ގައުމީ ފުޓްބޯޅް ޓީމް

ސްކޮޑުން ބާކީ ކުރީ މުޖޭ އާއި އޮގީ

ޗައިނާ އާއި ދެކޮޅަށް މިރޭ ކުޅޭ މެޗަށް ނެގި ސްކޮޑުން ޑިފެންޑަރު މުޖުތާޒް މުހައްމަދު (މުޖޭ) އާއި ޒުވާން ފޯވަޑް މުހައްމަދު ޖައިލަމް (އޮގީ) ބާކީ ކޮށްފި އެވެ.

ގައުމީ ޓީމުގެ މެނޭޖަރު ޔާމީން އިބްރާހިމް ވަނީ އެކަން ޔަގީންކޮށްދީފައެވެ. މުޖޭ އަކީ ގުއާމް އާ ދެކޮޅަށް ކުޅެން އެކުލަވާލި ސްކޮޑުން ވެސް ބާކީ ކުރާ ގޮތަށް ހަމަޖެހުނު ކުޅުންތެރިޔާ އެވެ. އެހެންނަމަވެސް މުޖޭ ޓީމުގައި މަޑުކުރުވީ ޓީމުގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) ގެ އާއިލާގެ ފަސް މެންބަރުން މަރުވި ހިތާމަވެރި ހާދިސާގައި އޭނާ ރާއްޖެ އަންނަން ޖެހުމުންނެވެ.

ޓީމުން ބާކީ ކުރި، އޮގީ އަކީ ސީނިއާ ޓީމުގައި މި އަހަރު މުޅިން އަލަށް ހިމެނުނު ކުޅުންތެރިޔެކެވެ. މިއަހަރު ޖުލައި މަހު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް އެކުލަވާލި ސްކޮޑުން އޮގީއަށް ފުރުސަތު ދިނެވެ. އޭނާ ވަނީ ރީޔޫނިއަން އާއި މަޔޯޓޭ އާ ދެކޮޅަށް ކުޅެފަ އެވެ. ރީޔޫނިއަން މެޗުގައި ލަނޑު ޖަހާނެ ފުރުސަތެއްވެސް އޭނާ އަށް ލިބުނެވެ.

ހޮޓެލް ޖެންގައި ކޭމްޕް ކުރަމުންދާ ދިވެހި ގައުމީ ޓީމުގައި ހިމެނެނީ 25 ކުޅުންތެރިންނެވެ. މުޖޭ އާއި އޮގީ ބާކީވުމުން ފައިނަލް 23 ކުޅުންތެރިންގެ ލިސްޓްގައި މިދިޔަ ހޮނިހިރު ދުވަހު ޓީމާ ގުޅުނު އަލީ އަޝްފާގް (ދަގަނޑޭ) ހިމެނޭކަން ވަނީ ޔަގީންވެފަ އެވެ. ނަމަވެސް އޭނާ ފުރަތަމަ 11 ގައި ފެނިދާނެކަން ޔަގީންކަމާއެކު ބުނާކަށް ނޭންގެއެވެ.

ގުއާމް މެޗުގައި ބައިވެރި ނުވެވުނު އިއްބެ ވަނީ ސްކޮޑުގައި ހިމަނާފަ އެވެ. ރޭ ބޭއްވި ޕްރީ މެޗް ޕްރެސްގައި ވާހަކަ ދައްކަމުން ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ބުނީ، އިއްބެއަށް ބެންޗުން ފުރުސަތު ދޭނެ ކަމަށެވެ. މެޗުގެ އެއްވެސް ހިސާބަކުން އޭނާ ފެނިދާނެތޯ ނިންމާނީ ވަގުތު ޖެހުމުން ކަމަށްވެސް ކޯޗް ވަނީ ބުނެފައެވެ.

"ޓީމުގެ ބެންޗުގައި އިއްބެ ހުންނާނެ،" ޝެގަޓް ބުންޏެވެ. "އެއީ ފުޓްބޯޅައަކީ ހަމައެކަނި ކާމިޔާބު ހޯދުމެއް ނޫން، ފުޓްބޯޅައިގައި އެންމެން އެކުގައި ވުންވެސް ހިމެނޭ."

އާދިއްތަ ދުވަހު "އަވަސް" އާ ވާހަކަ ދައްކަމުން ޝެގަޓް ބުނީ އިއްބެ އަށް ކުރިމަތި ވެފައި ވަނީ އުނދަގޫ ހާލަތެއް ކަމަށާއި އޭނާ އެނބުރި އައުމަށް މުޅި ޓީމުން އެހީވާނެ ކަަމަށެވެ.