ކުޅިވަރު

ރާއްޖެއާ ދެކޮޅަށް ވިޔަސް މެޗު ފަސޭހަ ނުކުރާނަން: ލިއްޕީ

މާދަމާ ރޭ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް ޗައިނާއިން ނެރޭނީ ޓީމުގައި ތިބި އެންމެ ވަރުގަދަ ކުޅުންތެރިން ކަމަށާއި، ކޮންމެ ޓީމަކާ ދެކޮޅަށް ކުޅެން ޖެހުނަސް އެއްވެސް މެޗެއް ފަސޭހަ ނުކުރާނެ ކަމަށް، ޗައިނާގެ ކޯޗް އިޓަލީގެ މާސެލޯ ލިއްޕީ ބުނެފި އެވެ.

ރާއްޖެ އާ ދެކޮޅަށް ކުޅޭ މެޗަކީ ކޮލިފައިންގައި ޗައިނާގެ ފުރަތަމަ މެޗެވެ. އިޓަލީއަށް 2006 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބު ކޮށްދިން ކޯޗް، ލިއްޕީ ބުނީ ފުރަތަމަ މެޗަކީ އެންމެ މުހިންމު މެޗު ކަމަށާއި އެ މެޗުގައި އެންމެ ވަރުގަދަ އަށް ކުޅުމަށް ކުޅުންތެރިންގެ ގާތު ބުނެފައިވާނެ ކަމަށެވެ.

"އަހަރެމެންގެ އަޒުމު ވަރުގަދަ ކޮލިފައިންގެ އަނެއް ބުރަށް ދާން އަހަރެމެން މިތިބީ، އެކަން ކުރުމަށްޓަކައި ތިން ޕޮއިންޓަކީ އަހަރެމެންނަށް ވަރަށް މުހިންމު އެއްޗެއް،" އިޓާލީ ބަހުން ލިއްޕީ ދައްކަމުން ދިޔަ ވާހަކަ އިނގިރޭސި ބަހަށް ތަރުޖަމާ ކޮށްދިން ޓީމުގެ އޮފިޝަލް ލިއްޕީ އާ ހަވާލާދީ ބުންޏެވެ. "އަހަރެމެން ނުބަލާނަން އަހަރެމެންނާ ދެކޮޅަށް ނުކުންނަނީ ކޮން ފެންވަރެއްގެ ޓީމެއްތޯ އެއް، ކޮންމެ މެޗެއްވެސް ކާމިޔާބު ކުރުމަކީ އަހަރެމެންނަށް ވަރަށް މުހިންމު ކަމެއް."

ޗައިނާގެ ގުއަންޒޫ އެވަގުރާންޑޭ އަށް ކުޅެމުންދާ ބްރެޒިލްގެ އެލެކްސަން ޑި އޮލިވިއޭރޯ އަށް ޗައިނާގެ ރައްޔިތުކަން ލިބުމުން، ލިއްޕީ ވަނީ ރާއްޖެ އާ ދެކޮޅަށް ކުޅެން ނެގި ސްކޮޑުން އެލެކްސަން އަށް ފުރުސަތު ދީފަ އެވެ. އެލެކްސަން އަށް ޗައިނާގައި މުހާތަބު ކުރަނީ އައިކީސަން ގެ ނަމުންނެވެ.

ލިއްޕީ ބުނީ އައިކާސަންއަށް ޗައިނާގެ ރަށްވެހިކަން ލިބުމުން އޭނާ އަކީ ޗައިނާގެ 100 ޕަސަންޓް ކުޅުންތެރިޔެއް ކަމަށެވެ. އަދި ޗައިނާގެ ކުޅުންތެރިންނާއެކު އެއް ކުލަބެއްގައި ގިނަ ދުވަހު ކުޅެފައި ވުމުން އޭނާ ގައުމީ ޓީމަށް ކުޅޭ ފުރަތަމަ މެޗުވިޔަސް އުނދަގޫ ކަމެއް ކުރިމަތި ނުވާނެ ކަމަށެވެ.

ރާއްޖޭގެ ދަނޑުގެ ވިނަގަނޑާއި ދަނޑުގެ ލައިޓިން ސިސްޓަމް ހުރި ގޮތުން ޗައިނާގެ ޓީމަށް އެކަން މައްސަލައަކަށް ނުވާނެ ކަމަށްވެސް ލިއްޕީ ބުންޏެވެ.