ގައުމީ ފުޓްބޯޅް ޓީމް

އަޝްފާގަށް ފުރުސަތު ދިނުމުގައި ކެތްތެރިވާން ޖެހޭ

އަލީ އަޝްފާގް (ދަގަނޑޭ) އައީ ވިނިން ޓީމަކަށް ކަމަށާއި މެޗުތަކުން އޭނާއަށް ޖާގަ ދިނުމުގައި ކެތްތެރިވާންޖެހޭ ކަމަށް ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ބުނެފި އެވެ.

މާދަމާ ރޭ ޗައިނާ އާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މިރޭ ބޭއްވި ޕްރީ މެޗު ޕްރެސްގައި ވާހަކަ ދައްކަމުން ޝެގަޓް ބުނީ، އަޝްފާގަކީ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމާމެދު ބަހުސެއް ނެތް ކަމަށާއި އަދި ވޭތުވެދިޔަ 10 ވަރަކަށް އަހަރު ގައުމީ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާއަކީ އޭނާ ކަމަށް ވެދާނެ ކަމަށެވެ.

"އެހެން ނަމަވެސް މިދިޔަ ދޮޅު އަހަރު ތެރޭ ޓީމަށް ބަދަލުތަކެއް އަތުވެއްޖެ، އޭނާ ނުލައި އަހަރެމެން ގުއާމް އަތުން މޮޅުވެއްޖެ، ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި، ބުޓާން އަތުން 7-0 ން މޮޅުވި، އެހެންވެ މޮޅުވަމުން އައި ޓީމަކުން ފުރުސަތު ދޭން ޖެހޭނީ މަޑުމަޑުން،" ޝެގަޓް ބުންޏެވެ.

"އޭނާ [އަޝްފާގް] އެންމެ ފަހުން ގައުމީ ޓީމަށް މެޗެއް ކުޅުނީ ނޮވެމްބަރު 2017 ގައި، އެއީ ވަރަށް ދުވަސް، އެހެންވީމާ އަޝްފާގަށް މެޗަކުން ފުރުސަތު ދިނުމުގައި ކެތްތެރިވަމާ ހިނގާ، އޭނާއަށް ވެސް ޕްރެޝަރު ނުދީ އަވަސް އަރުވާ ނުލައި ކުރިއަށް ދަމާ."

އޭނާ ބުނީ އަޝްފާގަށް ޓީމުން ފުރުސަތު ދިނީ އޭނާ ގުޅައި މާފަށް އެދުމުން ކަމަށާއި އަދި އެ ކޯލް އޭނާއަށް އައީ ދޮޅު އަހަރު ވަންދެން އިންތިޒާރު ކުރުމަށް ފަހުގައި ކަމަށެވެ.

ޝެގަޓް ބުނީ، މެޗުގައި ޗައިނާއަކީ ފޭވަރިޓް ކަމަށާއި ރާއްޖެއިން މަސައްކަތް ކުރާނީ ރަނގަޅު މެޗެއް ކުޅެ ނަތީޖާ ނެރުމަށް ކަމަށެވެ.

"އަހަންނަކަށް ވައުދެއް ނުވެވޭނެ މިވެނި ނަތީޖާ ނެރޭނަމޭ އެހެން ނަމަވެސް އަހަރެމެން ވަރަށް ރަނގަޅު މެޗެއް ކުޅުމަށް މަސައްކަތް ކުރާނަން،" ޝެގަޓް ބުންޏެވެ.

އޭނާ ބުނީ، ޗައިނާ ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅެން ޖެހުމުން ކުޅުންތެރިންނަށް ބޮޑު މޯޓިވޭޝަނެއް ލިބިފައިވާ ކަމަށެވެ.