އިސްލާމް ދީނާ ދެކޮޅު އެއްވުންތައް ބާއްވައި ޒުވާނުންނަށް ލާދީނީ ވާހަކަތައް ކިޔައިދޭނެ ކަމަށް ބުނެ ޓްވީޓް ކުރަމުންދިޔަ ދިވެއްސަކު ހައްޔަރުކޮށްފި އެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ގދ. ތިނަދޫންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދީނަށް ފުރައްސާރަކޮށް ސޯޝަލް މީޑިއާގައި ލިޔާ މައްސަލާގައި އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
ހައްޔަރު ކޮށްފައިވަނީ ޓްވިޓާގައި އޭނާގެ ނަމަކަށް ރުޝްތުމް ޖަހާފައިވާ މީހެކެވެ. އޭނާ ކޮށްފައިވާ ޓްވީޓެއްގައި ތިނަދޫގެ ޒުވާނުންތަކެއް އެއްކޮށް ލާދީނީ ވާހަކަތަކެއް ކިޔައިދީފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި އެއީ އޭނާ ދީނާ ދެކޮޅަށް ކުރާ މަސައްކަތް ފާޅުގައި ފެށުން ކަމަށް ވެސް ބުނެފައިވެ އެވެ.
ކުރިއަށް އޮތް ތަނުގައި ލާދިނީ ބޮޑު ޖަލްސާތައް ވެސް ބާއްވާނެ ކަމަށް އޭނާ ޓްވީޓްގައި ބުނެފައިވެ އެވެ. މިކަމާ ގުޅިގެން އޭނާ ހައްޔަރު ކުރިއިރު ގިނަ ބަޔަކު ދިޔައީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
މީގެ ކުރިން ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ބަޔަކު މީހުން ވަނީ އެހެން ދީންތަކަށް ފުރުސަތު ދިނުމަށް ގޮވާލާ މާލޭގެ އާޓިފިޝަލް ބީޗްގައި މުޒާހަރާއެއް ކޮށްފައެވެ.