ސިއްހަތު

ޑްރެގަން ފުރުޓް: ޑެންގީ ހުމަށް ރަނގަޅު އެއްޗެއްތަ؟

ޑެންގީ ހުމަކީ މިހާރު ވަރަށް ގިނައިން ރާއްޖެއިން ވެސް ފެންނަ ބައްޔެކެވެ. މި ބައްޔަށް މާ ގިނަ ޑޮކްޓަރީ ފަރުވާތަކެއް ނުހުރެ އެވެ. ނަމަވެސް ބަލީގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތަކުން ސަލާމަތް ކުރުމަށް ރިމެޑީތައް ބައެއް މީހުން ބޭނުންކުރެ އެވެ.

އެގޮތުން މިހާރު އެންމެ މަޝްހޫރު ރެމެޑީއެއް ކަމަށް ވަނީ ޑްރެގަން ފުރުޓެވެ. ޑެންގީ ޖެހުމުން ޕްލެޓްލެޓް ކައުންޓް ދަށްވެ އެވެ. މިއީ ލޭގައި އެކުލެވޭ މުހިއްމު ކޮމްޕޯނަންޓެކެވެ.

އިންޑިއާގެ ނިއުޓްރިޝަނިސްޓެއް ކަމަށްވާ ޑރ. ނޫޕޫރް ކްރިޝަން ވިދާޅުވި ގޮތުގައި ފެހި ކުލަ ގަދަ ފަތުގެ އިތުރުން ގިނަ ބަޔަކު މިހާރަކަށް އައިސް ޑްރެގަން ފުރުޓް ވެސް ޑެންގީގެ ރިމެޑީއެއްގެ ގޮތުގައި ދަނީ ބޭނުން ކުރަމުންނެވެ. މި މޭވާގައި ވަރަށް ގިނަގުނަ ފައިދާތައް އެކުލެވެ އެވެ. މިއީ ވަރަށް ވިޓަމިން ސީ ގިނަ މޭވާ އަކަށް ވާތީ މި މޭވާ ކެއުމުން ސެލްތަކުގެ ދިފާއީ ބާރު ގަދަވެ ޑެންގީ ހެމަރެޖިކް ފީވާ ޖެހުމުން ދިފާއު ކޮށްދެ އެވެ. އަދި މިއީ ކަށީގެ ސިއްހަތަށާއި ލޭ ރަނގަޅުކޮށް އިތުރު ކޮށްދިނުމަށް ވެސް އެހީވެދޭ މޭވާ އެކެވެ.

ޑްރެގަން ފުރުޓްގައި ފައިދާހުރި ވަރަށް ގިނަ މާއްދާތައް އެކުލެވޭތީ އާއި މިއީ ވަރަށް ބަނޑަށް ލުއި އެއްޗަކަށް ވާތީ ހުން އައިސްގެން އުޅޭއިރު މި މޭވާ ކެއުމުން ވަރަށް ގިނަ ފައިދާތައް ލިބޭ ކަމަށް ނިއުޓްރިޝަނިސްޓް ވިދާޅުވި އެވެ.