ބޮލީވުޑް

"ޗިޗޯރޭ" އާއި "ސާހޯ" އަށް ރަނގަޅު ކާމިޔާބެއް

"ދަންގަލް" ގެ ޑައިރެކްޓަރު ނިތޭޝް ތިވާރީގެ "ޗިޗޯރޭ" ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބެއް ހޯދަމުން އެބަދެ އެވެ. ސުޝާންތު ސިންގް ރާޖްޕޫތާއި ޝްރައްދާ ކަޕޫރު ލީޑް ރޯލު ކުޅެފައިވާ ފިލްމު ރިލިޒްކުރީ ހުކުރު ދުވަހު އެވެ. ފިލްމު އިޝްތިހާރު ކޮށްފައިވާލެއް ކުޑަކަމުން އެ ދުވަހު ފިލްމު ބަލަން ވަން މީހުން ތަންކޮޅެއް މަދުވެ ލިބިފައިވަނީ 70 މިލިއަން ރުޕީސް އެވެ.

ކްރިޓިކްސް އާއި ފިލްމު ބެލި މީހުން މި ފިލްމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައި ވެއެވެ. ޖެހިގެން އައި ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު ފިލްމުގެ ވިޔަފާރި ދެ ގުނަ އަށް އިތުރުވެގެން ގޮސްފައިވަނީ އެ ސަބަބާ ހުރެ އެވެ. ހޮނިހިރު ދުވަހު 120 މިލިއަން އަދި އާދިއްތަ ދުވަހު 160 މިލިއަން ރުޕީސްގެ ވިޔަފާރި މި ފިލްމަށް ވެފައި ވެއެވެ.

ޕްރަބާސް އާއި ޝްރައްދާގެ "ސާހޯ" އަށް ކްރިޓީކްސް އިންތިހާއަށް ފާޑުކިޔާފައި ވީނަމަވެސް ޕްރަބާސްގެ ފޭނުން އެ ފިލްމަށް ދީފައިވަނީ ހައިރާންވާ ފަދަ ތަރުހީބެކެވެ. ފިލްމު ރިލީޒްކުރިތާ 10 ދުވަހުގެ ތެރޭގައި 400 ކްރޯޑު (55 މިލިއަން ޑޮލަރު) އަށް ވުރެ ގިނައިން ވަނީ ލިބިފަ އެވެ. ފިލްމުގެ ބަޖެޓަކީ ގާތްގަނޑަކަށް 45 މިލިއަން ޑޮލަރެވެ.

މިހަރު މި ފިލްމުގެ ހިންދީ ކޮޕީ ވެފައިވަނީ ޝާހިދު ކަޕޫރުގެ "ކަބީރް ސިންގް" ފިޔަވައި މިއަހަރު އެންމެ ބޮޑު ކާމިޔާބެއް ހޯދި ފިލްމަށެވެ.

ޓްރޭޑް އެނަލިސްޓް ތަރަން އާދާޝްގެ ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި "ޗިޗޯރޭ" އަށް ކުރިޔަށް އޮތް ދުވަސް ތަކުގައި ވެސް ރަނގަޅު ވިޔަފަރިއެއް ކުރެވޭނެ ކަމަށް ބެލެވެ އެވެ. ނަމަވެސް "ސާހޯ' ދެން މާ ގިނަ ދުވަހު ސިނަމާތަކުގައި ނުދައްކާނެ ކަމަށް އޭނާ ލަފާ ކުރެ އެވެ.