ހަބަރު

ފުވައްމުލަކުގައި 24 ގަޑިއިރު ވިޔަފާރި ކުރެވޭ ސަރައްދުތައް ކަނޑައަޅައިފި

Sep 10, 2019

ފުވައްމުލަކުގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދެވޭނެ ސަރަހައްދުތައް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

ފިހާރަތަކާއި ރެސްޓޯރަންޓްތައް 24 ގަޑިއިރު ހިންގުމުގެ ހުއްދަ ދޭން އިނޮކޮމިކް މިނިސްޓްރީން ފަށާފައިވާ މަސައްކަތުގައި މާލޭގެ ބައެއް ވިޔަފާރިތަކަށާއި ހުޅުމާލޭގެ ބައެއް ވިޔަފާރިތަކަށް މިހާރު ވަނީ ހުއްދަ ދީފަ އެވެ. އަދި އައްޑޫ ސިޓީގައި 24 ގަޑިއިރު ވިޔަފާރި ހިންގުމަށްވެސް ވަނީ ހުޅުވާލާފަ އެވެ.

އިނޮކޮމިކް މިނިސްޓްރީން ވަނީ ފުވައްމުލަކުގެ ތިން ސަރަހައްދަކަށް 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދޫކުރަން ނިންމާފަ އެވެ. އެގޮތުން ތިން އަވަށުން ތިން ސަރަހައްދެއް ކަނޑައަޅާފައިވާއިރު ފުވައްމުލަކު މެދުދާއިރާއިން ޣާޒީ މަގު، ފުވައްމުލަކު ދެކުނުދާއިރާއިން މުހައްމަދު ޖަމާލުއްދީން މަގު އަދި އުތުރު ދާއިރާއިން ކަނޑައަޅާފައިވަނީ ގެއްމިސްކިތްމަގެވެ.

އެސަރަހައްދުތަކުގައި 24 ގަޑިއިރު ވިޔަފާރިކުރަން ހުއްދައަށް އެދި ހުށަހަޅަން ޖެހޭނީ ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ އަށެވެ. އެކަމަށްއެދި ހުށަހަންޖެހޭ ފޯމް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ސައުވީސް ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދިނުމުގެ މަސައްކަތް މި ސަރުކާރު ފެށީ މިދިއަ މާޗް މަހު އެވެ. މިހާތަނަށް 14 ތަނަކަށް ވަނީ އެ ހުއްދަ ދީފަ އެވެ. މި ހުއްދަ ދެނީ ދެ އަހަރުގެ މުއްދަތަކަށެވެ.

މި ހުއްދަ ދިނުމުގައި ބަލާ ޝަރުތުތަކާ ހިލާފުވާ ފުރަތަމަ ފަހަރު ހަ މަހަށް ހުއްދަ ހިފަހައްޓާނެ އެވެ. އަދި އެކަން ތަކުރާރުކޮށް ކުރާނަމަ ހުއްދަ ބާތިލް ކުރާނެ އެވެ.