދަން އުޅޭނެކަމެއްނެތް، މާރަނގަޅު މީހަކަށް ހެދެން އެބައުޅެއެއްނު، ޒާރާދެކެ ލޯބިވާނަމަ އޭނަ އެހާލުގައި މިގެއަށް އަޔަކަނުދޭނެ، އަދި ދާއިން ދެވަނަ ކައިވެންޏެއްވެސް ނުކުރީސް..........ކީއްކުރަންތަ މިގެއަށް ތިއައީ" ފަލަކު އަނެއްކާވެސް ފެށިއެވެ. ދާއިން ދެލޯމަރާލަމުން ދެދަތްޕިލާ ޖައްސާބާރުކޮއްލީ ފަލަކުދެކެ އަންނަމުންދިޔަ ރުޅި ކޮންޓްރޯލުކޮށް އޭނަ ކިޔަމުންދިޔަ އެއްޗެހި ހަޖަމުކުރުމަށްޓަކައެވެ. ފަހަރެއްގަވެސް ޒާރާގެ ގޭމީހުން ކުރިމަތީ އަދަބުކުޑަވާފަދަ ކަމެއް ކުރަން ބޭނުންނުވާތީއެވެ. ފަހީމާއަށްވެސް ފަލަކުގެ ދޫހިމޭން ކުރެވޭވަރެއްނުވިއެވެ.

"ޒާރާ......" ދާއިން ޒާރާ އާއި ދިމާލަށް ހިނގައިގަތެވެ.

"ހިނގާ ދާން، މަންމަމެން ތިބީ ހާސްވެ ކަންބޮޑުވެފައި...............ހިނގާ........." ޒާރާ އަނގައިނުބުނެ މެޔާދިމާލުން އަތްހުރަސްކޮއްލައިގެން ހުއްޓަ ދާއިން އޭނަގެ ކޮނޑުގައި ހިފާލާފައި ދެންވެސް އޭނައާއިއެކު ދިއުމަށް އެދުނެވެ. އެހިނދު ޒާރާ ރުޅިވެރިކަމާއިއެކު ދާއިންގެ އަތްފޮޅުވާލިއެވެ.

"ތިގެއަކަށް އަހަންނެއް ނުދާނަން...........އެމަންހާ އެގޭގަ އުޅޭހާ ދުވަހަކު ނުދާނަން ތިގެއަށް، އަހަރެންގެ ގެއަކީ މީ............" ޒާރާ ރުޅިވެރިކަމާއިއެކު ބުނެލިއެވެ. ހަދާނެގޮތް ހުސްވެފައިވާ މީހަކުފަދައިން ފަހީމާއަށް ބަލާލެވުނެވެ.

"ޒާރާ، ރުޅިމަޑުކޮއްބަލަ..........." ދާއިން ޒާރާގެ ރުޅިމަޑުކުރެވޭތޯ ވާހަކަދައްކަން ފެށީ ވަރަށްވެސް މަޑުމައިތިރިކަމާއިއެކުއެވެ. އެހެންނަމަވެސް ޒާރާ އޭނަގެ ވާހަކައަޑެއްނޭހިއެވެ.

"ކޮންމެހެން ހާސަރުދިގުކުރަން އުޅޭނެކަމެއްނެތް، އަހަރެން ގެންދަން ބޭނުމިއްޔާ ދާއިން ޖެހޭނީ މަންހާ ވަރިކުރަން، އިތުރަށް އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއްނޫން، މަންހާވަރިކޮއްފަ އާދޭ އަހަރެން ބަލާ" ޒާރާ ހަރުކަށިކަމާއި ގޮތްދޫނުކުރުމާއިއެކު ދާއިންގެ ކުރިމަތީ ދާދިގާތުގައި ހުއްޓި އޭނަ އާއި ލޮލާލޯ އަމާޒުކޮއްލާފައި ބުނެލިއެވެ. ޒާރާގެ ނިންމުން ބަދަލުނުވާނެކަން އެހަރަކާތުން އޭނަ ބުނަންބޭނުންވި ކަހަލައެވެ.

"ޒާރާ، ދަރިފުޅާ...........ކީކޭތަ ތިކިޔަނީ...........ތިހެން ބުނާކަށްނުވާނެ، ކުރިމަތީގަ ތިހުރީ ދަރިފުޅުގެ ފިރިމީހާއޭ" ފަހީމާއަށް އިވޭ އަޑުތަކަށް ކެތްނުވެގެން ބުނެލެވުނެވެ.

"މަންމަވެސް އިތުރަށް ދާއިން ރަނގަޅުކުރަން ނަހަދާ، އަހަރެން ބޭނުމެއްނޫން ދާއިން އާއިއެކު އުޅޭކަށް" ޒާރާ މިހެން ބުނެލިއިރު އޭނައަށް އެބުނެވުނީ ކިހާވަރެއްގެ އެއްޗެއްކަން ނުވިސްނޭކަހަލައެވެ. ފަހީމާއަށް ތަންކޮޅެއް ބާރަށް ޒާރާގެ ނަންކިޔާލެވުނެވެ. ޒާރާ އެފަދަ ނިންމުމަކަށް ހިނގައިދާނެކަމަށް ފަހީމާ އެއްގޮތަކަށްވެސް އުއްމީދެއްނުކުރެއެވެ. އޭރު ދާއިންގެ މޫނުމަތިން ފެންނަނީ ފޫހިކަމާއި ރުޅިވެރިކަމެވެ.

"އަހަރެން އެއްވެސް އިރެއްގަ ޒާރާއަށް ދެރައެއްދޭކަށް ނޭދެން، އަދި މިހާރު ޒާރާއަށް އެނގިފަ އޮންނަންވާނީ އަހަރެން ޒާރާދެކެވެސް ލޯބިވާކަން، އެކަމަކު އަހަރެން އަދިވެސް މިބުނަނީ.............އަހަރެން ޒާރާ ވަރިކުރާކަށް ބޭނުމެއްނޫން، ހަމައެގޮތަށް އަހަރެން މަންހާވެސް ވަރިއެއްނުކުރާނަން...............އެއްފަހަރު ނަމަވެސް ޒާރާ ނިކަން ވިސްނާލަބަލަ، ޒާރާއަށް ކުރެވުނު ކަންތައްތަކާމެދުގަ، އެވަރު މަންހާއަށް ކުރިއިރު އޭނަގެ އަނގައިން ޗުއްޕުވެސް ބުނެނުލާ ހުރީ ޒާރާ ހެދިހާ ގޮތެއް ހެދިގެން، އަހަރެންމީ އެހެންމީހަކުނަމަ ޒާރާ ދޫކޮއްލާފަ ގެއަށް ފޮނުވާލީސްކަން ޔަގީން...........އެކަމަކު އެއީ އަހަރެންގެ ގޮތެއްނޫން، އަހަންނަކީ ޒާރާހާ ރަޙުމްކުޑަމީހެއް ނޫން، މިހިރީ...................މިހިރީ އެދުވަހު ޒާރާ އަހަންނަށް އޮޅުވާލުމަށްޓަކައި އެމީހެއްގެ އެހީ ހޯދިމީހަކީ، ކިހާ ބޮޑު އިލްޒާމެއް ޒާރާ މަންހާގެ ބޮލުގައި އަޅުވަން އުޅުނީ، އޭގެ އިތުރުން މަންހާގެ މުޅި ދިރިއުޅުން ހަލާކުކޮއްލަން ޒާރާ ފައިވިއްދާލަފަހުރީ...........މަންމާ، މަންމަގެ މިދަރިފުޅު މުޅިން ބަދަލުވެއްޖެ، މީ އަހަރެން ކައިވެނިކޮއްގެން މަންމަގެ އަތުން ގެންދިޔަ ޒާރާއެއްނޫން، އޭނައަކަށް ނުކެރޭނެ އަހަރެންގެ ކުރިމަތީ މިގޮތަށް ވާހަކަދައްކާކަށް، އަދި އޭނަ އެހެންމީހަކަށް ދެރައެއްވެސް ނުދޭނެ..............އަހަރެން ޒާރާގެ މަތިން މުޅިން ފޫހިވެއްޖެ، އެހެންވިޔަސް ޒާރާއަށް އެނގޭތަ، އަދިވެސް މަންހާ އަހަރެންގެ ގާތުން އެދެނީ ޒާރާއަށް މާފުކުރުމަށް، ޒާރާއަށް ވަގުތު ދިނުމަށް، އޭނަ ގަބޫލުކުރަނީ ތީވެސް އޭނަފަދަ އިންސާނެއްކަން، އޭނަފަދަ އަންހެނެއްކަން...........އޭނަ ފަދައިން ޒާރާވެސް އަހަރެންދެކެ ލޯބިވާކަން، އެކަމަކު މިއަދު އަހަންނަށް އެނގިއްޖެ....................ވަރަށް ރަނގަޅަށް އެނގިއްޖެ..............މަންހާ އަހަރެންދެކެ ވާލޯތްބާ އެއްވަރަށް ކީއްކުރަން އެއާގާތަށްވެސް ޒާރާއަށް އަހަރެންދެކެ ލޯތްބެއް ނުވެވޭކަން، އަނެކާގެ އުފަލާ ހިތްދަތިކަން ތަޙައްމަލު ކުރަން ނޭގޭ މީހަކަށް ލޯބިވާކަށް ނޭގޭނެ، ލޯބިވުމަކީ ހާޞިލްކޮށް ތިމާގެ މުށުތެރޭ ގައިދުކުރުމެއްނޫނޭ................އަހަރެން މިދަނީ، ޒާރާ ހޯދާކަށްވެސް، އުނދަގޫކުރާކަށްވެސް.................އަހަރެން ދެނެއް ނާންނާނަން، ޔަގީންކުރޭ އަހަރެން ޒާރާ ކުރި ހުރިހާ ކަމަކަށް މާފުދީފިންކަން، ޒާރާ ބޭނުމިއްޔާ އަހަރެންގެ ކައިރިއަށް އެނބުރި އަންނަންވީ..........އެކަމަކު އަހަރެން އިންތިޒާރުކުރާނީ މިއަދުގެ އިރުއޮއްސެންދެން، ވިސްނާނެ ވަގުތު އަދި އެބައޮތް، އޭގެ ފަހުގަ ތީ މިނިވަނެއްކަމުގައި ހީކޮށް މިގޭގައި މަޑުކޮއްލާ.............ހަމަގައިމުވެސް އަހަރެން ޒާރާއަށް އިތުރު ފުރުޞަތެއްނުދެޔޭ ނުބުނެވޭނެ...........އަހަރެން ވަރަށް ލޯބިވިން ޒާރާދެކެވެސް........." ދާއިން ޒާރާގެ ދެކޮނޑުގައި ހިފާގާތްކޮއްލުމާއިއެކު ޒާރާގެ ނިތުގައި ބޮސްދީފިއެވެ. އަދި އެގެއިން ނުކުމެގެން ދިއުމަށް ހިނގައިގަތެވެ. ހުރިފިޔަވަޅުމަތީ ހުރެ ޒާރާ ރޮމުންދިޔައެވެ. ފަހީމާއަށް ލިބުނު ސިހުމާއިއެކު އަނގަމަތީ އަތްއަޅާލެވުނެވެ. އަމިއްލަ ދަރިއަށްވުރެ ލޯބިވާ ޒާރާގެ ދިރިއުޅުން ނިމުމަކަށް އަތުވެއްޖެކަން އެނގުމުން އެދެލޮލުންވެސް ކަރުނަފައިބައިގަތެވެ.

"ހުއް..........ކަލޭ ހީކުރީ ޒާރާ ވަރިކޮއްލާނަމޭ ބުނެ ބިރުދެއްކީމަ އޭނަ ފަހަތުން އާދޭސްކުރަން ދާނެކަމައްތަ، ހީކުރާ ގޮތްދޯ........." ފަލަކް ބުނަންއުޅުނު އެއްޗެއް ނުބުނެވުނެވެ. ކުއްލިއަކަށް އޭނައަށް އިޙްސާސް ކުރެވުނީ ފަހީމާގެ އަތްތިލަ އައިސް އޭނަގެ މޫނުގައި ޖެހުނުކަމެވެ. އެންމެ ފަހަރަކު ނޫނެވެ. ދާއިން ބަލާލުމެއްނެތި އެނގެއިން ނުކުމެގެން ހިނގައްޖެއެވެ.

"މިހިރަ ސުންޕާ އަންހެނާ، ކަލޭގެ ނުބައި ސުންޕާ ކަމުގެ ހިޔަނި އެދަރިފުޅުގެ ދިރިއުޅުން މުޅިން ބަރުބާދު ކުރީ، އަދިވެސް ހިތެއްނުފުރޭތަ............ކަލޭގޮތަށް އެއްވެސް ދިރިއުޅުމެއްނެތި ކާޅުވެގެން އުޅެންތަ ޒާރާ ކައިރީވެސް ތިބުނަނީ.............ހުރި ނުބައިކަން ނިކަން ދެކެބަލަ........... އަހަރެންގެ ކައްވަޅުގަވެސް ކަލެއާއި ހެދި ނޯވެވޭނެކަން ޔަގީން..............." ފަހީމާ ރޮމުން ރޮމުން ފަލަކްގެ ގައިގާ ތަޅަމުންދިޔައެވެ. ޒާރާ ދުވެފައި އައިސް މަންމަގެ ގައިގާ ހިފެހެއްޓިއެވެ. ފަލަކް ފަހީމާގެ އަތްދަށުން ސަލާމަތްވެގެން އޭނަގެ ކޮޓަރި އާއި ދިމާލަށް ދުއްވައިގަތެވެ.

ދާއިން އަންނާނެ އިރެއްގެ އިންތިޒާރުގައި އެންމެން ސިޓިން ރޫމުގެ އެކިތަންތަންކޮޅުގައި ތިއްބެވެ. ބަސްމަދުވެ ހިމޭންކަން ވެރިވެފައިވެއެވެ. ޒާރާ އާއިމެދު މޫމިނާ ކަންބޮޑުވުމަށްވުރެ އޭނަ ހާސްވެފައި ހުރީ ދާއިން ކަންތައްކުރާނެ ގޮތެއް ނޭނގޭތީއެވެ. ހުދު އޭނައަށްވެސް މިހާރު ޒާރާގެ ގޮތް އެނގެއެވެ. ދާއިން ސިއްރުކުރިޔަސް އޭނަގެ ތަޖުރިބާ މާގިނައެވެ. އެހެންވެ ލޮލަށް ފެންނަ މަންޒަރުތަކުން ގޭތެރޭގެ ހާލަތު ދެނެގަތުން އުނދަގުލެއްނޫނެވެ. ޒާރާ ބޭނުންވަނީ މަންހާ އެގެއިން ބޭރުކޮއްލަންކަން މޫމިނާއަށް އެނގެއެވެ. އެހެންވިޔަސް އެގޮތަށް އެކަން ވިޔަކަ އޭނަ ނުދޭނެއެވެ. ދާއިންގެ ހިތެއް އޭނައަކަށް ނޭނގެއެވެ. މިހާތަނަށް އައިއިރުވެސް ރޭގަ ނޫނީ ދާއިން ޒާރާ އާއި އެފަދަ ގޮތަކަށް ކުރިމަތިލާފައެއްނުވެއެވެ. ކޮންމެ ގޮތެއްވިޔަސް މަންހާއަށް ދެރައެއް ލިބޭފަދަ ނިންމުމެއް ދާއިން ނިންމިޔަކަ އޭނަ ނުދޭނެއެވެ.

"ކޮބާ ޒާރާ" ކުއްލިއަކަށް ކާމޭޒު ދޮށުގައި އިން މަންހާގެ އަޑަށް ސޯފާގައި އިން މޫމިނާ ބަލާލިއެވެ. އޭރު އެޕާޓްމެންޓުގެ ދޮރު ހުޅުވާލާފައި ދާއިން ވަންނަނީއެވެ. މާޔޫސްވެފައިވާ މޫނަކާއިއެކުއެވެ. މޫމިނާއަށްވެސް އަވަސް ފިޔަވަޅުގައި އައިސް ދާއިންގެ ގާތުގައި ހުއްޓިލަމުން ކުރެވުނީ ހަމަ އެއްސުވާލެކެވެ.

"އިރުއޮއްސުނީމަ އެނގޭނީ..........." ދާއިން މޫމިނާއަށް ބުނެލަމުން މަންހާއަށްވެސް ބަލާލިއެވެ.

"ކޮންކަމެއްތަ އިރުއޮއްސުނީމަ އެނގޭނީ، ޒާރާ ބުނީތަ އިރުއޮއްސުނީމައޭ އަންނާނީ" މޫމިނާއަށް އަހާލެވުނެވެ.

"އޭނަ އަންނާނެކަން އެނގޭނީ އިރުއޮއްސުނީމަ، އޭގެ ފަހުގަ މަންމައަށްވެސް އަޅުގަނޑު ވަކިޖަވާބެއް ދެއްވާނަން" މިހެން ބުނެ ދާއިން ހިނގައިގަތީ މަންހާގެ ގާތަށެވެ. މަންހާއަށް ދާއިންގެ އުދާސްވެފައިވާ މޫނުފެނެއެވެ. އަދި އޭނަގެ އިޙްސާސްތައްވެސް ދެނެގަންނަން އެނގެއެވެ. އެހެންވެ އިތުރު އެއްވެސް ސުވާލެއް ނުކުރިއެވެ. އޭނާގެ ގާތަށް ދާއިން އައިސް ހުއްޓުމާއިއެކު ދާއިންގެ ދެއަތްތިލާގައި ހިފާ މަޑުމަޑުން ބާރުކޮއްލީ ހުރިހާ ކަމެއްވެސް ރަނގަޅުވާނެއޭ ބުނާފަދަ ގޮތަކަށެވެ. އެހިނދު ދާއިން އެއްއަތުން މަންހާގެނެސް މޭގައި ޖައްސާލިއެވެ.

(ނުނިމޭ)