އީގަލްސް

އަނެއްކާވެސް އީގަލްސްގެ ޗެއާމަނަކަށް ސަރަނގު

ކުލަބު އީގަލްސްގެ ޗެއާމަނަކަށް އަނެއްކާވެސް ސަރަނގު އާދަމް މަނިކު އިންތިހާބު ކޮށްފި އެވެ.

އީގަލްސްގެ ޗެއާމަންގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމެވެ. ދެހާސް ސޯޅަ ވަނަ އަހަރު އީގަލްސްގެ ޗެއާމަން ކަމަށް އިންތިހާބުވެ ވަޑައިގެންނެވި ޝިޔާމް ވަނީ ދާދި ފަހުން މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

މާލޭ ސިޓީގެ ފުރަތަމަ މޭޔަރުގެ މަގާމު އަދާ ކުރެއްވި، ސަރަނގު އާދަމް މަނިކު ވަނީ މީގެ ކުރިންވެސް އީގަލްސްގެ ޗެއާމަން ކަމުގެ މަގާމު ފުރުއްވާފަ އެވެ.

އޭނާގެ ޗެއާމަން ކަމުގެ ދަށުން އީގަލްސް ވަނީ 2011 ވަނަ އަހަރު ފުރަތަމަ ޑިވީޝަންގެ ޖާގަ ހޯދާފަ އެވެ. އަދި 2012 ވަނަ އަހަރު ބޮޑެތި ހަރަދުތަކެއް ވަރުގަދަ ޓީމަކާއެކު ކުލަބު ނުކުތެވެ. އެގޮތުން ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލް ގަނީ އާއި ގައުމީ ޓީމުގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) މާޒިޔާއަށް މިހާރު ކުޅެމުން އަންނަ ޑިފެންޑަރު އަބްދުﷲ ހަނީފު (ބެންޖޯ) ހޯދި އެވެ.

އެ އަހަރު އެފްއޭ ކަޕް ފައިނަލަށް އީގަލްސް ދަތުރު ކުރި އެވެ. ނަމަވެސް އެ އަހަރުގެ ވަކި ހިސާބަކުން އޭނާ ކުލަބުން އިސްތިއުފާ ދެއްވުމުން އުނދަގޫ ހާލަތަށް ކުލަބު ވެއްޓިގެން ދިޔައީ އެވެ. މިހާރު އީގަލްސްއަކީ ރާއްޖޭގެ އެންމެ ވަރުގަދަ އެއް ޓީމެވެ. މިދިޔަ ސީޒަންގައި ވެސް އެ ޓީމުން ވަނީ ލީގަށް ވާދަ ކޮށްފަ އެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް އިލްހާމް އަހްމަދުގެ ދައުރުގައި އާދަމް މަނިކު ވަނީ އެފްއޭއެމްގެ އެކްސްކޯ މެންބަރުކަން ވެސް ކުރައްވާފަ އެވެ. އީގަލްސްއިން 2012 ވަނަ އަހަރު އިސްތިއުފާ ދިނުމަށް ފަހު ޖެހިގެން އައި 2013 ވަނަ އަހަރު އޭނާ ވަނީ ކުރިން ފުރަތަމަ ޑިވިޝަންގައި ވާދަ ކުރި އޯލް ޔޫތު ލިންކޭޖު (އޭވައިއެލް) ގެ ޗެއާމަންކަން ވެސް ކުރައްވާފަ އެވެ.