ހަބަރު

މައުލޫމާތު ނުލިބެނީސް ނަޝީދު އެހެން ވިދާޅުނުވާނެ: ހަސަން

ފުލުހުންނާ ގުޅޭގޮތުން ރައީސް ނަޝީދު ދެއްކެވި ވާހަކަތަކަކީ، ސިފައިންގެ ތެރެއިން ބަޔަކު މައުލޫމާތު ދެއްވުމުން ނޫނީ ރައީސް ނަޝީދު ވިދާޅުވާނެ ވާހަކަތަކެއް ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

ފުލުހުން ފާރަލަމުންދާ ކަމަށް މީގެ ތިން ރޭ ކުރިން އެމަނިކުފާނަށް އެމްއެންޑީއެފުން އަންގާފައިވާ ކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ނަޝީދަށް ފުލުހުން ފާރަލާ ކަމަށް އެމަނިކުފާނަށް ދަންނަވާފައިި ނުވާނެ ކަަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. އެމްއެންޑީއެފުން ބުނީ ސެކިއުރިޓީ ބެލެހެއްޓުން ގާނޫނީ ގޮތުން ލާޒިމް ކޮށްފައިވާ ފަރާތްތަކުގެ ސެކިއުރިޓީއާ ގުޅޭ ގޮތުން އެމްއެންޑީއެފާއި ގުޅިގެން ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ. އެގޮތަށް މަސައްކަތް ކުރަނީ އެއިރެއްގައި އެ ބޭފުޅަކަށް އޮތް ނުރައްކަލެއް ވަޒަން ކުރުމަށްފަހު އޭގެ މައްޗަށް ބެލުމަށްފަހު ކަމަށެވެ.

ފުލުހުން ވެސް ވަނީ އެކަމާ ގުޅިގެން ހަމަ އެވާހަކަތައް ހިމެނޭ ބަޔާނެއް ނެރެފަ އެވެ. ނަމަވެސް އެބަޔާނުގައި ނަޝީދަށް ފާރަ ނުލާކަމަކަށް ވިދާޅެއްނުވި އެވެ.

ހަސަން ލަތީފް ވިދާޅުވީ އެމްއެންޑީއެފުން ރަސްމީކޮށް ލިޔުމުން އަންގާފައި ނެތްނަމަވެސް، ސިފައިންގެ ތެރެއިން ބަޔަކު ރައީސް ނަޝީދަށް މައުލޫމާތު ދެއްވުމުން ނޫނީ އެފަދަ ވާހަކައެއް ރައީސް ނަޝީދު ދައްކަވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އެމްއެންޑީއެފުން ރަސްމީކޮށް ލިޔުމުން އަންގާފައި ނެތަސް، ސިފައިންގެ ތެރޭން ބަޔަކު ރައީސް ނަޝީދަށް މައުލޫމާތު ދެއްވީމަ ނޫނީ އެފަދަ ވާހަކައެއް އެއްގޮތަކަށް ވެސް ރައީސް ނަޝީދު ވިދާޅުވާނެ ކަމަށް ކުޑަކޮށް ވެސް ގަބޫލެއް ނުކުރާނަން." ރައީސް ނަޝީދުގެ ވާހަކަތައް ދިފާއު ކުރައްވާ ހަސަން ވިދާޅުވި އެވެ.

އެމްއެންޑީއެފުން ރަސްމީކޮށް ލިޔުމުން އަންގާފައި ނެތަސް، ސިފައިންގެ ތެރޭން ބަޔަކު ރައީސް ނަޝީދަށް މައުލޫމާތު ދެއްވީމަ ނޫނީ އެފަދަ ވާހަކައެއް އެއްގޮތަކަށްވެސް ރައީސް ނަޝީދު ވިދާޅުވާނެކަމަށް ކުޑަކޮށްވެސް ގަބޫލެއް ނުކުރާނަން.
ހަސަން ލަތީފް | އެމްޑީޕީގެ ޗެއާޕާސަން

ނަޝީދުގެ ވާހަކަތަކާއި ގުޅިގެން އެމްއެންޑީއެފުން ބުނީ ސެކިއުރިޓީ ބެލެހެއްޓުން ގާނޫނީ ގޮތުން ލާޒިމް ކޮށްފައިވާ ފަރާތްތަކުގެ ސެކިއުރިޓީއާ ގުޅޭގޮތުން އެމްއެންޑީއެފާއި ގުޅިގެން ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ. އެގޮތަށް މަސައްކަތް ކުރަނީ އެއިރެއްގައި އެ ބޭފުޅަކަށް އޮތް ނުރައްކަލެއް ވަޒަން ކުރުމަށްފަހު އޭގެ މައްޗަށް ބެލުމަށްފަހު ކަމަށެވެ.

"މިވަގުތު ރައްޔިތުންގެ މަޖިލީހުން ވިޔަސް އަދި މިނޫން ފަރާތަކުން ވިޔަސް އަދި މިތަނުގެ އެސެސްމެންޓުން ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދަށް އިތުރު ނުރައްކަލެއް އޮތް ކަމަށް ފާހަގަކުރެވިފައެއް ނުވޭ، ނަމަވެސް އޯޕަން ސޯސްތަކުން ވިޔަސް މިފަދަ ބޭފުޅެއްގެ ހަށިކޮޅަށް ނުރައްކަލެއް އޮތް ކަމަށް ވާހަކަ ދެކެވޭނަމަ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅު އަޅަމުންދާނެކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންނަށް އަރުވަން،،" އެމްއެންޑީއެފްގެ ބަޔާނުގައި ވެއެވެ.