ގައުމީ ފުޓްބޯޅް ޓީމް

ބޮޑު ގައުމާ ދެކޮޅަށް ކުޑަ ގައުމުގެ އަޑު!

ރޭގެ ބޭއްވި ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ޗައިނާގެ ނޫސްވެރިން ވެސް ފާހަގަ ކުރީ އެ ވާހަކަ އެވެ. އޭޝިއާގެ ފުޓްބޯޅައިގެ ވަރުގަދަ ބާރު ދެކުނު ކޮރެއާ ދެކޮޅަށް އެއްވަރު ކުރުމާއި އިރާން އާއި ގަތަރާ ދެކޮޅަށް ރާއްޖެއިން އަމިއްލަ ދަނޑުގައި ނެރުނު ނަތީޖާތަކުގެ ވާހަކަ އެވެ.

ހަމަ އެގޮތަށް ޗައިނާ އާ ދެކޮޅަށް ވެސް މާލޭގައި ކުޅުނު މެޗުގައި ޗައިނާ ސަލާމަތްވީ ހަނި ގޮތަކަށެވެ. އެ ހުރިހާ ނަތީޖާއެއް ނެރުމުގައި ރާއްޖެއަށް އެންމެ ބޮޑު އެހީއަކަށް ވަނީ ދިވެހި ސަޕޯޓަރުންނެވެ. މިރޭ ދުނިޔޭގެ އެންމެ ބޮޑު އާބާދީ ހިމެނޭ ގައުމާ ދެކޮޅަށް ދުނިޔޭގެ އެންމެ ކުޑަ އާބާދީ ހިމެނޭ ގައުމުތަކުގެ ތެރޭގައި ހިމެނޭ ރާއްޖެއަށް ވެސް އޮތް އެންމެ ބޮޑު ހަތިޔާރަކީ ރާއްޖޭގެ ސަޕޯޓަރުންގެ އަޑެވެ.

ރާއްޖެއާ ދެކޮޅަށް ރާއްޖޭގެ ދަނޑުގައި ކުޅެން އުނދަގޫ ވާނެ ކަން ޗައިނާގެ ކޯޗް އިޓަލީގެ މާސެލޯ ލިއްޕީވެސް ގަބޫލު ކުރި އެވެ. ރޭގެ ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ވެސް އޭނާ ބުނީ ރާއްޖެއާ ދެކޮޅަށް ވެސް ނެރޭނީ އެންމެ ވަރުގަދަ ޓީމު ކަމަށެވެ.

"އަހަރެމެންގެ އަޒުމު ވަރުގަދަ ކޮލިފައިންގެ އަނެއް ބުރަށް ދާން އަހަރެމެން މިތިބީ، އެކަން ކުރުމަށްޓަކައި ތިން ޕޮއިންޓަކީ އަހަރެމެންނަށް ވަރަށް މުހިންމު އެއްޗެއް،" އިޓާލީ ބަހުން ލިއްޕީ ބުންޏެވެ. "އަހަރެމެން ނުބަލާނަން އަހަރެމެންނާ ދެކޮޅަށް ނުކުންނަނީ ކޮން ފެންވަރެއްގެ ޓީމެއްތޯ އެއް، ކޮންމެ މެޗެއްވެސް ކާމިޔާބު ކުރުމަކީ އަހަރެމެންނަށް ވަރަށް މުހިންމު ކަމެއް،"

ރާއްޖޭގެ ކޯޗް ޕީޓާ ޝެގަޓް ބުނީ، ޗައިނާގެ މެޗަށް ނެގިފައި އޮތް ސްކޮޑަކީ މިވަގުތު ރާއްޖެއިން ނެގޭނެ އެންމެ ވަރުގަދަ ސްކޮޑު ކަމަށާއި ޗައިނާއާ ދެކޮޅަށް ރަނގަޅު ނަތީޖާއެއް ނެރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.

ޝެގަޓް ބުނީ، މެޗުގައި ޗައިނާއަކީ ފޭވަރިޓް ކަމަށާއި ރާއްޖެއިން މަސައްކަތް ކުރާނީ ރަނގަޅު މެޗެއް ކުޅެ ނަތީޖާ ނެރުމަށް ކަމަށެވެ.

"އަހަންނަކަށް ވައުދެއް ނުވެވޭނެ މިވެނި ނަތީޖާ ނެރޭނަމޭ އެހެން ނަމަވެސް އަހަރެމެން ވަރަށް ރަނގަޅު މެޗެއް ކުޅުމަށް މަސައްކަތް ކުރާނަން،" ޝެގަޓް ބުންޏެވެ.

ރާއްޖެ އާއި ޗައިނާ މެޗު ފަށަނީ މިރޭ 8:00 ގަ އެވެ.