މޯލްޑިވްސް ޕޮލިސް ސާވިސް

ތިނަދޫގައި ކުއްޖަކަށް އަނިޔާ ކުރި މައްސަލައެއް ބަލަނީ

ގދ. ތިނަދޫގައި ކުއްޖަކަށް އަނިޔާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ، 13 އަހަރުގެ ކުއްޖަކަށް އަނިޔާ ކުރި މައްސަލައެއް ރޭ ތިނަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ކޭސް އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށާއި ކުއްޖާ މިހާރު ހުރީ ޖެންޑާ މިނިސްޓްރީގެ ހިމާޔަތުގެ ދަށުގައި ކަމަށެވެ.

ތިނަދޫގައި ކުއްޖަކަށް އަނިޔާ ކުރަމުން އަންނަ ކަމަށް ބުނެ މީހަކު އިއްޔެ ވަނީ ޓްވިޓާ މެދުވެރިކޮށް އެ މައްސަލަ ފެންމަތިކޮށްފަ އެވެ. ކުއްޖާގެ ވަނަވަރު އެނގިދާނެތީ މިހާރު އެ ޓްވީޓު ޑިލީޓްކޮށްލާފައިވީ ނަމަވެސް، އޭނާ ބުނެފައިވަނީ އެ ކުއްޖާ އަށް އަނިޔާ ކުރާތީ ކުއްޖާ އެހީއަށް އެދޭ އަޑު އިވުނު ކަމަށެވެ. އަދި އެ މައްސަލަ އޭނާ ފުލުހުންނަށް ހުށަހަޅާފައިވާ ކަަމަށެވެ.

ރާއްޖޭގައި ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި ގެވެށި އަނިޔާގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. ކުރިން އެފަދަ މައްސަލަތައް ރިޕޯޓް ނުކޮށް ސިއްރު ކުރި ނަމަވެސް މައްސަލަތައް ރިޕޯޓްކުރާ މިންވަރު ވެސް ދަނީ އިތުރުވަމުންނެވެ. ނަމަވެސް ކަމާބެހޭ އިދާރާތަކުން މައްސަލަތަކުގައި އަމަލުކުރާ ގޮތާއި އެކަންކަމަށް އިންސާފު ނުލިބި ގިނަ ދުވަސްތަކެއް ހޭދަވާތީ އެފަދަ މައްސަލަތައް ހިނގާ މިންވަރު މަދެއް ނުވެ އެވެ.

ކުޑަކުދިންނަށް އަނިޔާ ކުރުމުގެ 387 މައްސަލައެއް ޖޫން މަހާ ހަމައަށް ޖެންޑާ މިނިސްޓްރީ އަށް ވަނީ ހުށަހަޅާފަ އެވެ.