ކުޅިވަރު

ޗައިނާ އަތުން ރާއްޖެ ބަލި ވެއްޖެ

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރާއްޖެ ކުޅުނު ދެވަނަ މެޗުގައި ވަރުގަދަ ޗައިނާ އަތުން 5-0 ން ބަލި ވެއްޖެ އެވެ.

ފުރަތަމަ ހާފުގައި ޗައިނާ އާ ދެކޮޅަށް ރާއްޖެއިން ފެށީ ވަރަށް ރަނގަޅަށެވެ. މެޗުގެ ފުރަތަމަ މިނެޓްގައި އަލީ އަޝްފާގް (ދަގަނޑޭ) އަށް ޗައިނާގެ ހާފުގެ މެދެއްހާ ހިސާބުން އަރިމަތިން ލިބުނު ބޯޅައިގައި ޗައިނާގެ ކުޅުންތެރިން ނަށް ޖެހުނީ އޭނާ އަށް ފައުލް ކުރާށެވެ.

އެ ފައުލްގައި ލިބުނު ހިލޭ ޖެހުމުން، ރާއްޖޭގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ ނެގި ބޯޅަ ނުރައްކާކޮށް އޭރިއާ ތެރެއަށް ދިޔަ ނަމަވެސް އެ ބޯޅަ ރާއްޖޭގެ ކުޅުންތެރިންނަށް ބޭނުން ނުކުރެވި ދިޔައީ ގޯލް ހުރަސްކޮށް ބޭރަށެވެ.

ޗައިނާގެ ކޯޗް އިޓަލީގެ މާސެލޯ ލިއްޕީ ޓީމު އަތުރާލީ ރާއްޖޭގެ ދެ ފަޅިން ނުރައްކާތެރި ބޯޅަތަކެއް ނަގައިގެން ހަމަލާ އުފެއްދުމަށެވެ. ޗައިނާއިން މެޗުތެރެއަށް ވަންނަމުން ދިޔަ ވަރަކަށް ރާއްޖޭގެ ހާފަށް ބާރު ބޮޑު ކުރަމުން ދިޔަ އެވެ. ލިއްޕީ ވަނީ މެޗުން ޗައިނާގެ ރަށްވެހިކަން ދާދިފަހުން ލިބުނު ބްރެޒިލްގެ އަލްކީސަން އަށް މެޗުން ފުރުސަތު ދީފަ އެވެ.

ޗައިނާގެ ފުރަތަމަ ލަނޑު މެޗުގެ 34 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ވޫޒީ އެވެ. އޭނާ ލަނޑު ޖެހިއިރު ރާއްޖޭގެ ކެޕްޓަން އަކުރަމްގެ ބޮލަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ ޕެނަލްޓީ އޭރިއާ ތެރެއަށް ވެއްޓި ފުރޮޅެމުން ދިޔައިރު ރާއްޖޭގެ ކުޅުންތެރިން ވިސްނައިގެން ތިބީ މެޗުގެ ރެފްރީ ކުޅުން ހުއްޓާލާނެ ކަމަށެވެ. އެކަމަށް ސަމާލުކަން ދީގެން ތިއްބައި ރާއްޖޭގެ ގޯލްގެ ތިރި ކަނަށް ޗައިނާގެ ކުޅުންތެރިން ބޯޅަ ވައްދާލި އެވެ.

ރާއްޖޭގެ ކޮޅަށް ވަން ލަނޑާއެކު ދިވެހި ކުޅުންތެރިންގެ ހިތްވަރު ވަރަށް ބޮޑަށް އެލިގެން ދިޔަ އެވެ. އަލުން ކުޅުމުގެ ތެރެއަށް އަނބުރައި އަންނަން އުނދަގޫ ވެގެން އުޅެނިކޮށް ޗައިނާގެ ވޫލީ ވަނީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓްގައި ޗައިނާގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

ދެ ވަނަ ހާފަށް ރާއްޖެ ނުކުތީ އަޝްފާގްގެ ބަދަލުގައި ހަސަން ނާއިޒު ކުޅެން ނެރެގެންނެވެ. ދެ ވަނަ ހާފު ކުރީ ކޮޅުގައި ޗައިނާގެ ޔަންގުޒޫ އަށް ވަނީ ހުހަށް އޮތް ގޯލެއްގެ ތެރެއަށް ބޯޅަ ވައްދާލަން ލިބިފަ އެވެ. އެހެން ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މެޗުގެ 56 ވަނަ މިނެޓްގައި، ރާއްޖޭގެ އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) އަށް ޗައިނާގެ ކުޅުންތެރިން ކުރި ފައުލާ ގުޅިގެން ލިބުނު ހިލޭ ޖެހުން އަކުރަމް ފޮނުވާލުމުން އަމާޒުވީ ގޯލްގެ ހުރަސް ދަނޑީގެ ކަނަށެވެ. ރީބައުންސްވި ބޯޅަވެސް ރާއްޖޭގެ ކުޅުންތެރިން ފޮނުވާލަން މަސައްކަތް ކުރި ބޯޅަ ޗައިނާގެ ކީޕަރު ޔޭން ޖުންލިންގް ދިފާއުކޮށް ކޯނަރަކަށް ބޭރު ކޮށްލީ އެވެ.

ނެގި ކޯނަރު ޗައިނާ ކުޅުންތެރިން ދިފާއު ކުރަން އުޅުމުގެ ތެރޭގައި ޗައިނާ ކުޅުންތެރިން އަތުން އަނެއްކާ ވެސް ބޯޅަ ދިޔައީ ކޯނަރަކަށް ބޭރަށެވެ. އެ ކޯނަރުގައި ރާއްޖޭގެ ހަމްޒާ މުހައްމަދު (ހަމްޕް) ބޮލުން ފޮނުވާލި ބޯޅަ ގޯލް ލައިންމަތީގައ ހުރެފައި ޗައިނާގެ ކީޕަރު ވަނީ އެ ބޯޅަ ސޭވް ކޮށްފަ އެވެ.

ޗާއިނާގެ ތިން ވަނަ ލަނޑަކީ ލިބުނު ޕެނަލްޓީ އަކުން ޔަންގު ޒޫ ކާމިޔާބު ކުރި ލަނޑެކެވެ. އެ ޕެނަލްޓީ އަކީ ޗައިނާއިން ކޯނަރު ނެގިއިރު ރާއްޖޭގެ ޕެނަލްޓީ އޭރިއާގެ ތެރެއިން، ހުސައިން ނިހާން (ނިހާޓް) ޗައިނާގެ ކުޅުންތެރިޔާ ވައްޓާލުމުން ދިން ޕެނަލްޓީ އެކެވެ. އެ ޕެނަލްޓީ ޔަންގު ޒޫ ހަމަޖެހިލާފައި ފޮނުވާލީ ގޯލްގެ އިރުމަތީ ފަރާތު ކަނަށެވެ. ރާއްޖޭގެ ކީޕަރު މުހައްމަދު ފައިސަލް ޑައިވް ކުރީ އަނެއް ފަޅި އަށެވެ.

މެޗުގެ ފަހު 10 މިނެޓަށް ދިޔަ އިރު ރާއްޖޭގެ ޓީމަށް ކުރިމަތިވި އަނެއް މައްސަލައަކީ ޓީމުގެ ކެޕްޓަން އަކުރަމް އަށް ދެ ވަނަ ރީނދޫކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމެވެ. އޭނާ އަށް ދެ ވަނަ ރީނދޫ ކާޑު ދެއްކީ އެ ޓީމުގެ ވީ ޝިހާއޯ އަށް ބޯޅަ ލިބުނަ ނުދޭން ވެގެން އޭނާގެ ފައިދަށުން ޓެކްލުކޮށް ބޮޅަ ބޭރު ކޮށްލުމުން ރެފްރީ ފައުލެއް ކަމަށް ނިންމުންނެވެ. ރިޕްލައިން ފެންނަ ގޮތުގައި ޝިހާއޯ އަށް ޗާޖު ކުރުމުގެ ގޮތުން އަކުރަމް އެއްވެސް ކަމެއް ކޮށްފައެއް ނެތެވެ. އެހެން ނަމަވެސް މެޗުގެ ރެފްރީ ދެއްކީ ޕެނަލްޓީ އެއް ކަަމށެވެ.

ޕެނަލްޓީ ގައި އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ އަލްކީސަން އެވެ. އަލްކީސަން ވަނީ ފަހު ވަގުތު އިތުރު ލަނޑެއް ވެސް ކާމިޔާބު ކޮށްފަ އެވެ.