ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(8 ސެޕްޓެމްބަރ 2019 އާ ގުޅޭ)

ސިކުނޑިއާއި ހިތަށް އެރި އެއްޗެހިން ހޭޒަލްއަށް ތިރީ ތުންފަތުގައި ދަތްއަޅާލެވުނެވެ. މިކުރެވުނީ ރަނގަޅުކަމެއްބާއޭ އޭނާގެ އަމިއްލަ ޟަމީރާ ސުވާލުކުރިއެވެ.

ފޭސްބުކްގައި ހޭޒަލްގެ ރައްޓެހިންގެ ލިސްޓުގައި ތިބި މީހުން އޭނާ ބަލާލިއެވެ. ތިންސަތޭކަ ސާޅީސް ހަތް މީހުން ތިބިއިރު އޭގެ ތެރޭގައި ހޭޒަލްއަށް ކޮންބައެއްކަން ޔަގީންކަމާއެކު ބުނަން އެނގޭ ތިބީ ފަންސާހަކަށް މީހުންގެ އައިޑީއެވެ. އެ ލިސްޓަށް ބަލަމުން ދަނިކޮށް ހޭޒަލްގެ ސަމާލުކަން ދެވުނީ ދާރިއަންގެ ފޭސްބުކް އައިޑީއަށެވެ. ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. ދާރިއަންގެ "ޓައިމްލައިން" ހޭޒަލް ބަލާލިއެވެ. އޭގައި ދާރިއަން އަމިއްލައަށް ލާފައި ހުރީ ގުދުރަތުގެ ރީތިކަން ދައްކުވައިދޭ ދެތިން ފޮޓޯއެކެވެ. ދެން ހުރީ އައިކު ކިޔާ ޒުވާނަކު ދާރިއަން ޓެގްކޮށްފައި ހުރި ފޮޓޯއެވެ. ދާރިއަންގެ ޕްރޮފައިލް މި ނޫނީ ހޭޒަލް އެހާ ރަނގަޅަށް ބަލާލާފައެއްނުވެއެވެ. އެންމެފަހުން ލާފައި ހުރީ މީގެ ދެ ދުވަސް ކުރީން ނަގާފައިވާ ދާރިއަންގެ ފޮޓޯއެކެވެ. އެ ފޮޓޯގައި ފެންނަނީ ވައަތް ޖީބަށް ޖަހާލައިގެން އެއްފައި މައްޗަށް ބުރަވެ ހުރި ދާރިއަން ފެންސެއްގައި ޖެހިލައިގެން ހުރެ ފޯނަށް ނަޒަރު ހުއްޓާލައިފާ ވާތަނެވެ. އެތަށް އަންހެންކުދީންނެއް ދާރިއަންގެ އެ ފޮޓޯއަށް ރިއެކްޓުކޮށް ކޮމެންޓުކޮށްފައި ހުއްޓެވެ. ދާރިއަން ކުއްޖަކާ ރައްޓެހިވެގެން އުޅޭބާއޭ ހޭޒަލްގެ ހިތަށް އެވަގުތު އެރިއެވެ. ހާޓް ރިއެކްޝަން ދީފައިވާ ކުދީންގެ ތެރޭގައި ދާރިއަންގެ ލޯބިވެރިޔާ ވެސް އިނދެދާނޭ ހޭޒަލްގެ ހިތަށް އެރިއެވެ. ހޭޒަލް ދެން ބަލާލީ އައިކުގެ ޕްރޮފައިލްއެވެ.

"މީތަ ދާރިއަންގެ ބްރަދާއަކީ... ހީ އިޒް ހޮޓް، ވައްތަރު ގޮތެއް އެބަހުރި" ހިނިއައިސްފައި ހޭޒަލްއަށް ބުނެލެވުނެވެ. އައިކުގެ ޕްރޮޕައިލްގައި ދެ އަހަރު ކުރީން ޖަހާފައި އޮތް ޕަބްލިކް ޕޯސްޓުގައި ދާރިއަންގެ ނަން އޮވެފައި އޭނާގެ ފިރިހެންކޮއްކޮކަން ބުނެފައި އޮތެވެ. އެ ދެމެދުގައި އޮތް ގުޅުން ބުނަން ހޭޒަލްއަށް އެނގުނީ އެހެންވެއެވެ. އޭނާއާއި އައިކުއަކީ ފޭސްބުކް ރައްޓެހިންނެއްނޫނެވެ. އެހެންވެ ފެންނަނީ ހަމައެކަނި އައިކު އާންމުންނަށް ފެންނަ ގޮތަށް ޖަހާފައި ހުރި ޕޯސްޓުތައް އެކަންޏެވެ. ދާރިއަންއާ ބެހޭ އިތުރުކަމެއް ނުފެނުމުން ހޭޒަލްގެ ވިސްނުން އެހެން ދިމާއަކަށް ދަތުރުކުރިއެވެ. އޭނާ ދެން ހާވަންފެށީ ލިއަމްގެ ޕްރޮފައިލްއެވެ. އޭނާ ކުޅުދުށްފުށްޓަށް އެރިކަމާއި އެ ރަށުގެ އެކިތަންތަނުގެ ބައެއް ފޮޓޯތައް ލާފައި ހުއްޓެވެ.

ރޭގަނޑުގެ ބޮޑުބައެއް ހޭދަވެގެން ދިޔައީ ހޭޒަލް ފޯނުގައި އޮވެއެވެ. ލިއަމް ފުރުމުން އޭނާގެ ނިންޖަށް ވެސް ބަދަލު އައީއެވެ. އެހެންޏާ އޭނާއަށް ލިއަމް ގެއަށް ނާންނަނީސް ނިދުނަސް ދަންވަރު ހޭލެވޭއިރު ލިއަމް ގާތުގައި އޮއްވާ ފެނެއެވެ. އެކަމަކު މިހާރު އެހެން ވެސް ނުފެންނާތީ މާބޮޑަށް އެކަނިވެރިކަން ހޭޒަލްއަށް އިޚްސާސް ކުރެވެނީއެވެ. އަނެއްކޮޅުން ގޭތެރޭގައި ވާހަކަދައްކާލާނޭ މީހަކު ވެސް ނުހުންނާތީއެވެ. އެ ޚިޔާލުތަކުން ހޭޒަލްގެ ސިކުނޑި ނުތަވަސްކުރުވައެވެ. ފިނިނޭވާއެއް ދޫކޮށްލުމާއެކު ކޮފީ މޭޒުމަތީ ފޯނު ބާއްވާލައި ސޯފާގައި އަރިއަކަށް ހޭޒަލް އެނބުރިލިއެވެ. ބޯދަށަށް ލައްވާލައިގެން އޮތް ކުޑަ ބާލީސް ރަނގަޅުކޮށްލައި ޓީވީއަށް ނަޒަރު ހުއްޓާލިއެވެ. އޭނާ ނިދެންދެން އެގޮތުގައި އޮތެވެ.

* * * * *

ޖެހިގެން އައި ދުވަހު މެންދުރުވީއިރު ވެސް ހޭޒަލް ހުރީ ހެނދުނު ބޯލި ކޮފީތަށީގެ ބާރުގައެވެ. ކާއެއްޗެއް ކާހިތް ނުވެގެންނެވެ. ލިއަމް ނެތުމުން ގޭގައި ކާއެއްޗެއް ހެދުން ވެސް ހޭޒަލްއަށް މުހިންމު ނުވީއެވެ. ކަމެއްނެތިފައި ސޯފާގައި އޮތީއެވެ. ދޮރޯށީގެ ތަޅު ހުޅުވަން މީހަކު ބޭނުންވިކަމުގެ އެލާމް ހޭޒަލްގެ އެޕާޓްމެންޓަށް އިވުނެވެ. އެ އަޑު ނުކެޑުނީތީ ހޭޒަލް ތެދުވެގެން އައިސް ދޮރުކައިރީ ހުރި ފިތަށް އޮބާ ލައިފިއެވެ. ދެން އަނެއްކާ ވެސް އައިސް ސޯފާއަށް ވެއްޓިގަތީއެވެ. އޭނާގެ އެޕާޓްމެންޓަށް އަންނާނޭ މީހަކު ނުހުންނާނޭކަން އެނގޭތީއެވެ. ދޮރޯށި ދޮށުގައި ހުރި މީހަކަށް އޮޅިގެން ހޭޒަލް އުޅޭ ބަޔަށް ފިއްތުނީކަމުގައި ހީކޮށްލައިގެން ހުރެއެވެ. އޭނާ އައިސް ސޯފާއަށް ވެއްޓިގަތްތާ ގިނައިރެއްނުވެއެވެ. އެޕާޓްމެންޓުގެ ބެލް ޖަހައިފިއެވެ.

"ކާކު؟..." ހޭޒަލްއަށް ފުންމައިގެން ތެދުވެވުނެވެ. އަދި ހަލުވިކޮށް އައިސް ދޮރުގައި ހުރި ކުޑަ ބިއްލޫރިކޮޅުގައި ލޯ ޖަހާލައި ދޮރުގެ އަނެއްފަރާތުގައި ހުރީ ކާކުތޯ ބަލާލިއެވެ.

"މަންމަ" ދޮރުމަތީ މަޑުކޮށްލައިގެން ހުރި ސާއިރާ ފެނުމުން ހޭޒަލްއަށް ބުނެވުނެވެ. އަވަސް އަވަހަށް އޭނާ ދޮރު ހުޅުވާލިއެވެ.

"ކީއްތަ ތިކުރަނީ؟... ހާދަވަރަކަށް ބެލްޖެހިފަހުންނޭ ދޮރޯށި ވެސް ހުޅުވީ" ސާއިރާ އެތެރެއަށް ވަންނަމުން ބުންޏެވެ. އޭނާއާއެކު ރިޒްވާނު ވެސް ހުރިކަން ހޭޒަލްއަށް އެނގުނީ ދޮރުގެ އެއްފަރާތު ފާރުކައިރީ ހުރެފައި ދޮރާ ދިމާއަށް އައުމުންނެވެ.

"މަންމަ ކިހިނެއްވީ ތިއައީ؟" ސާއިރާ ކުރި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލު ހޭޒަލް ވާހަކަދެއްކިއެވެ.

"ޒެއްލު އެކަނި އުޅޭނެކަން އެނގޭތީ މިއައީ... ހިނގާ މަންމައާއެކު ގެއަށް ބަދަލުވާން، ލިއަމް އައީމަ އެނބުރި އަންނާނީ" ސާއިރާ ބުންޏެވެ. އޭނާގެ އަތުގައި އޮތް ކޮތަޅު ހޭޒަލްއަށް ފެނުނެވެ. ސާއިރާގެ ފަހަތުން ވަން ރިޒްވާން އެޕާޓްމެންޓުގެ ދޮރު ލައްޕާލިއެވެ. ހޭޒަލް ހިނގައިގަތީ ސާއިރާގެ ފަހަތުންނެވެ. ސާއިރާގެ މިސްރާބު ހުރީ ބަދިގެއަށެވެ.

"ތީ ކޯއްޗެއްތަ؟" ސާއިރާގެ އަތުގައި އޮތް ކޮތަޅު ކާމޭޒުމަތީ ބެހެއްޓުމާއެކު ހޭޒަލް އަހާލިއެވެ.

"މީ ޒެއްލުއަށް ގެނައި ކާއެއްޗެހި... މިއަދު ކައިފިންތަ؟" ސާއިރާގެ ނަޒަރު ބަދިގެ ތެރެއަށް ހިންގާލިއެވެ. އަދި އޭނާ އައިސް ފްރިޖު ހުޅުވާލައި އޭގެ ތެރެ ވެސް ބަލާލިއެވެ. ހޭޒަލްއަށް ބަލާލީ އެއަށްފަހުއެވެ.

"ނުކަން ދޯ" ހޭޒަލް ވަކި އެއްޗެއް ނުބުނުމުން ސާއިރާ ޔަގީންކުރިއެވެ.

"ރިޒްވާން ބުނީ ރަނގަޅަށް... އެ ހުރީ ނުކައެއްނު، މަންމަމެން މިއައީ ވެސް އެހެންވެ، ހިނގާ ކާން... ތައްޔާރު ކުރި ގޮތަށް މިއައީ ހިފައިގެން، ހޫނުކޮށް މިހުރީ... މަންމަމެން ވެސް އަދި ނުކަން" ސާއިރާ ބުނެލިއެވެ. ހޭޒަލްއަށް ބަލާލެވުނީ ބަދިގެއަށް ވަންނަ ދޮރުކައިރީ މަޑުކޮށްލައިގެން ހުރި ރިޒްވާނަށެވެ. އެހެންނަމަވެސް އޭނާއާ ނަޒަރު ސީދާ ނުވަނީސް ހޭޒަލް އެނބުރިލީ ތަށިތައް ނަގާށެވެ.

އަންގާނުލައި އައިކަމަކު ސާއިރާމެން އައުމުން ހޭޒަލް ހިތްހަމަޖެހުނެވެ. ވާހަކައިގައި ތިބެފައި ސާއިރާ ފާޅުކުރި ޚިޔާލުން ހޭޒަލްގެ މޫނު އުޖާލާވިއެވެ. ސާއިރާ ޚިޔާލު ފާޅުކުރީ ހޭޒަލް ބޭނުންނަމަ ކުޅުދުށްފުށްޓަށް ދެވިދާނެކަމަށެވެ. އެތަނުގައި ކުއްޔަށް ދޫކުރާނެ ތަންތަން ހުންނާނެކަމާއި އެކަހަލަ ތަނެއް ހިފައި ދީފާނަންކަމަށް ރިޒްވާން ބުނި ކަމެވެ. އޭރުން ލިއަމްއާއެކު ތިން މަސް ހަމަވަންދެން އެ ރަށުގައި ދެމީހުންނަށް ތިބެވޭނެކަމެވެ. މީގެ ކުރީން އެފަދަ ޚިޔާލެއް ހޭޒަލްއަށް ނުވިސްނުނީ ކީއްވެބާއޭ އޭނާގެ ހިތަށް އެރިއެވެ. ނަމަވެސް އެ ނިންމުމަށް ޢަމަލުކުރަން އެނގޭނީ ލިއަމްއާ މަޝްވަރާކޮށް އޭނާ ދޭ ޖަވާބަކުންކަން ހޭޒަލް ބުންޏެވެ.

"ލިއަމް އޮފީސްކަމަކު ދޯ ގޮސް އެހުރީ... އަޅުގަނޑު ދިއުމުން އޭނާގެ މަސައްކަތްތަކަށް ހުރަސް އެޅިދާނެ" ވިސްނަން އިނދެފައި ހޭޒަލްއަށް ބުނެވުނެވެ.

"މިދުވަސްކޮޅު މަންމަ ވެސް މިހުރީ މާލޭގައެއްނު، މަންމަމެން އެކޮޅަށް ދަތުރެއް އަޅާލަފާނަމޭ، އޭރުން މަންމަމެންނާއެކު ޒެއްލުއަށް ހުރެވޭނެއެއްނު، ލިއަމްގެ މަސައްކަތްތައް ނިންމާފައި ޒެއްލު ގާތަށް އާދެވޭނެއެއްނު، މާލެއެކޭ އޭރުން ތަފާތެއްނުވާނެ ދޯ... އޮފީހުގެ ކަންކަން ނިމުމަށްފަހު ދެން އޮންނާނީ ތި ދެކުދީން އެކުގައި އުޅޭނޭ ވަގުތެއްނު.... އަޅެ ޒެއްލު މިކަމާ ލިއަމްއާ ވާހަކަދައްކަބަލަ.... މަންމައަށް ހީވޭ ލިއަމް ޤަބޫލުވާނެހެން... ޒެއްލު ތިހެން އެކަނިވެގެން އުޅޭއިރު، މަންމައަށް ޔަގީން ލިއަމް ވެސް ހުންނާނީ ޒެއްލުއާ މެދު ފިކުރުބޮޑުވެފަކަން" ސާއިރާ ބުންޏެވެ.

"އަދި ބުނާތި ހިނގާނޭ ޚަރަދާމެދު ލިއަމް ނުވިސްނާށޭ، ލިއަމް އޯކޭ ދިނީމަ، އަހަރެން ހުރިހާކަމެއް ހަމަޖައްސާނަން" ރިޒްވާން ބުންޏެވެ.

ލިބިފައިވާ ހުރިހާ ރިހުމެއް ހޭޒަލްގެ ހިތުން ފިލައިގެން ދިޔަ ކަހަލައެވެ. އޭނާ ވަގުތުން ލިއަމްއަށް ގުޅާލިއެވެ. ނަމަވެސް ލިއަމް ކޯލު ބިޒީކޮށްލީއެވެ. އެހެންވެ އަނެއްކާ ވެސް ހޭޒަލް ގުޅިއެވެ. އެއާއެކު ދެން ލިބުނީ ފަހުން ގުޅާނަން ކަމަށް ބުނެ ލިއަމް ފޮނުވި މެސެޖެވެ.

"ހީވަނީ މިވަގުތު ލިއަމް ބިޒީހެން... އޭނާ ފަހުން ގުޅާނެ، ގުޅީމަ އަޅުގަނޑު ބުނާނަން... ކޮބާތަ ދޮންބެ؟" ލިއަމް ފޯނު ނުނެގުމުން ހޭޒަލް ބުންޏެވެ. އަދި ވާހަކައިގެ މިސްރާބު އެހެން ދިމާއަކަށް އަނބުރާލިއެވެ.

"ޒެއްލު ގުޅާލަނީކީނޫންވިއްޔަ... މިއަދު ވެސް ދޮންބެ ގުޅި، ބުނި ޒެއްލު ކައިރިއަށް ކީރާ ގޮވައިގެން އަންނާނަމޭ، ތިހެން އެކަނި ގޭގައި ނީނދެ ހިނގާބަލަ މަންމަމެންގެއަށް، އެޓްލީސްޓް އޯވާނައިޓަކަށް މި ވީކަންޑު ނިމެންދެން ހުރެލަން އާދޭ" ސާއިރާ އާދޭހުގެ ގޮތަކަށް ބުންޏެވެ.

"މިހެން އުޅެއުޅެ އާދަވެއްޖެ، އެހެންވީމަ އެކަނި އުޅެން ފޫސެއްނުވާނު" ހޭޒަލް ދޮގު ހެދިއެވެ. ނަމަވެސް ސާއިރާ ދޫނުކުރުމުން ހުކުރު ހޮނިހިރު ދެ ދުވަހު އެ ގޭގައި ހުންނަން ދާން ހޭޒަލް އެއްބަސްވީއެވެ.

އާތިޝް ވެސް ހޭޒަލްއަށް ގުޅީ ސާއިރާމެން ނުދަނީހެވެ. އާތިޝް އައީ އަމީރާ ގޮވައިގެންނެވެ. އަމީރާގެ އަތުގައި ހޭޒަލްއަށް ގެނެސްދިން ޗޮކުލެޓު ފޮއްޓެއް އޮތެވެ. އެޕާޓްމެންޓުގެ ތެރޭ އަޑުފަށްގަނޑު ގަދަވީ ދެނެވެ. ހަވީރު ކީރާގެ އޮފީސް ނިމުމުން އާތީޝް އޭނާ ގޮވައިގެން ވެސް އައީ ހޭޒަލްގެ ގާތަށެވެ. އާތިޝް އިންނަތަނެއްގައި ޕީޒާ ކެއުމަކީ އާދައެކެވެ. ހަވީރު ސައިބޯން އާތިޝްގެ ޚަރަދުގައި ޕީޒާ ގެނައެވެ. ކޮފީ މޭޒުމަތީ ޕީޒާ ފޮށިތައް ހުޅުވާލުމަށްފަހު ބަހައްޓަން އުޅުނު ކީރާގެ ލޮލުގައި އެޑްރެސް ކާޑެއް އޮއްވާ އަޅައިގަތެވެ. އެ ނަގައި އެއްފަރާތްކޮށްލުމުގެ ކުރީން އޭނާ ބަލާލިއެވެ.

"ސައިފްގެ އެޑްރެސްކާޑު" ކީރާއަށް ހިތުން ބުނެލެވުނެވެ. އަދި ކީރާއަށް ހޯދާލެވުނީ ހޭޒަލްއެވެ. އޭރު ބޮޑު ކޯކު ފުޅިއެއް ކިހިލި ޖަހައިލައިގެން އަނެއްއަތުން ބިއްލޫރި ތަށިތަކެއް ހިފައިގެން ބަދިގެ ފަރާތުން ނުކުމެގެން އޭނާ އާދެއެވެ. އޭނާއާއެކު ސާއިރާއާއި އަމީރާ ވެސް ހުއްޓެވެ.

"ޒެއްލު!... މިތާ އޮތް އެއްޗެއް މީ... ކޮންތާކަށް ލާންވީ" ކީރާ އަހާލިއެވެ.

"ގަލަންތަށް އެޅި ފުޅިއަށް ކޮންމެވެސް ގޮތަކަށް ޖަހާލާ" ހޭޒަލް ބުންޏެވެ. ދެވަނަ ފަހަރަށް ވެސް ކީރާއަށް އަތުގައި އޮތް އެޑްރެސް ކާޑަށް ބަލާލެވުނީ ހިތުގައި އުފެދުނު ސުވާލު ތަކުންނެވެ. ނަމަވެސް ހޭޒަލް ބުނިހެން އެ ކާޑު ގަލަންތައް އަޅާފައި ހުރި ފުޅީގެ ތެރެއަށް ކޮއްޕާލިއެވެ. ހޭޒަލް އައިސް ކޮފީމޭޒު ކައިރީ މަޑުކޮށްލައި އަތުގައި ހުރި ބިއްލޫރި ތަށިތަކުގައި ހިފާދިނުމަށް ކީރާއަށް ލޮލުން އިޝާރާތްކޮށްލިއެވެ.

"މީ ލިއަމްގެ ފްރެންޑެއްތަ؟" ފަހަރަކު ބިއްލޫރި ތަށްޓެއް ކޮފީ މޭޒުމަތީ ބަހައްޓަމުން ކީރާ އަހާލިއެވެ. އެވަގުތު އެ ދެ މީހުންގެ ދެމެދުގައި ދެކެވޭ ވާހަކައަށް އިތުރު މީހެއްގެ ސަމާލުކަމެއް ހުއްޓިފައެއް ނެތެވެ. ކީރާ ސުވާލުކުރީ އެވަރު ބަލާފައެވެ.

"ހީޒް މައި ފްރެންޑް... ވަރަށް ޒަމާންފަހުން ދިމާވެފައި އެޑްރެސްކާޑު ދިނީ، ވެދާނެ ފޮނިކަނޑާލަންކަމަށް" ހޭޒަލްގެ ހިތުގައި ވެސް ކީރާގެ ސަބަބުން ވަހުމްތަކެއް އުފެދުނެވެ. އެހެންވެ އޭނާ ވެސް ސައިފްގެ ހަޤީޤަތް ކިޔައިދޭން ބޭނުންނުވީއެވެ. އެ މާޒީ ކީރާގެ ކުރިމަތީ ނިއުޅާލަންޖެހޭ ސަބަބެއް ވެސް ނެތީމައެވެ.

"ކީރާ ދަންނަންތަ؟" ކޯކުފުޅި މޭޒުމަތީ ބަހައްޓާފައި ހޭޒަލް އަހާލިއެވެ. އޭރު އޭނާގެ ނަޒަރު ހުރީ ފަރުވާތެރިކަމާއެކު ކީރާއަށް ހުއްޓިފައެވެ. އެ މޫނުން ކަމެއް ދެނެގަންނަން ބޭނުންވެފައި ހުރި ފަދައިންނެވެ. ހަތަރުކަޅި ހަމަކޮށްލުމާއެކު ކީރާ ހޫން ލައްވާލަމުން ކުޑަކޮށް ބޯޖަހާލިއެވެ.

"ކިހިނެއް؟" ހޭޒަލްގެ ހިތުގެ ހިނގުން އަވަސްވިއެވެ. ސައިފްއާއި ކީރާގެ މާޒީއެއް އޮތީބާއޭ ހޭޒަލްގެ ހިތަށް ވަގުތުން އެރީއެވެ.

"ހީޒް މައި ބޮސް" ކީރާ ބުނެލިއެވެ. އެއާއެކު ވަގުތުން ހޭޒަލްގެ މޫނުގައިވި ސީރިއަސްކަން ބަދަލުވެއްޖެއެވެ.

"އޯ!... އެހެންތަ!.... ކީރާ ވޯކްކުރާ ޓީވީ ދޯ އެއީ... ހިތަށް އެރިއޭ ވަރަށް ފެމީލިއާ ނަމެކޭ" ހޭޒަލް ހިނިތުންވެލިއެވެ.

"އެމީހުން ޗެނެލް ފެށިތާ ހަތަރުއަހަރު މިވީ، އަހަރެން ވެސް ޗޭންޖުވީ ބޮޑު އޮފާއެއް ލިބިފަ ހޯސްޓުކުރާނެ އަމިއްލަ ފްރޮގްރާމެއް ދޭން އެއްބަސްވީމަ، އެހެން ޗެނެލްތަކާ ބަލާފަ ދޭ އާ ސްޓިލް ވެރީ ޔަންގް... އެކަމަކު ވެރީން ވަރަށް ނައިސް، ހަތަރު މީހުން ވެގެން އެތަން ހިންގަނީ، ޕްރޮގްރާމް ބަޔަށްވުރެ ސައިފް ފެންނާނި ފައިނޭންސް ބައިގަ، ބައެއް ދުވަސްދުވަހު ޚަބަރު ގަޑީގަ ސްޓޫޑިއޯއަށް ޖައްސާލާނެ... ހީޒް އިމެންސްލީ ޕޮޕިއުލާ އެމޮންގް ގާލްސް... ވެދާނެ އޭނާގެ ހުންނަ ފްލާޓީ ގޮތުންކަމަށް، އޭނާ ވަރަށް ބިޓިން ދޯ" ކީރާ ފަހު ޖުމްލައާއެކު ހީނލިއެވެ. އެ ހުނުމުގައި ހޭޒަލް ބައިވެރިވިއެވެ. އިތުރަށް އެ ދެމެދުގައި ސައިފްގެ ވާހަކައެއް އެކަކުވެސް ނުދެއްކިއެވެ.

އިރުއޮއްސުނު ފަހުން ސާއިރާއާއި ރިޒްވާނުގެ އިތުރުން އާތީޝްގެ ޢާއިލާ ވެސް ހޭޒަލްގެ އެޕާޓްމެންޓުން ހިނގައްޖެއެވެ. އެންމެން އައިސް މާޙައުލު ހަލަބޮލިވުމުގެ ސަބަބުން ހޭޒަލްއަށް ވެސް ލިއަމްއަށް ގުޅާނޭ ވަގުތެއް ފަހުން ނުވިއެވެ. ލިއަމް ގުޅުމުގެ ބަދަލުގައި އެ ރަށުން އޭނާއާ ބައްދަލުވި ރަޙުމަތްތެރިއަކާއެކު އެ ގެއަށް ހަވީރު ސައިބޯން ދާންޖެހިގެން ދިޔަކަން މެސެޖުކޮށްލާފައި އޮތެވެ.

ނަމާދުތައް ކޮށްލައިގެން ހޭޒަލް އައިސްވަނީ ބަދިގެއަށެވެ. ސާއިރާ ގެނެސްފައި ހުރި ބަތްގަނޑު އޭނާ ދިޔައީ ހޭޒަލްގެ ކުކަރަށް އަޅައިދީ ހޫނުކުރަން ޖައްސާފައެވެ. ނުކެވިގެން ބާކީވި ޕީޒާ ފޮތިތައް މައިކްރޮވޭވް ތަށްޓަކަށް އަޅައި މަތިޖެހުމަށް ފަހު ހޭޒަލް އެ ތަށި ފްރިޖަށް ލިއެވެ. ދެން އައިސް ކޮފީ މޭޒުމަތި ސާފުކޮށް ގޭތެރެ ފޮޅިއެވެ. އެ ހުރިހާ ކަމެއް ކުރުމަށްފަހު އޭނާ އައިސް މަޑުކޮށްލީ ކާމޭޒު ދޮށުން ގޮނޑިއެއްގައެވެ. ތަންކޮޅެއް ރަނގަޅަށް ފޯނަށް ބަލާލާފައި ލިއަމްއަށް ގުޅިއެވެ.

"ހެލޯ... މީނީ ކާން... އިރުކޮޅަކުން ގުޅާލަންތަ؟" ފޯނު ނެގިގޮތަށް ލިއަމް ބުންޏެވެ. ފިނިނޭވާއެއް ދޫކޮށްލުމަށްފަހު ހޭޒަލް އަނގައިން ނުބުނެ ފޯނު ކަނޑާލީއެވެ. މިފަހަރު ހޭޒަލްގެ މޫނުން ނުރުހުމުގެ އަސަރު ފާޅުވިއެވެ. އޭނާ ތުންއަނބުރާލުމާއެކު ދެބުމަ ކައިރިކޮށްލިއެވެ. އެ އިން އިންގޮތަށް ފޯނު އަތަށް ލައިގެން ހަރަކާތެއް ވެސް ކޮށްނުލާ ހޭޒަލް އިނީއެވެ. ގިނައިރެއްނުވެ ފޯނު ރިންގުވާން ފެށިއެވެ. ހޭޒަލް ފޯނުކޯލު ނެގީ އިރުކޮޅަކު އިސްކުރީނަށް ބަލަން އިނދެފައެވެ.

"ހެލޯ ލޯބީ... އޭރު ކާން ހަމަ އިށީނީ، މިތާ ސްޓޭޝަން ކުދީންނާއެކު، ވާހަކަދެއްކޭ ކަހަލަ ގޮތަކަށްނޫންވީމަ ކަނޑާލަން ޖެހުނީ، ހިތްހަމަނުޖެހުނީތަ؟" ހޭޒަލް އަނގައިން ވެސް ނުބުނެ ފޯނުކޯލު ކަނޑާލި ގޮތުން ކޮންމެވެސް ކަމެއްވެއްޖެކަން ލިއަމްއަށް އެނގުނީއެވެ. އެހެންވެ އަވަސްއަވަސްކޮށްލައިގެން އޭނާ ހޭޒަލްއަށް ގުޅީ ވީގޮތް އޮޅުން ފިލުވައި ދިނުމަށެވެ.

"ކުޑަކޮށް ހިތްހަމަނުޖެހުނީ... މިއަދު އެއްކޮށް މިދަނީ... ލިއަމްއަށް އެއްފަހަރު ވެސް އަހަރެންނަށް ގުޅާލާނޭ ވަގުތު ނުވި، ތިހާ ބިޒީވެގެން ކީއްތަ ތިކުރަނީ، ހުރިހާ ވަގުތަކު އޮފީސް މަސައްކަތް އޮވޭތަ ކުރަން" ހޭޒަލް ހިތްހަމަނުޖެހިފައިކަން ހުރީ އޭނާގެ އަޑުންނާއި ވާހަކަދެއްކި ރާގުން ލިއަމްއަށް އެނގުނެވެ.

"ސޮރީ... ދެން އެހެނެއްނުވާނެ... ޕްލީޒް ޒެއްލު... އަހަރެންދެކެ ހިތްހަމަނުޖެހިފައި ނުހުންނައްޗޭ" ލިއަމް އާދޭހުގެ ގޮތަކަށް ބުނެލިއެވެ. ނަމަވެސް މިފަހަރު ހޭޒަލްގެ މޫޑު ރަނގަޅުވާގޮތެއް ނުވިއެވެ. ލިއަމްގެ ފުށުން އިވުނީ އޭނާ ޢާއްމުކޮށް ބުނާ ބަސްތަކެއްވީމައެވެ.

"އައި މިސް ޔޫ..." އިރުކޮޅަކު އިނދެފައި ހޭޒަލް ބުންޏެވެ.

"އަހަރެން ވެސް... ބޮޑުބޮޑުކޮށް... އެހެންވެ މިހާ ބިޒީކޮށް މިއުޅެވެނީ" ލިއަމް ބުންޏެވެ.

"މިއަދު މަންމަމެން އައި، ދޮންބެ ވެސް" ހޭޒަލް ބުންޏެވެ.

"އަހަރެންގެތަ؟ ކީއްކުރަންށޯ؟" ލިއަމް ހީކުރީ މުހުސިނާމެން އައީ ކަމަށެވެ.

"ނޫން... އަހަރެންގެ މަންމަމެން، ދޮންބެއާއި ކީރާއާއި އަމީރާ ވެސް... އަހަރެން އެކަނި އުޅޭނެތީއޯ ބުނީ، މަންމަ ކިޔާވަރުން މި ވީކަންޑްގަ މަންމަމެންގެއަށް ހުންނަންދާންވެގެން މިއުޅެނީ" ހޭޒަލް ބުންޏެވެ. އެ ޚިޔާލު ލިއަމްއަށް ވަރަށް ކަމުދިޔައެވެ. އޭނާ ވެސް އެދުނީ އެ ގޭގައި ދުވަސްކޮޅަކަށް ހޭޒަލް މަޑުކޮށްލުމަށެވެ. އޭރުން ދުވަސްތައް ދިގުނުވެ ހީނުކުރާހާ އަވަހަށް ހިނގައިދާނެކަމަށެވެ. ސައިރާ ހުށަހެޅި ޚިޔާލު ލިއަމްއާ ހޭޒަލް ޚިއްޞާކުރީ ދެނެވެ.

"ވަޓް!..." ލިބުނު ސިހުމާއެކު ލިއަމް ބުންޏެވެ.

"އޭރުން ލިއަމް ކުރަންހުރި މަސައްކަތެއްވިއްޔާ ކޮށްފަ އަހަރެމެން ދެ މީހުން އެކުގައި ޓައިމް ސްޕެންޑް ކުރެވޭނެއެއްނު، މަންމަމެން ހުރިހާކަމެއް ހަމަޖައްސާނެ... ލިއަމް!... ހާދަ އުނދަގުލޭ ލިއަމްއާ ދުރުގައި މިހެން ހުންނަން" ހޭޒަލް ބުންޏެވެ.

"ޒެއްލު ޕްލީޒް... ތިކަމަށް އަހަރެންނަށް އެއްބަހެއްނުވެވޭނެ، އަހަރެން އައިސް މިހުރީ އޮފީސް ކަމަކުއޭ... އަނބިމީހާ ގޮވައިގެން ޗުއްޓީ ހޭދަކުރަން އުޅެވޭނީ ކިހިނެއް، އަނެއްކޮޅުން އޮފީހުން ރަސްމީކޮށް މިހެން އައިސް ހުންނަ ދަތުރެއްގަ އަންހެނުން ގޮވައިގެން އައިސް އުޅެން ހުއްދަ ވެސް ނަގަން ޖެހޭނެ" ލިއަމް ބުންޏެވެ.

"ކީއްކުރާ ހުއްދައެއްތަ؟... އަހަރެން މީ ލިއަމްގެ ވައިފްއެއްނު، އޮފީސް މީހުންނަށް ވެސް އަހަރެން އެނގޭނެ، އެންމެންނަށް ވެސް އެނގޭނެ ލިއަމްއަކީ މެރީޑް މީހެއްކަން، އަނބިމީހާއާ ދުރުގައި އެހާ ދުވަހު ހުންނަން އުނދަގޫވާނެކަން... އެހެންނޫނަސް ސައުވީސް ގަޑިއިރު އެކަކު ވެސް އޮފީހުގެ މަސައްކަތެއްނުކުރާނެކަންނޭނގެ... އަހަރެން ދިޔަޔަސް ލިއަމްއަށް އުނދަގުލެއްނުކުރާނަމޭ... މަންމަމެންނާއެކު އެ ރަށަށް ދިއުމުން ނެތެންނު މައްސަލައެއް، ލިއަމް މިހާރު ވެސް ތިއުޅޭ ގޮތަށް އުޅޭނީ" ހޭޒަލް ހީވަނީ ކަމަކާ ކެތްތެރިކަން ކުޑަވެފައިވާހެނެވެ.

"ސޮރީ ޒެއްލު... މިވަގުތަކުނޫން... ޕްލީޒް ޓްރައި ޓު އަންޑަސްޓޭންޑް" ލިއަމް އެއްގޮތަކަށް ވެސް އޭނާގެ ގާތަށް ހޭޒަލް ގެންނަކަހަލަ ޚިޔާލެއް ނުކުރިއެވެ. އެކަމަކު ހޭޒަލް ދެރަވާނެތީ ރީތިގޮތުގައި ނޫނެކޭ ބުނާނޭ ގޮތެއް ނުވިސްނުނެވެ.

"އަދި ދުވަސްކޮޅަކު މަޑުކޮށްލަދީ... އައި ވިލް ތިންކް އަބައުޓް އިޓް، މިކޮޅުގަ އަދި މަންތެއް ވެސް ނުވެއެއްނު، ޕްލީޒް ޓްރަސްޓް މީ... އަހަރެން ވިސްނާނަން ތިކަމާ، އެނގޭ ޒެއްލު ތިއުޅެނީ އަހަރެން މިސްވާތީކަން، އައި ނޯ ހައު ޔޫ ފީލް... ލޯބީ... ދުވަސްކޮޅެއް އަހަރެންނަށް ދީ އިނގޭ" ލިއަމް ބުންޏެވެ.

"އަހަރެން ހީކުރީ އަހަރެން އަމިއްލައަށް ލިއަމް ގާތަށް ދާން އުޅުމުން އުފާކަމަށްވާނީ، ލިއަމް އަސްލު ބޭނުމެއްނުވޭ ދޯ ތިކޮޅަށް އަހަރެން ގެންދާކަށް" ހޭޒަލްއަށް ބުނެވުނީ ތަންކޮޅެއް ރުންކުރުކޮށެވެ. ހަޤީޤަތުގައި ލިއަމް ދެކޮޅުހެދި ގޮތުން އޭނާ ދެރަވީއެވެ. ލިއަމް ބުނަން އުޅޭ އެއްޗެއް ހޭޒަލްއަށް ވިސްނައިގަންނަން ފަސޭހަނުވީއެވެ. ލިއަމްގެ އުޒުރުތައް ޤަބޫލުކުރަން ހޭޒަލްގެ ސިކުނޑިއަށް ދައްޗެވެ.

"ޒެއްލު... އެބައިނިންތަ؟" ހޭޒަލްގެ އަޑެއްބަޑެއް ނީވުމުން ލިއަމް އަހާލިއެވެ. އެއާއެކު ހޭޒަލް ހޫން ލައްވާލިއެވެ.

"ދެން ތިހެންނުވެބަލަ... ޒެއްލުއަކީ ވަރަށް އަންޑަސްޓޭންޑިން ކުއްޖެއްނު، މިހެން ދުރުގައި ތިބޭއިރު ޒެއްލު ތިހެން އުޅުނީމަ އަހަރެން ކިހާ ވޮރީވާނެ، ޒެއްލު ހެޕީކޮށް ހަމަޖެހިފަ ހުރިއްޔާ ދޯ އަހަރެންނަށް ވެސް މިކޮޅުގަ ހަމަޖެހިގެން ހުރެވޭނީ، އަހަރެން ބޯގޮވައިގެން އުޅެންޏާ މަސައްކަތެއް ވެސް ރަނގަޅަށް ނުކުރެވޭނެ ދޯ" ލިއަމްގެ ވާހަކަތައް ހޭޒަލް އަޑުއެހިއެވެ.

"އޯކޭ... ސޮރީ..." ލިއަމްގެ މޫޑު ބަދަލުވެއްޖެހެން ހީވުމުން ހޭޒަލް ބުންޏެވެ. ކުށްކުރެވުނީ އަމިއްލައަށް ކަމަށް ޤަބޫލުކުރަމުންނެވެ. ލިއަމް ބޯގޮވައިގެން އުޅޭކަށް ހޭޒަލް ބޭނުމެއްނޫނެވެ. އެހެންވެ އޭނާ ގޮތްދޫކޮށް ލިއަމްގެ ވާހަކަ ޤަބޫލުކުރީއެވެ. ހިތަށް އުނދަގޫވީ ނަމަވެސް އެވެ.

"ކާކު އައީ؟" ލިއަމްގެ ގާތުން އެހެން މީހަކު ވާހަކަދައްކާ އަޑު އިވުމުން ހޭޒަލް ސުވާލުކޮށްލިއެވެ.

"ޝިޔާން އައިސް ހުރެގެން ސްޓޭޝަން ކުއްޖަކު އެވާހަކަ ބުނަން އެއައީ" ލިއަމް ބުންޏެވެ.

"ކޮންތާކު ލިއަމް ތިހުރީ" ހޭޒަލް އެއްސެވެ.

"ސްޓޭޝަންގައެއްނު، މިތާ ހުރި ޖޯލިފައްޗެއްގަ... އެކަމަކު މިތެދުވީ... މިދަނީ ޝިޔާނުއާ މީޓުކޮށްލަން" ލިއަމް ބުންޏެވެ.

"މިވަގުތުތަ؟.... އަބަދު ޝިޔާނުއާއެކީތަ އުޅެނީ... އޭނާ މެރީޑްއެއްނޫންތަ؟ އެމީހުން ގެއަށް ދޯ ދިޔައީ ހަވީރު..." ހޭޒަލް އެއްސެވެ.

"މެރީޑް... ވައިފްމެންގެއަކަށްނޫން ދިޔައީ، ހިސް ލައިފް އިޒް ކޮމްޕްލިކޭޓެޑް... ފަހުން ދޯ އެވާހަކަދައްކާނީ، އަހަރެން ނިދަން އަރާފަ ޒެއްލުއަށް ގުޅާނަން މިރޭ، މިވަގުތު އިހަށް ބާއްވަނީ" ލިއަމް ބުންޏެވެ.

"މިއަދު އެއްކޮށް ލިއަމް ބިޒީކޮށް އުޅެފަ ދެންމެ ދޯ މި ވާހަކަދައްކާލަން ވަގުތުވީ... ޝިޔާނަށް އެނގެންވާނު ލިއަމްގެ އަނތްބަކު ހުންނައިރު އޭނައަށް ވެސް ވަގުތު ދޭންޖެހޭނެކަން، އަދިއަމުދުން ދުރުގައި ހުންނައިރު" ހޭޒަލްއަށް ބުނެވުނީ ފޫހިކަމާއެކުއެވެ.

"ޒެއްލު... ކިހިނެއްތަ ތިވާހަކަދައްކަނީ" ލިއަމްއަށް ބުނެވުނެވެ.

"ހޫން! ދެން އޯކޭ... ބާއްވަނީ" ހޭޒަލް ވަގުތުން ފޯނު ކަނޑާލީއެވެ. ލިބުނު ނުތަނަސްވަކަމާއެކު ހޭޒަލްއަށް މޭޒުމައްޗަށް ފޯނު އެއްލާލެވުނެވެ. ރޮވެން އުޅޭހެން ތުންފިއްތާލިއެވެ. ހިތުން ޝިޔާނަށް އަޑުލައިގަތެވެ. ލިއަމްގެ ގިނަވަގުތު ހޭދަކުރަނީ އެ ޝިޔާނާއެކުކަން ލިއަމްގެ ފަރާތުން ހޭޒަލްއަށް އޮތީ އެނގިފައެވެ. ހޭޒަލްއަށް އިޙްސާސް ކުރެވުނީ އޭނާއަށްވުރެ ލިއަމްއަށް ޝިޔާނު މުހިންމުވެއްޖެކަމެވެ.

ހޭޒަލް ހިތްދަތިވެ ރުޅިއަންނާނެ އިރަކަށް ޝައިތާނާ ބަލަބަލާ ހުރި ކަހަލައެވެ. ފޯނަށް އައި ނޮޓިފިކޭޝަންއާއެކު މޭޒުމަތީ އޮތް ފޯނު ވައިބްރޭޓްވިއެވެ. ފޯނު ނަގައި ހޭޒަލް ބަލާލީ ލިއަމްއަށް އެއްޗެއް ވިސްނިގެން ޚަބަރެއްވީ ކަމަށް ހީކޮށެވެ. ނަމަވެސް ހަޤީޤަތް ތަފާތެވެ. ހޭޒަލްއަށް ފްރެންޑް ރިކުއެސްޓް ސައިފް ފޮނުވީއެވެ. ހާސްކަން ސިކުނޑިން ބޭރުކޮށްލަން ބޭނުންވެފައި އިން ހޭޒަލް ވަގުތުން ސައިފްގެ ރިކުއެސްޓް ޤަބޫލުކޮށްލިއެވެ. ލަހެއްނުވެ ދެވަނަ ނޮޓިފިކޭޝަންއެއް އަތުވެއްޖެއެވެ. ފޭސްބުކްގެ މެސެންޖާއިން ސައިފް ގޮވާލީއެވެ. ރިކުއެސްޓް ޤަބޫލުކުރީތީ އޭނާ ޝުކުރުއަދާކޮށްފައި އޮތެވެ.

(ނުނިމޭ)