ބޭރު ކުޅިވަރު

ބާސެލޯނާގެ ކެޕްޓަންކަން އިނިއެސްޓާ އަށް

Aug 5, 2015

ކުރިއަށް އޮތް ސީޒަނުގައި ބާސެލޯނާގެ ކެޕްޓަންކަން ކުރުމަށް މިޑްފީލްޑަރު އަންދްރޭސް އިނިއެސްޓާ ހަމަޖައްސައިފި އެވެ.

ކުރީގެ ކެޕްޓަން ޒަވީ ހަނާންޑޭޒް ގަތަރުގެ އަލްސާދަށް ބަދަލުވުމުން ބާސެލޯނާގެ ކެޕްޓަންކަން 31 އަހަރުގެ އިނިއެސްޓާ އަށް ދިނީ ކުލަބުގެ ކުޅުންތެރިންގެ މެދުގައި ނެގި ވޯޓުންނެވެ. ޓީމުގެ ވައިސް ކެޕްޓަންކަން ދިނީ އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އަށެވެ. މި ދެ ކުޅުންތެރިން ނެތްނަމަ ދެން ކެޕްޓަން ބޭންޑް އަޅާނީ މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް އެވެ. ހަތަރު ވަނަ އަށް އާޖެންޓީނާގެ ކުރީގެ ކެޕްޓަން ހާވިއާ މަޝެރާނޯ އެވެ.

އެހެން ކުލަބުތަކުގައި ކެޕްޓަން ހަމަޖެއްސުން ކޯޗުގެ އަތްމަތީގައި އޮތް ނަމަވެސް ބާސެލޯނާގައި އެކަން އޮންނަނީ ކުޅުންތެރިންގެ އަތްމަތީގަ އެވެ. މި ގޮތުން ކޮންމެ ސީޒަނެއްގައި ވެސް ކުޅުންތެރިންގެ ވޯޓުން ޓީމު ލީޑްކުރާނެ ކެޕްޓަނަކާއި އޭނާގެ އެސިސްޓެންޓުންގެ ގޮތުގައި ތިން ކުޅުންތެރިން ހޮވަ އެވެ.

މިދިޔަ ސީޒަނުގައި ޒަވީ ކެޕްޓަނަކަށް ހުރިއިރު އޭނާގެ އެސިސްޓުންޓަށް ތިބީ އިނިއެސްޓާ އާއި މެސީ އާއި ބުސްކެޓްސް އެވެ. ބާސެލޯނާގެ ކެޕްޓަނުންގެ ތެރެއަށް މަޝެރާނޯ ހަމަޖެއްސި މިއީ ފުރަތަމަ ފަހަރެވެ.

އިނިއެސްޓާ އަކީ ފެށުނީއްސުރެ ބާސެލޯނާ އަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. އޭނާ ވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތް އެންމެ ފަހުން ދެ ފަހަރު ވެސް ސްޕޭނު ހޯދިއިރުގަ އާއި 2010ގެ ވޯލްޑް ކަޕް ކާމިޔާބުކުރި ސްޕޭން ޓީމުގައި ވެސް މޮޅަށް ކުޅެ އެންމެ ފަހުގެ ޔޫރޯގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯފައިފަ އެވެ.