ހަބަރު

ސަރުކާރުގެ ނާގާބިލް ކަމުގެ ޝިކާރަޔަށް ދަރިން ނުހައްދަވާ: މުއިޒު

ސަރުކާރުގެ ނާގާބިލް ކަމުގެ ޝިކާރައަށް ޅަ ދަރިން ނުހަދަން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

މުައިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސަރުކާރުގެ ނާގާބިލް ކަމުގެ ޝިކާރައަކަށްވެ، އެކަމުގެ ދެރަ ލިބޭ ބަޔަކީ ޅަ ދަރިން ކަމުގައި ނުހެއްދެވުމަށެވެ. އޭނާ އެ ޓުވީޓް ކުރައްވާފައިވަނީ ގދ. ފަރެސްމާތޮޑާ ސްކޫލު ދަރިވަރުންގެ ނާސްތާއިން ފުޅަތަކެއް ފެނިފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ހަބަރަކާއި ގުޅިގެން ނެވެ.

މީގެ އިތުރުން މި ސަރުކާރުން ނާސްތާ ޕްރޮގްރާމް ފެށުމާއި ގުޅިގެން މުއިއްޒު ޖޫން 11 ގައި ކުރެއްވި ޓުވީޓްގައި ވިދާޅުވެފައިވަނީ، ނާސްތާ ދޭން ފެށި އިރު، ނާސްތާ ތައްޔާރު ކުރަން ބޭނުން ކުރާ ތަކެއްޗާއި، ތައްޔާރު ކުރާ ގޮތާއި، ތަނާއި، ތައްޔާރު ކޮށްގެން ގެންނަ ގޮތުގެ ރައްކާތެރިކަން ކަށަވަރު ކުރާނެ ހަރުދަނާ ނިޒާމެއް ގާއިމްކޮށްފައިނުވާ ކަމަށެވެ. އަދި އެކަން އިސްލާހު ކުރުމަށް ގޮވާލާ ކަމަށެވެ.

މުއިއްޒު ކުރެއްވިި ޓުވީޓް

ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދަން އެޑިއުކޭޝަން މިނިސްޓްރީން މި އަހަރުގެ ފުރަތަމަ ޓާމުގައި ވަނީ ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައި 25 ސްކޫލެއްގައި ނާސްތާ ފަށާފަ އެވެ. އަޖުމަ ބަލަން ފެށި އެ ޕްރޮގްރާމަށް ފަހު، ބާކީ 188 ސްކޫލާއެކު މިހާރު 203 ސްކޫލްގައި ހެނދުނު ނާސްތާ ދަރިވަރުންނަށް ލިބެއެވެ. އެއީ ޖުމުލަ 57816 ދަރިވަރުންނަށެެވެ.