ކުޅިވަރު

ގުއާމުގެ ދަނޑުގައި ފިލިޕީންސަށް ބޮޑު މޮޅެއް

އަމިއްލަ ދަނޑުގައި ބަލި ކުރަން އުނދަގޫ ގުއާމްގެ މައްޗަށް، ވޯލްޑްކަޕް ކޮލިފިކޭޝަންގެ ގުރޫޕް އޭ ގައި ފިލިޕީންސުން 4 -1 ން މޮޅު ވެއްޖެ އެވެ.

ފިލިޕީންސް މި ހޯދި ނަތީޖާއަކީ އެންމެ ފަހުގެ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ގުއާމްގެ ދަނޑުގައި އިރާން ހޯދި 6-0 ގެ މޮޅަށް ފަހު ވޯލްޑްކަޕް ކޮލިފިކޭޝަންގައި އެހެން ޓީމަކުން ގުއާމްގެ މައްޗަށް ހޯދި ދެ ވަނަ އަށް އެންމެ ބޮޑު މޮޅެވެ.

މިފަހަރުގެ ވޯލްޑްކަޕް ކޮލިފިކޭޝަންގެ އޭޝިއާ ޒޯންގެ ފުރަތަމަ މެޗުގައި ރާއްޖެއިން ވަނީ ގުއާމްގެ މައްޗަށް 1-0 ން މޮޅުވެފަ އެވެ. ރާއްޖޭގެ ލަނޑު ކާމިޔާބު ކުރީ އިބްރާހިމް މަހްދީ ހުސައިނެވެ.

ޔޫރަޕަށް ނިސްބަތްވާ ކުޅުންތެރިންނަށް ރަށްވެހިކަން ދީގެން އެކުލަވާލާފައިވާ ފިލިޕީންސްގެ ޓީމުން ވަނީ މެޗުގެ ކޮންމެ ހާފެއްގައި ދެ ލަނޑު ޖަހާފަ އެވެ. ފިލިޕީންސް ޓީމުގައި ގިނައީ ސްޕެއިން އާއި ޖަރުމަން އަދި ހޮލެންޑަށް ނިސްބަތްވާ ކުޅުންތެރިންނެވެ.

އެ ޓީމުގެ ފުރަތަމަ ލަނޑު ހަތް ވަނަ މިނެޓްގައި ކާމިޔާބު ކުރީ ސްޕެއިނަށް ނިސްބަތްވާ އޭންހަލް ޖިރާޑޯ އެވެ. އޭގެ ފަސް މިނެޓް ފަހުން އެ ޓީމުގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ޖަރުމަންގެ ޕެޓްރިކް ރައިކީޓް އެވެ.

ގުއާމްގެ ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރީ، މާކޯސް ލޯޕޭޒް އެވެ.

ފިލިޕީންސްގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ، ކުރިން ޖަރުމަންގެ އުމުރުފުރާތަކުގެ ގައުމީ ޓީމަށްވެސް ކުޅުނު ސްޓްފަން ޝޯކް އެވެ. އެ ޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރީ ޖަރުމަންގެ ޖޯން ޕެޓްރިކް ސްޓްރޯޝް އެވެ.

ފިލިޕީންސްގެ ފުރަތަމަ މެޗުގައި އެ ޓީމު ވަނީ އަމިއްލަ ދަނޑުގައި ސީރިއާ އަތުން 5-2 ން ބަލި ވެފަ އެވެ.