ބޮލީވުޑް

ސަނީ ދަރިފުޅު ކަރަންއަށް ބޮލީވުޑުން ހޫނު މަރުހަބާއެއް

ކުރީގެ މަޝްހޫރު ބަތަލު ދަރުމެންދުރާގެ ކާފަ ދަރިފުޅު އަދި ސަނީ ޑެއޯލްގެ ދަރިފުޅު ކަރަން ޑެއޯލް އަށް ބޮލީވުޑުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ. ކަރަންގެ ފުރަތަމަ ފިލްމު "ޕަލް ޕަލް ދިލް ކޭ ޕާސް" ރިލީޒް ކުރަން ދަނީ ތައްޔާރު ވަމުންނެވެ. ފިލްމުގެ ޓްރެއިލާ ދާދި ފަހުން ލޯންޗު ކުރުމާ ގުޅިގެން ސަލްމާން ޚާނާއި، ޝާހްރުކް ޚާން، ޕްރިޔަންކާ ޗޯޕްޅާ އަދި އަޖޭ ދޭވްގަން ފަދަ ވަރަށް ގިނަ ތަރިން ވަނީ ކަރަން އަށް މަރުހަބާ ކިޔައި ޓުވީޓްތައް ކޮށްފަ އެވެ.

ކަރަން އަށް މަރުހަބާކިޔައި ސަލްމާންގެ ޓުވީޓްގައި ލިޔެފައިވާ ގޮތުގައި "ޕަލް ޕަލް ދިލް ކޭ ޕާސް" އަކީ މިޖެނެރޭޝަންގެ ވެސް އެންމެ ބޮޑު ލޯބީގެ ވާހަކަ އެވެ.

އަޖޭ ވެސް ވަނީ ކަރަން އަށާއި ފިލްމުގެ ބަތަލާ ސެހެރް ބާމްބާ އަށް ބޮލީވުޑަށް މަރުހަބާ ކިޔާފަ އެވެ.

ޕްރިޔަންކާގެ ޓުވީޓްގައި ޑެއޯލް އާއިލާގެ ތިން ވަނަ ޖެނެރޭޝަންގެ ފުރަތަމަ އެކްޓަރަކަށް ހޫނު މަރުހަބާއެއް ކިޔާފައި ވެއެވެ. އަދި އާއިލީ މަސައްކަތް ކަރަން ވެސް ކުރިޔަށް ގެންދާނެކަން ޔަގީންކަމަށް ޕްރިޔަންކާ ބުނެފައި ވެއެވެ. މި ފިލްމާއެކު ވަރަށް އުޖާލަ އެހާމެ ރީތި ފެށުމަކުން ކަރަންގެ ކެރިއަރު ފެށޭނެކަމަށް އުންމީދުކުރާ ކަމަށް ޕްރިޔަންކާ ލިޔެފައި ވެއެވެ.
ޝާހްރުކް ޚާން ވެސް ވަނީ ކަރަންގެ ފިލްމުގެ ޓީޒާ ވަރަށް ރީތިކަމަށް ބުނެ ޓުވީޓްކޮށްފަ އެވެ. އަދި މި ރީތި ފިލްމާއެކު ކަރަން އާއި ސެހެރް އަށް ބޮލީވުޑަށް މަރުހަބާ ކިޔައި، ކާމިޔާބީއަށް އެދިފައި ވެއެވެ.