ލައިފްސްޓައިލް

ރޯގާއާ ދުރުވާން ލައިފްސްޓައިލް ބަދަލުކޮށްލާ!

ތޮއްޖެހިފައިވާ މާލޭގައި އަބަދުވެސް އެއް ކަމެއް އޮވެއެވެ. ނުފިލާ ރޯގާއެވެ. ކޮންމެވެސް އެއް ރޯގާއެއް ވައިރަލް ފީވާއެއް އެނބުރެއެވެ. ކިތަންމެ ސިއްހަތަށް ބަލައިގެން ގަވާއިދުން އަތްދޮވެ، ބަލި މީހުނާއެކު ނޫޅުނަސް ކޮންމެވެސް އެއް ރޯގާއެއް ދޭތެރެއަކުން ލައްވާލަ އެވެ.

ހީވެސް ނުކުރާ ކަހަަލަ ކަމަކުން މީހާގެ ދިފާއީ ނިޒާމް ބަލިކަށިކޮށްލާ ފާނެ އެވެ. ދިފާއީ ނިޒާމު ފުރިހަމަ މަސައްކަތް ކުރުމަށް ލައިފްސްޓައިލް ވެސް މުހިއްމު ރޯލެއް އަދާ ކުރެއެވެ. ރޯގާއިން ސަލާމަތް ނުވެގެން އުޅޭއިރު މި ކަންކަން ރަނގަޅު ކޮށްގެން ވެސް ދިފާއީ ނިޒާމު ވަރުގަދަ ކުރެވިދާނެ އެވެ.

ތަޣައްޔަރު ވައި

ވައިގެ ނުސާފު ކަމުން މީހާގެ ދިފާއީ ނިޒާމަށް އަސަަރުކުރެ އެވެ. ސާފު ވައި ނުލިބިމުގެ ސަބަބުން އޭގެ އަސަރު ކުރަނީ އިންސާނުންގެ ފުއްޕާމެއަށް އެކަންޏެއް ނޫނެވެ. ތަޣައްޔަރު ވައިން މީހާގެ ދިފާއީ ނިޒާމް ބަލިކަށިކަން ގެނެސްދެނީ މި ނިޒާމަށް ބޭނުންވާ "ޓީ ސެލް" ހިފަހައްޓާތީ ކަމުގައި ދިރާސާތަކުން ބުނެއެވެ. ތަޣައްޔަރު ވައިގެ ސަބަބުން ހަށިގަނޑުގައި ދުޅަކަން އިތުރު ކޮށްދެ އެވެ.

ބޭރުގައި އުޅޭއިރު ހިރަފުހާއި ދުމުން ރައްކާތެރިވުމަށް މާސްކެއް ބޭނުން ކުރެވިދާނެ އެވެ. ގޭގައި ސާފު ވައި ހޯދަން އެއާ ޕިއުރިފަަޔާއެއް ބޭނުން ކުރެވިދާނެ އެވެ.

ދުވަހުގެ ބޮޑުބައި އިށީނދެ އިނުން

ޑެސްކް ޖޮބެއްގައި އުޅޭނަމަ ދުވަހުގެ ބޮޑުބައި ހޭދަވަނީ އިށީނދެ އިނދެ އެވެ. ގިނައިރު އިށީނދެގެން އިންނަ ނަމަ މީހާގެ މެޓަބޮލިޒަމް ދަށްވެއެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުން ދިފާއީ ބާރު ވަރުގަދަ ކުރާ ނިއުޓިރިއެންޓްސް ދަމާ ވަރު މަދެވެ. އެހެން ކަމުން ކޮންމެ ގަޑިއިރަކު ތެދުވެލާ ކުޑަކޮށް ހިނގާލާ ހަދަން ވެއެވެ. އަދި އޭރު ހަށިގަނޑުގެ މަސްތައް ހޭއްލަވާލާ މެޓަބޮލިޒަމް އަވަސް ކޮށްދޭނެ އެވެ.

ގިނައިން ޖަންކް ފުޑް ކެއުން

ޖަންކް ފުޑްގެ ގޮތުގައި ކާ ބިސްކޯދާއި ކޭކު، ކުކީސް ފަދަ ތަކެތި ހެދުމަށް ބޭނުންކުރާ ހުދު ފުށަކީ އޭގެން ދިފާއި ނިޒާމް ބަލިކަށި ކުރާ އެއްޗެކެވެ. މިގޮތުން ޓީ ސެލް އަދި ބީ ސެލް މަދުކޮށްދެ އެވެ. ބަލިތަކުން ސަލާމާތްވާން ހަށިގަނޑަށް ފުރިހަމަ އަށް މަސައްކަތެއް ނުކުރެވެއެވެ. ހުދުފުށުން ހަދާފައިވާ ހުންނަ ބާވަތް މަދުކޮށް ގިނައިން ހޯލްގްރެއިން ބާވަތް ހިޔާރު ކުރަންޖެހޭ އެއް ސަބަބަކީ މިއީއެވެ. ހޯލްގްރެއިންގައި ފައިބާ މަތިވެފައި ދިފާއީ ނިޒާމް ވަރުގަދަކޮށްދޭނެ އެވެ.

ހަމަނިދި ނުލިބުން

ހަމަ ނިދި ނުލިބޭނަމަ ބަލި ބަލި ޖެހެން ފަސޭހަ އެވެ. ނިދުމުން އިންސާނާގެ ހަށިގަނޑަށް ބޭނުންވާ މެލަޓޯނިން އުފައްދަ އެވެ. އަދި ހަމަނިދި ނުލިބުމުގެ ސަބަބުން މެލަޓޯނިން މަދުވެ ދިފާއީ ނިޒާމުން އުފައްދާ ބެކްޓީރިއާ އާއި ދުރުވުމަށް އުފައްދާ ވައިޓް ބްލަޑް ސެލްސް މަދުވެ އެވެ. އެހެން ކަމުން ދުވާލެއްގެ މައްޗަށް މަދުވެގެން އަށް ގަޑިއިރު ނިދި ހޯދަން މަސައްކަތް ކުރަންޖެހެ އެވެ.

ސްޓްރެސް ބޮޑުވުން

މީހާ ހާސް ކަމެއްގައި އުޅޭނަމަ ހަށިގަނޑުގެ ހޯމަންތައް ހަމައިން ނެއްޓޭ ގޮތް ވެއެވެ. އަބަދު ސްޓްރެސްގައި އުޅޭނަމަ ކޯޓިސޯލް މައްޗަށް ދެއެވެެ. މީގެ ސަބަބުން ޓެސްޓޮސްޓޮރޯން އާއި އީސްޓްރޮޖެން ފަދަ ހޯމޯންތައް ތިރިއަށް ގޮސް ދިފާއީ ނިޒާމަށް އަންނަ ނުރައްކާތަކަށް އެންމެ އެކަށީގެންވާ ގޮތަށް ރެސްޕޯންޑެއް ނުކުރެވެއެވެ. އެހެން ކަމުން އަބަދު ސްޓްރެސް އުޅުމުގެ ބަދަލުގައި ދިިރިއުޅުމެގެ ހާސްކަން ފިލުވާލަން ވަގުތު ހޯދަން ވެއެވެ.

ގިނަ ވަގުތު އެކަނި ހޭދަކުރުން

ގިނަވަގުތު އެކަނި ހޭދަ ކުރާ ނަމަ ދިފާއީ ނިޒާމަށް މިކަމުގެ އަސަރު ކުރެއެވެ. އެކަނި ގިނަ ވަގުތު އުޅޭނަމަ ސްޓްރެސް އާއި ޑީލް ކުރަން ޖެހޭވަރު އިތުރުވެއެވެ. މީގެ ސަބަބުން ދިފާއީ ނިޒާމަށް ބުރުއަރާ ކަމަށް ސައިކޮލޮޖިސްޓުން ބުނެއެވެ.