ހަބަރު

ނަޝީދަށް ފާރަލާ ކަމަކަށް ނުބުނަން: އެމްއެންޑީއެފް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފުލުހުން ފާރަލާ ކަމަށް އެމަނިކުފާނަށް ދަންނަވާފައިި ނުވާނެ ކަަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި ރޭ ރައީސް ނަޝީދު ވިދާޅުވީ ފުލުހުން ފާރަލަމުންދާ ކަމަށް މީގެ ތިން ރޭ ކުރިން އެ މަނިކުފާނަށް އެމްއެންޑީއެފުން އަންގާފައިވާ ކަމަށާއި އެކަން ފުލުހުން ވެސް އަދި ފުލުސް އޮފީހުން ވެސް ކޮށްފާނެ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ، ފުލުހުން ރައީސް ނަޝީދަށް ފާރަލަމުންދާ ކަމަށް ދަންނަވާފައެއް ނުވާނެ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ސެކިއުރިޓީ ބެލެހެއްޓުން ގާނޫނީ ގޮތުން ލާޒިމްކޮށްފައިވާ ފަރާތްތަކުގެ ސެކިއުރިޓީއާ ގުޅޭގޮތުން އެމްއެންޑީއެފާއި ގުޅިގެން ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ. އެގޮތަށް މަސައްކަތް ކުރަނީ އެއިރެއްގައި އެ ބޭފުޅަކަށް އޮތް ނުރައްކަލެއް ވަޒަން ކުރުމަށްފަހު އޭގެ މައްޗަށް ބެލުމަށްފަހު ކަމަށެވެ.

"މިވަގުތު ރައްޔިތުންގެ މަޖިލީހުން ވިޔަސް އަދި މިނޫން ފަރާތަކުން ވިޔަސް އަދި މިތަނުގެ އެސެސްމެންޓުން ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދަށް އިތުރު ނުރައްކަލެއް އޮތް ކަމަށް ފާހަގަކުރެވިފައެއް ނުވޭ، ނަމަވެސް އޯޕަން ސޯސްތަކުން ވިޔަސް މިފަދަ ބޭފުޅެއްގެ ހަށިކޮޅަށް ނުރައްކަލެއް އޮތް ކަމަށް ވާހަކަ ދެކެވޭނަމަ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅު އަޅަމުންދާނެކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންނަށް އަރުވަން،،" އެމްއެންޑީއެފްގެ ބަޔާނުގައި ވެއެވެ.

ފުލުހުން ވެސް ވަނީ އެކަމާ ގުޅިގެން ހަމަ އެވާހަކަތައް ހިމެނޭ ބަޔާނެއް ނެރެފަ އެވެ. ނަމަވެސް އެބަޔާނުގައި ނަޝީދަށް ފާރަ ނުލާކަމަކަށް ވިދާޅެއްނުވި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހަައްމަދު ސޯލިހު ވެސް ވިދާޅުވީ ނަޝީދަށް ނުރައްކަލެއް ނެތް ކަމަށް ފުލުހުންނާއި ސިފައިން ބުނެފައިވާ ކަމަށެވެ.