ކުޅިވަރު

އިއްބެއަށް އުނދަގޫ ހާލަތެއް، ވަގުތު ބޭނުންވޭ: ކޯޗް

ގައުމީ ޓީމުގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) ގެ އާއިލާގެ ފަސް މެންބަރުން މަރުވި ހާދިސާގައި އިއްބެއަށް ކުރިމަތިވެފައިވާ ހާލަތުން އަރައި ގަތުމަށް މުޅި ޓީމު އޭނާއަށް އެހީވާނެ ކަމަށް ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ބުނެފި އެވެ.

މިދިޔަ މަހު 29 ވަނަ ދުވަހު އިއްބެގެ އުފަން ރަށް، ހދ. ނޮޅިވަރަމުން ފުރައިގެން އެ އަތޮޅު ހަނިމާދޫ އަށް ދަތުރު ކުރި ލޯންޗުން މަރުވި ފަސް މީހުންނަކީ އިއްބެގެ އާއިލާގެ ފަސް މެންބަރުންނެވެ. އެ ހާދިސާއާ ގުޅިގެން އިއްބެ ޓީމު ދޫކޮށް އަނބުރާ އައީ ރާއްޖެ އަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ހޮޓެލް ޖެންގައި ކޭމްޕް ކުރި ގައުމީ ޓީމާ، އިއްބެ ވެސް ވަނީ ގުޅިފަ އެވެ. އެ ހޮޓެލްގައި ހުރެ އިއްޔަ އަވަސް އާ ވާހަކަ ދައްކަމުން ޝެގަޓް ބުނީ އިއްބެއަށް ކުރިމަތިވެފައިވާ ހާލަތުގައި އޭނާ ހިތްދަތިވާނެ ވަރު އެނގޭ ކަމަށާއި އަލުން ކުރީގެ ފޯމަށް އެނބުރި އަންނަން އޭނާ އަށް މުޅި ޓީމުގެ ސަޕޯޓް ލިބޭނެ ކަމަށެވެ.

ޝެގަޓް ބުނީ އިއްބެ އަކީ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ކަމަށާއި އޭނާ ޓީމާ ވަކިވާން ޖެހުމުން ގުއާމްގެ މެޗަށް ތައްޔާރުވީ އުނދަގޫ ހާލަތެއްގެ ތެރެއިން ކަމަށެވެ. އިއްބެ ޓީމާ ވަކިވާން ޖެހުމުން އޭނާ އަށްޓަކައިވެސް ގުއާމް މެޗު ކާމިޔާބު ކުރުމަށް ކުޅުންތެރިން އަޒުމު ކަނޑައެޅި ކަމަށެވެ.

"އަހަރެން ހަނދާންނެއް ނުނެތޭނެ ސާފް ސުޒުކީ ކަޕް އަހަރެމެން ކާމިޔާބު ކުރިއިރު ފެލެއިނީ [އިއްބެ] އަކީ އަހަރެމްނެގެ އެންމެ މުހިންމު ކުޅުންތެރިޔާ، އެ ހިތާމަވެރި ހާދިސާގައި އޭނާ އަށް ކުރިމަތި ވާނެ ހިތްދަތިކަން އަހަރެމެންނަށް އެނގޭ،" ޝެގަޓް ވާހަކަ ދެއްކި އެވެ.

"ކުޑަ ކުޑަ ވަގުތު ކޮޅެއްގެ ތެރޭ އާއިލާގެ ފަސް މެންބަރުން އެއް ފަހަރާ ވަކިވެގެން ދިއުމަކީ އުނދަގޫ ކަމަކަށް ވާނެ، ޓީމާ ރަނގަޅަށް ޓްރޭނިންތައް ގެންދަނިކޮށް ޓީމާ ވަކިވާން ޖެހުމުން އެކަމަށްވެސް އަސަރު ކުރާނެ.

ޝެގަޓް ބުނީ ޗައިނާ މެޗުގައި އިއްބެ ފެނިދާތޯވެސް ބުނަން އުނދަގޫ ކަމަށާއި އަދި އޭނާ އަށް ވަގުތު ބޭނުންވާ ކަމަށެވެ. އިއްޔަވެސް ހޮޓެލްގެ ޖިމުގައި އޭނާ އަށް ހާއްސަކޮށް ޓްރެއިނިން ޝެޝަނެއް ގެންދިޔަ ކަމަށެވެ.

އިއްބެ ޓީމާ ވަކިވާން ޖެހުމުން ޓީމުގެ ޕްލޭނަށް ބަދަލު ގެނައި ފަހުން، ޓީމުގެ އަނެއް މިޑްފީލްޑަރު ހުސައިން ނިހާން (ނިހާޓް) އަށް ވިސާ ނުލިބުމުން އަނެއްކާވެސް ޕްލޭނަށް ބަދަލު ގެންނަން ޖެހުމުން އުނދަގޫވި ކަމަށެވެ. އެކަން ފޫބެއްދުމަށް ޒުވާން ކުޅުންތެރިންނަށް ދިން ފުރުސަތުގައި އެކުޅުންތެރިން ދެއްކި ކުޅުމަށް ތައުރީފް ހައްގު ކަމަށެވެ.