ވާހަކަ

ބޭނުންވަނީ ޔާރާ

(9 ސެޕްޓެމްބަރ 2019 އާ ގުޅޭ)

އޭނާގެ ގާތަށް ދާއިން އައިސް ހުއްޓުމާއިއެކު ދާއިންގެ ދެއަތްތިލާގައި ހިފާ މަޑުމަޑުން ބާރުކޮއްލީ ހުރިހާ ކަމެއްވެސް ރަނގަޅުވާނެއޭ ބުނާފަދަ ގޮތަކަށެވެ. އެހިނދު ދާއިން އެއްއަތުން މަންހާގެނެސް މޭގައި ޖައްސާލިއެވެ.

"ހިނގާ ސައިބޮމާ، މިހާރު ހުންނާނީ ވަރަށް ބަނޑުހައިވެސް ވެފަ، ހުސްބަނޑާހުރެ ރަނގަޅަށް ނުވެސް ވިސްނޭނެ" މަންހާ ލޯބިން ބުނެލިއެވެ. ދާއިން ދުރަށް ޖެހިލަމުން ފަނޑުހިނިތުންވުމަކާއިއެކު ބޯޖަހާލިއެވެ. އަދި ކާމޭޒުގެ ގޮނޑިއެއްގައި އިށީނެވެ. އޭރު މެންދުރުގެ ކެއްކުމަށް އިމީ ތައްޔާރުވަމުންދިޔައެވެ.


* * * * * *

ސަރުކާރު ބަންދު ދުވަހަކަށް ވިޔަސް ޝަރަފް އޮފީހަށް ދިޔައީ ކުއްލިގޮތަކަށް އޮފީހުގެ ސިސްޓަމްތަކަށް ކުރިމަތިވި މައްސަލައެއް ހައްލުކުރުމަށެވެ. އަދި އެކަމަށް ތިންގަޑިއެއްހާއިރު ހޭދަކުރުމަށްފަހު އޮފީހުން ނުކުމެވުނީ މެންދުރު ބާރަޖެހިފަހުންނެވެ. އޭނަ އަވަސް އަވަހަށް މޯބައިލް ފޯނުން ޖެނީއަށް ގުޅާލިއެވެ. އަދި މެންދުރުގެ ކެއުން އޭނަ އާއިއެކު ބޭރުން ކާލުމަށް ދައުވަތުދިނެވެ. ކުޑަކުޑައިރުކޮޅެއްގެ ތެރޭގައި އޭނަ ހުންނާނީ ޖެނީމެންގޭ ދޮށުގައި ކަމަށްވެސް ބުންޏެވެ. އުފާވެރިކަމުގެ ހީނލުމަކާއިއެކު ޖެނީ އަވަސްވެގަތީ ފޯނު ބާއްވާފައި ޝަރަފް އަންނަންވާއިރަށް ތައްޔާރުވުމަށެވެ.

"ޝިމާދު، ދޭބަލަ ޖޫން ގޮވައިގެން ޑޮކްޓަރަށް ދައްކާލަން، މިއަދުވެސް އޭނަ އެއޮތީ ހޮޑުލާ ލާ ވާތާވެފަ، މަންމައަށް އެނގޭ އެއްޗެއްވިއްޔާ ހާދާފަ ޖައްސައިފިން، އެކަމަކު ހަމަ އެންމެ އެތިފުކެއްވެސް އެހަށިގަނޑުގެ އެތެރެއަށް ނުދޭ......." ގޭތެރެއަށް ވަދެގެން އައި ޝިމާދު ކާމޭޒުކައިރީ ހުރި ވަސީމާއަށް ފެނުމާއިއެކު ގޮވާލާފައި ބުނެލިއެވެ.

"މިއަދުވެސް.........." ޝިމާދުއަށް ހާސްކަމާއިއެކު އަހާލެވުނެވެ. އަދި އަވަސް ފިޔަވަޅުގައި އޭނަގެ ކޮޓަރި އާއި ދިމާލަށް ދިޔައެވެ.

"ޖޫން، ތިކަމުގަ އުޅޭތާ ދެދުވަހެއްވަރު ވެއްޖެ........އަނެއްކާ އަހަންނަށް ހީވާގޮތް ރަނގަޅުތަ، ތިގޮތަށް ކުރިންވެސް ބަލިވެއުޅެފަ ދިނީ އުފާވެރި ޚަބަރެއް..........." ހާސްކަމުގެތެރެއިން ހިނިތުންވެލަމުން ޝިމާދު އެނދުގައި އޮތް ޖޫންގެ ގާތު އަހާލިއެވެ. ޖޫން މަޑުމަޑުން ތެދުވެލަން މަސައްކަތް ކުރުމާއިއެކު ޝިމާދު އަވަހަށް އައިސް އެނދުގަ ޖޫންގެ މަގަތުން އިށީނދެ އޭނަގެ ގައިގާ ހިފަހައްޓާލިއެވެ.

"އުފާވެރި ޚަބަރަކަށް ނުވާނެއޭ ބުނާކަށް ނުކެރޭނެ، ޝިމާދު، އަހަރެން ޑޮކްޓަރަށް ދާންބޭނުން، ބަނޑުބޮޑުވެގެން އުޅުނު ހާލު އެނގެއެއްނު، ދެދުވަހުން އެއްދުވަހު އޮންނަންޖެހެނީ ހޮސްޕިޓަލުގަ..........މީ އެކަމުގެ ނިޝާނަކަށް ވެއްޖެއްޔާ........." ޖޫންގެ އަޑުންވެސް އޭނަގެ ހަށިގަނޑުގެ ހަކަތަ ދައްވެފައިވާކަން ޝިމާދުއަށް އެނގުނެވެ.

"ހިނގާ ދަމާ، އަވަހަށް ތައްޔާރުވޭ...........އަހަރެން ކީއްކޮއްދޭންވީ" ޝިމާދު ބުނެލިއެވެ.

* * * * * *

މެންދުރުގެ ކެއުމުގައި ބައިވެރިވުމަށް ދާއިންމެންގެއަށް ޒައުލްއައެވެ. ދާއިން އެދުނު ގޮތަށް އޭނައަށް މީރުވާނެހާ ކާއެއްޗެއް މަންހާ ތައްޔާރުކޮއްދިނެވެ. ރަޙަތަކަށް އިންސާފުކުރެވިގެން ދިޔައިރު މަންހާއަށް ތައުރީފު ނުކުރާ އެކަކުވެސް ކާމޭޒުދޮށޫގައި ނެތެވެ. މޫމިނާގެ ލޮލުން އެއްވެސް ސަބަބަކާ ނުލާ ކަރުނަހިލިގެންދިޔައެވެ. އަންހެން ދަރިއަކު ބޭނުންވެފައި ހުރި މޫމިނާއަށް އޭނަ ބޭނުންވިފަދަ މާތް އަޙްލާގާއި މުރާލިކަމާއި ތޫނުފިލި އަންހެން ދަރިއަކު ލިބުނުފަދަ އިޙްސާސްއެއް ކުރެވުމުން އެދެލޮލަށް ޖަމާވިކަރުނަތައް ނުހިފެއްޓުނީއެވެ.

"މަންމާ........ބަތްގަނޑު ކުޅީތަ ހެދިފަހުރިލެއް" މޫމިނާ އޭނަގެ ދެލޯ ފޮހެލިތަންފެނިފައި ކާމޭޒުދޮށުގައި ކޮޅަށް ހުރި މަންހާ އަހާލިއެވެ. އަދި ފެންޖަގު ކައިރިކޮއްލަން އުޅުނެވެ. މޫމިނާ އަތުގެ އިޝާރާތުން ފެންޖަގު ބަހައްޓަން ބުނަމުން ހޭންފެށިއެވެ. އަދި މަންހާގެ ކެއްކުމުގައި ފާޑުކިޔާނެ އެއްވެސް ކަމެއް ނެތްކަމުގައި ބުންޏެވެ. އެއަޑުއަހަން އިން ދާއިން މަންހާގެ އަތުގައި ހިފާލީ އޭނަ މަންހާ އާއިމެދު ފަހުރުވެރިވަމޭ ބުނަމުންނެވެ.

ކައިނިމިގެން ޒައުލްވެސް ދިޔައީ ދާއިން އާއި މަންހާގެ އެޕާޓްމެންޓަށެވެ. އެމީހުންގެ ކައިރީ އޭނަ ޝަފާގެ ވާހަކަދެއްކިއެވެ. އޭނަވެސް އަލުން ދިރިއުޅުމެއް ބޭނުންވާކަމުގެ ވާހަކައެވެ. ޝަފާ އާއިއެކު ކައިވެންޏަކާ ހަމައަށް ދާން ބޭނުންވާކަމެވެ. ދާއިން އާއި މަންހާ އާއި ވަކިވެގެން ޒައުލް ދިޔައީ މެންދުރުފަސްވެ ތިނެއްޖަހަން އުޅެނިކޮށެވެ. ދާއިން ޒައުލްއަށް ޒާރާގެ ވާހަކަތައް ކިޔާދިނީ ޒައުލް އާއިއެކު ލިފްޓަށް އަރަމުންނެވެ.

"ޒާރާ އަމިއްލައަށް އަހަރެންގެ ކައިރިއަށް އައިސްފިއްޔާ އަދިވެސް މިހުރީ ގަބޫލުކުރާގޮތަށް.........އޭނަ ކަންތައް ކުރާނީ ކިހިނެއްކަމެއް ނޭގެ" ގޭގެ ދޮރުމަތީ ޒައުލް އާއި ދެމީހުން ތިބެ ވާހަކަދެއްކިއެވެ.

"ޒާރާ އަމިއްލައަށް ޖެހޭނީ މިކަމަށް ހައްލެއް ހޯދަން، އޭނަގެ ހަސަދަވެރި ދުނިޔެއިން ނުކުމެވޭނީ އަމިއްލައަށް ނުކުންނަން ބޭނުންވެއްޖެނަމަ، އެކަމުގަ މީހަކަށް ކުރެވޭނެ މާބޮޑު ކަމެއްނެތް، ދެން ބުނެބަލަ...........އޭނަ ނައިސްފިއްޔާ ހަމައަސްލުވެސް ދާއިން އޭނަ މިނިވަން ކުރާނަންތަ" ޒައުލް ދެހިޔާލެއްގައި ހުރެ އަހާލާފަދަ ގޮތަކަށް ބުނެލިއެވެ.

"ހޫމް، އަހަންނަށް އޭނައަށް އިތުބާރު ކުރެއްވިއްޖެ އެއްނު، އޭނަ ކުރި ހުރިހާ ކަމަކަށްފަހުވެސް އަހަރެން އޭނައަށް މާފުކުރިން، އަލުން އަހަންނާއިއެކު އުޅެން ފުރުޞަތުދީފިން، އެކަން އޭނަ ގަބޫލު ނުކުރާނަންޏާ އަހަރެންގެ ދިރިއުޅުމުގެ ހިއްޞާއެއްކަމުގައި އޭނަ ހުރުން އަހަންނަށް މުހިއްމެއްނޫން.............އިތުރަށް އޭނަގެ ސަބަބުން އަހަރެންގެ ދިރިއުޅުން އޮޅުން ބޮޅުންގަނޑަކަށް ވާކަށް ބޭނުމެއްނޫން، ގެއްލޭ އިތުބާރު ހޯދުމަކީ އެހާ ފަސޭހަކަމެއްނޫން، ޒައުލްއަށްވެސް އެނގޭނެ އަހަރެން އޭނަ އާއި ހެދި އުޅުނުވަރު" ދާއިން ހުރީ ޒާރާދެކެ ވަރަށް ފޫހިވެފައެވެ.

"ޒާރާ އެނބުރި އަތުވެއްޖެއްޔާ، ދެނޯ" ޒައުލް ވިސްނުންތެރި ނަޒަރަކުން ދާއިންއަށް ބަލަންހުރެފައި ބުނެލިއެވެ.

"ދެން އޭނަ ޖެހޭނީ އަހަރެންގެ އިތުބާރު ހޯދަން މަސައްކަތްކުރަން، އަހަރެންގެ ލޯބި ހޯދަން މަސައްކަތްކުރަން...........އަދި އޭނައަށް ޖެހޭނީ އަހަރެން ބުނާގޮތަކަށް ކަންތައް ކުރަން، އޭނަ ބޭނުންހާ ގޮތަކަށް މިގޭތެރެއަކު ނޫޅެވޭނެ...........އަހަރެންވެސް ދެން އޭނައަށް ވީމައޭ ކިޔާފަ ކަންތައްތައް ދޫކޮއްލާފަ ނުބަހައްޓާނަން، އަހަންނަށްވެސް އަހަރެންގެ ފިލާވަޅު ދަސްވެއްޖެ.............އަހަންނަށް އެނގޭ މަންހާ މައްސަލައެއް ނުޖައްސާނެކަން ޒާރާ މިގޭގަ އުޅެގެން، އަދި އޭނަ އަހަރެންގެ އަންބެއްގެ ގޮތުގައި މުޅިއުމުރަށް ހުއްޓަސް، އަހަރެން ޒާރާ އާއިއެކު ވަގުތު ހޭދަކުރިޔަސް އޭނަ އެކަން ގަބޫލުކުރާނެ، ޒައުލްއަށް އެނގޭތަ، އަހަރެން އަސްލު މަންހާދެކެ ވަރަށް ލޯބިވޭ، އޭނައަށް ލިބިފައެވާ ސިފަތަކުން ކަންނޭގެ އެހާ ލޯބިވަނީ..........ހިތަށްއަރާ، މަންހާ ވީފަދަ ލޯތްބެއް އަހަންނަށްވެސް ނުވެވޭނެއޭ............" ދާއިން ހިޔާލީގޮތަކަށް ބުނެލިއެވެ.

"ހެ ހެ ހެ.............މަންހާ އެއީ ހަމަ ވަން އެންޑް އޮންލީ" ޒައުލް ހީނލާފައި މިހެން ބުނެ ދާއިންގެ ކޮނޑުގައި ޖަހާލިއެވެ.

"އަހަރެން އިންތިޒާރުކުރަން ޒައުލްގެ ކައިވެނީގެ ދައުވަތު ކާޑު ލިބޭނެދުވަހަކަށް" ޒައުލް އޭނަގެ ކާރަށް އަރަން ދިއުމަށް ހިނގައިގަތްތަނާހެން ދާއިން ބުނެލިއެވެ.

"ހެ ހެ ހެ ހެ............އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް" ޒައުލް ހެމުން ބުނެލިއެވެ.

"ޒައުލް ދިޔައީތަ........ދާންވީނު ފެންވަރާލަން" ކޮޓަރިއަށް ވަތް ދާއިން ފެނުމާއިއެކު މަންހާ ބުނެލިއެވެ.

"މަން، އަހަރެން ވާހަކައެއް ދައްކަން ބޭނުން" ދާއިން އައިސް މަންހާގެ ގާތުގައި އިށިންނަމުން ބުނެލިއެވެ.

"ބުނެބަލަ.........." ނެހާ ރީތިކުރަން އިން މަންހާ ދާއިންއަށް ބަލާލާފައި ބުނެލިއެވެ.

"މަންގެ އާއިލާ އާއި ބައްދަލެއް ނުކުރާނަންތަ؟" ދާއިން އަހާލިއެވެ. މަންހާ ވަކިއެއްޗެއް ނުބުނެ އިރުކޮޅަކު އިނެވެ.

"އެނގޭ މަންމަ އައިކަން އެކޮޅުގަ ހުއްޓަ، އެކަމަކު ނުކެރުނީ ކުރިމަތިލާން" މަންހާ މަޑުމަޑުން ބުނެލިއެވެ. އޭނަ ދާއިންއަށް ބަލާނުލާ އިނދެ ނެހާގެ ފަންއިސްތަށިކޮޅު ކުޑަކުޑަ ފުނަލަކުން އޮމާން ކުރަމުންދިޔައެވެ.

"މިހާރު ކެރޭނެއެއްނު، އަހަރެން ހުންނާނަމޭ މަންގެ ކައިރީގަ، މަންގެ އާއިލާގެ ހުރިހާ އެންމެންވެސް އަހަރެން ކުއްވެރިކުރިކަން އެނގޭ، ޝަރަފް އެކަންޏެއްނޫން ރުޅިވެރިކަން އަހަންނަށް ހާމަކުރީ، ޝިމާދުވެސް ހުރީ ވަރަށް ރުޅި އައިސްފަ، މަންގެ ބައްޕަ އެހާ ދެރަވެފަ ހުއްޓަ އަހަރެން ދުވަހަކުވެސް ނުދެކެން................އެމީހުންގެ ގާތަށް މަން ގެންދަން އަހަރެން ބޭނުން" ދާއިން މަންހާގެ ފައިގާ އަތްޖައްސާލިއެވެ.

"އަހަރެންވެސް ބޭނުންދާން، ދާއިން ދެކެ އެމީހުން ހިތްހަމަނުޖެހިފަ ހުންނާކަށް އަހަރެން ބޭނުމެއްނޫން، އަހަރެން އެނބުރި ދާއިންގެ ދިރިއުޅުމަށް ދެވަނަ ފަހަރަށްވެސް ގެނައިމީހަކީ ދާއިން، އަހަރެންގެ މޮޔަކަން..........އަހަރެން ހީކުރީ ދާއިން އަހަރެންދެކެ ލޯބިވެޔޭ ނުބުނަނީ ލޯބިނުވާތީކަމަށް، އެހެންވެ ދާއިންގެ ދުލުން ބުނާއަޑުއަހަން ބޭނުންވީ............." މަންހާ އޭނަގެ ގާތުގައި އިން ދާއިންގެ ގައިގާ ޖެހިލަމުން ބުނެލިއެވެ. އަދި ހިނިތުންވެލައިގެން އިނދެ ދާއިންއަށް ލޯތްބާއިއެކު ބަލާލިއެވެ.

"އެހެންވީރު ބުނޭ، ކޮން އިރަކުން މަންގެ ގެއަށް ދާނީ" ދާއިން އަވަސް އަވަހަށް އަހާލިއެވެ.

"އަދި މަޑުކުރޭ، ޒާރާގެ ޚަބަރެއްވީމަ ދާނީ، މިއަދު ނުދިޔަޔަސް އެންމެ ރަނގަޅުވާނެ..............މާދަންވެސް އެއޮތީނު، އެއަށްވުރެ މިވަގުތު ޒާރާ މުހިއްމު" މަންހާ ބުނެލިއެވެ.

"އަހަރެން ބޭނުން ވިޝާލްގެ ކައިރިންވެސް މާފަށްއެދެން" ދާއިން ބުނެލިއެވެ.

"ވިޝާލް.........އޭނަވީ ކޮންތާކުކަމެއްވެސް ނޭގެ، އެކަމަކު އޭނަގެ ޚަބަރު އެނގޭނެ މީހަކު ހުންނާނެ" މަންހާ ބުނެލިއެވެ. ހުދު އޭނަވެސް ވިޝާލް އާއި ބައްދަލުކުރަން ބޭނުމެވެ.

"އެއީ ކާކު........" ދާއިންއަށް އަހާލެވުނެވެ.

"ޖެނީ، އޭނަގެ ދައްތަ.............އަޑުއެހިން ތިއްތޭ އާއި ޖެނީ ކައިވެނި ކުރަން އުޅުނު ވާހަކަ، އެކަންވީގޮތެއްވެސް ނޭގެ..........." މަންހާ ބުންޏެވެ.

"ކައިވެނި ހުއްޓިފައޮތީ، ކުރިއަށް ގެންދިޔަކަމެއް އެނގިފައެއްނެތް" ދާއިން ބުނެލިއެވެ.

* * * * * *

"ދޮންބެ ދައްތަ ޕްރެގްވީތަ" ޝަރަފް އާއިއެކު ސޯފާގައި އިން ޖެނީ ވަރަށް ހިނިއައިސްފައި އަހާލިއެވެ. އޭރު އެތަނުގައި ވަސީމާވެސް އިނެވެ. އެއަޑުއިވުނު ޖޫން ރަކިވާގޮތްވިއެވެ.

"އަދި ނޭނގެ، މިރޭ ހަތެއް ޖަހާކަން ހާއިރު ރިޕޯޓް ލިބޭނީ، ތީ ކާކުދިން ޚަބަރެއް" ޖޫންގެ ބަދަލުގައި ޝިމާދު ވާހަކަދެއްކިއެވެ.

"މަންމަ، މަންމަޔަށް ވަރަށް ޔަގީން ކަމަށްވަނީ..........." ޖެނީ ނޫންކަމަށް ހެދިގެން ކުޑަކޮށް ހެވިފައި އިން ވަސީމާއަށް އިޝާރާތްކޮއްލަމުން ބުނެލިއެވެ. އެއާއިއެކު އެންމެން ހޭންފަށައިފިއެވެ. ވަސީމާއަށްވެސް ހެވުނެވެ. އެކަމަކު ހެމުން ހެމުންގޮސް އޭނައަށް ރޮވިއްޖެއެވެ. ހުރިހާ ކުދިންނަށް ހައިރާންކަން ވެރިވެގެންދިޔައެވެ. ކުއްލިއަކަށް ވަސީމާއަށް އެވީގޮތެއް ނޭނގިގެންނެވެ. އެންމެ ފުރަތަމަވެސް ވަސީމާގެ ގާތަށް ޖެހުނީ ޖެނީ އާއި ޝަރަފްއެވެ.

"ކިހިނެއްވީ މަންމާ........." ޝަރަފްއަށް އަހާލެވުނެވެ. އިސްޖާލައިގެން އިން ވަސީމާ ހުއްޓާލަން މަސައްކަތްކުރިއެވެ. އަވަސް އަވަހަށް ދެލޯ ފޮހެލިއެވެ.

"ކަމެއްނުވޭ.........ތިހުރިހާ ކުދިން ފެނިފަ މަންމައަށް ރޮވުނީ" ވަސީމާ ބުނެލިއެވެ.

"ނޫން، އެހެންނުވާނެ..........މަންކޮ މަތިން ހަނދާންވީ ދޯ" ޝަރަފް ބުނެލިއެވެ.

* * * * * *

ނެހާ ގޮވައިގެން ކާރު ދުއްވާލަން ދާން ނުކުތް ދާއިން އެނބުރި އައިސްވަނީ މަންހާވެސް ގޮވައިގެންދާން ބޭނުންވެގެންނެވެ. ދާއިންގެ އެއްވެސް އެދުމަކަށް ދެކޮޅު ނުހަދާ މަންހާ ކާރުގެ ކުރީ ސީޓުގައި ދާއިން އާއިޖެހިގެން އިނެވެ. އޭނަގެ އުނގުގައި ނެހާއިނެވެ. މާލޭގެ އެކި ސަރަހައްދުތަކަށް މަޑުކުރަމުން ދާއިން ދިޔައެވެ.

ކާރުދުއްވަމުންދިޔަ ދާއިންގެ ނަޒަރުވަނީ އިރުއޮއްސެމުންދާ މަންޒަރަށް ހުއްޓިފައެވެ. މަންހާ ގާތު ނުބުނިކަމުގައިވިޔަސް އެވަގުތު އޭނައަށް ކުރެވެމުންދިޔައީ ޒާރާގެ ހިޔާލުތަކެވެ. އޭނަގެ ނިންމުން ނިންމާނީ ކިހިނެއްކަމާއިމެދު ފިކުރު ހިންގަމުންދިޔައެވެ.

ޒާރާ އެނބުރި ގެއަށް އައިކަމުގައިވިޔަސް ދާއިންއަށް ޒާރާ އާއި ކުރިމަތިލުން ފަސޭހަކަމަކަށްނުވާނެއެވެ. އެހެންނޭ ކިޔާފަ ޒާރާ އޭނަ އާއިއެކު އުޅެން ހުއްޓަ ބާކީއެއްވެސް ނުކުރާނެއެވެ. ދާއިންއަށް އޭނަގެ ދިރިއުޅުމަށް އައި ބަދަލުތަކާއިމެދު ވިސްނާލެވުނެވެ. ޒާރާ އާއި ކައިވެނި ކޮއްގެން އުޅުނު ހަމަޖެހޭ ދިރިއުޅުން ގެއްލި، މަންހާ އާއި ކައިވެނި ކުރަން ޖެހުނުގޮތެވެ. އޭނަގެ ހަޔާތުން ވޭތުވެގެން ގޮސްފައިވާ ސޮފުހާތަކުގެ ތެރެއިން ކޮންމެ ސޮފްހާއެއް މުޠާލިއާކުރަންފެށި ކަހަލައެވެ.

"ދާއިން........" ދާއިންގެ އަތުގައި އަތްޖައްސާލަމުން މަންހާ އޭނައަށް ގޮވާލިއެވެ. ދާއިންގެ ކޮންމެ ހަރަކާތަކަށް ބަލަބަލާއިން މަންހާއަށް ދާއިންގެ އެހަމަހިމޭންކަން ކަމަކު ނުދިއެވެ. ކޮންމެވެސް ކަމެއް ދާއިން މަންހާއަށް ސިއްރު ކުރާކަން އޭނައަށް އެނގުނެވެ.

"ފިކުރު ބޮޑުވެފަ އިންހެން ހީވަނީ، އަހަންނާ ޚިއްޞާއެއް ނުކުރާނަންތަ" މަންހާ އަހާލިއެވެ.

"ނުކުރާކަށްނޫން، އަހަރެން މަންއަށް އެއްވެސް ކަމެއް ސިއްރުކުރާކަށްނެތިން، މިވިސްނެނީ ޒާރާ އާއިމެދު، އަހަރެންގެ އަމިއްލަ ހަޔާތާމެދު........މަން، އަހަރެން މިއައީ ވަރަށް ބޮޑު ނިންމުމެއް ނިންމާފައި، ފަހަރެއްގައި މަން އަހަރެންދެކެ ހިތްހަމަނުޖެހިވެސް ދާނެ" ދާއިން ކުރިމަތީ ފެންނަން އޮތް މަގަށް ނަޒަރު ހުއްޓާލައިގެން އިނދެ ބުނެލިއެވެ.

"ކޮންކަމެއްތަ؟ އަދިވެސް ދާއިން އަހަންނަށް ނުކިޔާދޭ ވާހަކަތަކެއް ހުރީތަ" މަންހާ އުނގުގައި އޮތް ނެހާ އާއިއެކު ކުޑަކޮށް ދާއިން އާއި ދިމާލަށް އެނބުރިލިއެވެ. އޭރު މަންހާގެ އަތުގެތެރޭގައި އޮތް ކުޑަކުޑަ ނެހާއަށް އޮތީ ނިދިފައެވެ.

"އަހަރެން ޒާރާ ގާތު ބުނީ މިއަދުގެ އިރުއޮއްސުމަށްފަހު ގެއަށް ނައިސްފިއްޔާ އޭނައަކީ މިނިވަނެއްކަމުގަ.........އެހެންބުނި އިރު މިބުނެވެނީ ކީކޭކަންވެސް އަހަންނަށް އެނގޭ" ދާއިން މަޑުމަޑުން ބުނެލިއެވެ.

"ދާއިން، ކީއްވެ އެހެންބުނީ..........އެނގެއެއްނު ޒާރާ އެހާފަސޭހައިން އެއްބަހެއްނުވާނެކަން" މަންހާއަށް ލިބުނު ސިހުމާއިއެކު ބުނެލެވުނެވެ.

"އެނގޭ އެކަންވެސް، އެކަމަކު މިފަހަރު އޭނަ ޖެހޭނީ ގޮތްދޫކުރަން، ޒާރާ ބޭނުންދުވަހަކުން އެނބުރި ގެއަށް އަންނާކަށް އަހަންނަށް ފުރުޞަތެއްނުދެވޭނެ، މިހާދުވަހު އޭނަ ބޭނުންވާގޮތަށް ހުރިހާ ކަމެއްވަމުންދިޔައީ، އޭނަ މިއަދު ގެއަށް ނައިސްފިނަމަ ދެން އަހަރެން އޭނަ ހޯދާކަށް ނުދާނަން، މަންހާވެސް އަހަންނަށް މަޖުބޫރުނުކުރައްޗޭ...........ޕްލީޒް..........." ދާއިން ބުނެލިއެވެ. އޭނަގެ މިސްރާބު މިހާރު ހުރީ ގެއާއި ދިމާލަށެވެ.

"އަހަރެން ދާއިންއަށް އެއްވެސް ކަމަކަށް މަޖުބޫރެއްނުކުރާނަން، އެކަމަކު ވަރަށް ދެރަވެއްޖެ، ތިދެމީހުންގެ ޒަމާންވީ ކައިވެނި ރޫޅިގެންދިޔައީ އަހަރެންގެ ސަބަބުންނޭ އަދިވެސް ހިތަށްއަރަނީ" މަންހާ އިސްޖަހާލަމުން އުނގުގައި އޮތް ދަރިފުޅަށް ބަލާލިއެވެ.

"ތިހެން ނުބުނޭ، މަންހާގެ އަމިއްލަ ނަފްސު ކުއްވެރި ނުކުރޭ........އޭރުން އަހަރެން މާދެރަވާނެ، އަހަރެން މިގޮތަށް ނިންމީ މީ އެންމެ ރަނގަޅު ގޮތްކަމަށްވާތީ، މިގޮތަށް ކަންތައްކުރުމުން ޒާރާއަށްވެސް އޭނަ ބޭނުންހާ ގޮތަކަށް ކަންތައްނުކުރެވޭނެކަން އެނގޭނެ، އަދި އޭނަ ގަބޫލުކުރަން ބޭނުންނުވިޔަސް މިހާރު ދެން ޖެހޭނީ އެކަންވެސް ގަބޫލުކުރަން.........އެނގޭތަ ޒާރާ ބޭނުންވަނީ ކޮންކަމެއްކަން، އޭނަ ބުނީ މަންހާ ވަރިކޮއްފަ އޭނަ ބަލާ އަންނާށޭ އޭރުން ގެއަށް ދާނަމޭ...........އަހަރެން އެގޮތަށް ކަންތައް ނުކުރާނެކަން އެނގެއެއްނު..........އެހެންވެ މިބުނީ، ޒާރާއަށް ޖެހޭނީ ހުރިހާކަމެއް ގަބޫލުކުރަންށޭ، އަހަރެންވެސް ދެރަވޭ، އެކަމަކު ޒާރާގެ ނިންމުމާ ދެކޮޅެއް ނުހަދާނަން، އަހަރެންވެސް ބުނަންވާ އެއްޗެއް ބުނެފިން، ޒާރާ ކަންތައްކުރާނެ ގޮތެއް އެނގޭނީ އޭނައަށް............." ދާއިން މަންހާގެ އަތުގައި އެއްއަތުން ފިރުމާލިއެވެ. މިނޫން ގޮތެއް ދެންނެތޭ ބުނާކަހަލައެވެ.

ނެހާ އުރާލައިގެން ހުރެ މަންހާ އާއިއެކު އައިސް ދާއިން ވަނީ އެންމެ ފުރަތަމަވެސް މަންހާގެ އެޕާޓްމެންޓަށެވެ. ކުޑައެނދުގައި ނިދިފައި އޮތް ނެހާ ބާއްވާލިއެވެ. އަދި އެނދުގައި އިށީނދެލައިގެން އިން މަންހާގެ ގާތަށް އައިސް އިށީނެވެ.

"މަންހާ އަހަންނާމެދު ހިތްހަމަނުޖެހިފަތަ ތިއިނީ، ތިހަމަހިމޭންކަން އަހަންނަށް އެބަ އުނދަގޫކުރޭ" ދާއިން މަންހާ ގެނެސް ގަޔާކައިރިކޮއްލަމުން ބުނެލިއެވެ. އެހިނދު މަންހާ މަޑުމަޑުން ދެފަރާތަށް ބޯހޫރުވާލާފައި ނޫނެކޭ ބުނެލިއެވެ. އަދި ދާއިންގެ ގައިގާ ބައްދާލިއެވެ.

"އަންނާނަން މަންމަމެން ބަޔަށް ގޮސްފަ" އިރުކޮޅަކު އިނުމަށްފަހު ދާއިން ބުނެލިއެވެ. މަންހާ ވަކިއެއްޗެއް ނުބުނެ ފަނޑު ހިނިތުންވުމަކުން ހީނލާފައި ދާއިން އާއި ދުރަށް ޖެހިލިއެވެ. ދާއިން ތެދުވެގެން އެޕާޓްމެންޓުން ނުކުނަން ދިއުމުން މަންހާވެސް އޭނަގެ ފަހަތުން ދިޔައެވެ. އަދި ދާއިން ނުކުތުމުން ދޮރުތަޅުލާފައި އެތެރެއަށް އައީ ނަމާދަށް އަވަސްވެގަތުމަށެވެ.

އެޕާޓްމެންޓުގެ ދޮރުމަތީ އިރުކޮޅަކު ދާއިންއަށް މަޑުކޮއްލެވުނީ ޒާރާ އާއިމެދު ވިސްނާލާފައެވެ. އެނބުރި އަތުވެއްޖެނަމަ ދެން އޭނަ ކަންތައްކުރާނެގޮތަކާއިމެދު ވިސްނާލެވުނީއެވެ. މަޑުމަޑުން ދޮރު ހުޅުވާލާފައި އެތެރެއަށްވަނެވެ. ވަށައިގެން ހަމަހިމޭންކަން ވެރިވެފައިވުމުން ހޯދާލެވުނެވެ. މޫމިނާގެ އިތުރުން ގޭގައި ގެންގުޅޭ މީހަކުވެސް އެބައިގައި ފެންނާކަށް ނެތެވެ. ދާއިން ހިނގައިގަތީ އޭނަގެ ކޮޓަރިއާއި ދިމާލަށެވެ. މަޑުމަޑުން ތަޅުގައި ހިފާ ކޮޓަރީގެ ދޮރުހުޅާވާލިއެވެ. ސޯފިއާ ކޮޓަރި ސާފުކޮއްފައިވެއެވެ. އެހެންނަމަވެސް އެކޮޓަރީގައި ޒާރާއެއްނެތެވެ. އަވަހަށް ގޮސް ފާހާނާ އާއި ބެލްކަނި ބަލާލެވުނެވެ. ފުންނޭވާއެއް ލުމަށްފަހު ބޮލުގައި އަވަސް އަވަހަށް ދާއިންއަށް އަތްހާކާލެވުނެވެ.

"ޒާރާ.........." ދާއިންއަށް މަޑުމަޑުން ބުނެލެވުނެވެ. އޭނައަށް ޒާރާގެ ނިންމުން އެނގި ޔަގީންވީއެވެ. އެކަމަކު ޒާރާގެ އެނިންމުމާއިމެދު އޭނަ ދެރަވެއްޖެއެވެ. އެކުގައި ހޭދަކުރި އެހުރިހާ އަހަރުތަކެއް ޒާރާއަށް އެއްވެސް އެއްޗަކަށް ނުވިއޭ ދާއިންގެ ހިތަށްއެރިއެވެ. އެނދުގައި އިށީނދެވުމާއިއެކު ދެއަތުން އެނދުގެ ގޮދަޑީގައި ހިފާބާރުކޮއްލެވުނެވެ. ދާއިން ހީކުރިގޮތާއި ހިލާފަށް ޒާރާގެ އެނިންމުމުގެ ސަބަބުން އޭނަގެ ހިތަށް ތަދުވިއެވެ.

ޒާރާ ފަހީމާގެ ކޮޓަރީގައި އިނދެ އަދިވެސް ރޮނީއެވެ. ފަހީމާއަށް އިތުރަށް ދޭނެ ނަޞޭޙަތެއް ނޭނގެއެވެ. ޒާރާއަށް ވިސްނާދީ ދީ އޭނަ ވަރުބަލިވެއްޖެއެވެ. އެއްގޮތަކަށްވެސް އޭނަ އެނބުރި ދާހިޔާލެއްނުކުރެއެވެ. އޭނަގެ ވިސްނުންހުރީ ދާއިންގެ ގާތުން ވަރިވުމަށެވެ. ފަހީމާގެ ލޮލުން ކަރުނަނުހިކިގެން އުޅެނީވެސް އެހެންވެއެވެ. ޒާރާގެ އެނިންމުމުން އޭނައަށްވެސްވަނީ ވަރަށް އަސަރުކުރުވާފައެވެ. ފަހީމާ އާއި ޒުވާބު ކުރުމަށްފަހު ފަލަކު ގޭން ނުކުމެގެން ދިޔަގޮތަށް އެނބުރި ގެއަށް އޭރު އަދި ނާދެއެވެ. ފަލަކުގެ ކަންތައްހުރިގޮތުންވެސް ފަހީމާގެ ހިތްހުއްޓިދާފަދައެވެ. ދެކުދިން ތިބީތީ އެއްވެސް ކުއްޖަކަށް ރަނގަޅު ދިރިއުޅުމެއްނުލިބުނެވެ. މުސްކުޅިވި ދުވަހު އޭނަ އުއްމީދުކުރިގޮތާއި ހިލާފަށް ހިތްދަތިކަން ނޫނީ ނުލިބުނެވެ.

މޫމިނާ އާއި ގޭގެ އެހެން މެންބަރުންނަށް ޒާރާގެ ޚަބަރު ދާއިން ދިނީ ރޭގަނޑުގެ ކެއުމުގައި ބައިވެރިވެފައެވެ. އެހެންނަމަވެސް އެކަކުވެސް އެއްވެސް އެއްޗެއް އެކަމާ ގުޅިގެން ނުބުންޏެވެ. އެހެންރޭތަކާއި ހިލާފަށް އެންމެންވެސް މާއަވަހަށް ކައިނިންމާލައިފިއެވެ. މޫމިނާ ދާއިންއަށް ގޮވާލަމުން އޭނަގެ ކޮޓަރިއަށް އައުމަށް ބުންޏެވެ. އަފްޝީން އާއި މާކިން ހިނގައިގަތީ މަންހާ އާއިއެކު އޭނަގެ އެޕާޓްމެންޓަށެވެ.

"ޒާރާގެ އެނިންމުމާއި ދެތެރޭ ދަރިފުޅު ކީކޭ ބުނަނީ" މޫމިނާ އޭނަގެ އެނދުގައި އިށީނދެލައިގެ އިނދެ ސުވާލުކުރިއެވެ. އެހިނދު ދާއިން މޫމިނާއަށް ހުރިހާ ވާހަކައެއް ކިޔާދީފިއެވެ. އަދި އޭނަ ޒާރާ ދެކެވަރަށް ފޫހިވެ ހިތްހަމަނުޖެހިފައިވާކަންވެސް ހާމަކުރިއެވެ. ކަންއެގޮތަށް އޮތްކަމުގައިވިޔަސް އަލުން ގެއަށް އަންނަން ފުރުޞަތު ދިނުމުންވެސް ޒާރާ ނައިތީ ދާއިން ބޭނުންވަނީ ޒާރާވެސް ބޭނުންވާގޮތަށް އޭނަ ދޫކޮއްލާ މިނިވަންކުރަންކަން ހާމަކުރިއެވެ. ޒާރާވަނީ އަނދިރިކަމުގެ ތެރެއަށް ގެއްލި ހަލާކުވެފައިކަމުގައި ދާއިން ގަބޫލުކުރެއެވެ. އެއަނދިރިކަމުން ބޭރަށް ނުކުތުމަށް އޭނަ ފުރުޞަތުދިނުމުންވެސް ޒާރާ ގަބޫލުނުކުރީ އޭނަ ހަގީގަތާ ކުރިމަތިލާން ބޭނުންނުވާތީއެވެ. މަންހާއަކީ އޭނަގެ އަންބެއްކަމާއި އަދި ނެހާގެ މަންމަކަންވެސް އޭނަ ގަބޫލުކުރަން ބޭނުންނުވަނީއެވެ. ޒާރާ ބޭނުންވަނީ ދާއިންގެ ހަޔާތުން މަންހާގެ ނަން ފޮހެލާށެވެ. އެކަމަކު އެހެންވާނީ ކިހިނެއްހެއްޔެވެ. މޫމިނާ ދާއިން އާއި އެކިގޮތްގޮތަށް ވާހަކަދެއްކިއެވެ. އޭނައަށްވެސް މިހާރު ދާއިން ޒާރާ އާއިއެކު އުޅެން ބޭނުންނުވާކަން އެނގުނެވެ. އިތުރަށް ޒާރާ އާއި ބެހޭގޮތުން ވާހަކަނުދެއްކުން އެއީ އެންމެ ރަނގަޅުގޮތް ކަމުގައި އޭނަވެސް ދެކުނެވެ.

ރޭގަނޑުގެ ވަކި ހިސާބަކުން މާކިންގެ އެދުމަށް ދާއިން އޭނަ އާއިއެކު ކާރުދުއްވާލަން ނުކުތެވެ. މާކިން އޭނަގެ ކޮއްކޮ އާއިމެދުވަނީ ކޮންމެވެސް ވަރަކަށް ކަންބޮޑުވެފައެވެ. އޭނަގެ ކޮއްކޮގެ ދިރިއުޅުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުންނެވެ. ދާއިންއަކީ އަބަދުވެސް މާކިންނާއި ހުރިހާ ވާހަކައެއް ޙިއްޞާކުރާ މީހަކެވެ. އެގޮތުގެ މަތިން މިފުރުޞަތުވެސް މާކިން ބޭނުންކުރީ ދާއިންގެ ހިތާ ސިކުނޑީގައިވާ ހުރިހާ ކަމެއް އޮޅުންފިލުވުމަށެވެ. ދާއިން އޭނަގެ ބޭބެއަށް އެއްވެސް ކަމެއް ސިއްރުކުރުމެއްނެތި ހުރިހާ ހަގީގަތެއް ހާމަކުރިއެވެ. އޭނައަށް ލިބޭ ސިޓީތަކުގެ ސިއްރުވެސް މެއެވެ. މާކިންއަކީ އެސިޓީތަކުގެ ވާހަކަތަށް އެނގޭ ދެވަނަ މީހާއެވެ. އެހުރިހާ ވާހަކައެއް އަޑުއަހަން އިން މާކިންގެ މޫނުމަތިން ފެންނަނީ އަޖައިބުވެފަވާވަރެވެ. އޭނައަށް ދާއިންދައްކަމުންދިޔަ ވާހަކަތައް ގަބޫލުނުކުރެވޭގޮތްވީ އެފަދަ ދަރަޖައަކަށް އިންސާނަކު ގޮސްފާނެއޭ ހިތަށް އަރާފައެވެ. ހަސަވެރިވެގެންނެވެ. ލޯބިވެގެންނެވެ. ހަސަދަވެރިވި މީހާ ހަސަދައިގެ އަލިފާނުގައި އަނދާ އަޅިއަށްވީއެވެ. އެވަރުވީއިރުވެސް އޭނައަށް އެކަން އިޙްސާސްނުވުމުން ދެރަވިއެވެ. ލޯބީގައި ދިވާނާވެފައިވާ މީހާ އެލޯތްބައްޓަކައި ކޮންމެފަދަ ގުރުބާނީއެއްވާން ޖެހުނުކަމުގައި ވިޔަސް އެކަމަށް ފަރުވާލެއްނެތެވެ. ފުރާނަވެސް ހަދިޔާކުރަން ހުރީ ތައްޔާރަށެވެ. އަނެކާގެ އުފަލައްޓަކައެވެ. ކެތްތެރިކަމާއި ހިތްތިރިކަމުގެ ލާމަސީލު މިސާލެކެވެ.

އޭގެ ދެދުވަސްފަހެވެ. މެންދުރު ފަހުގެ ވަގުތެއްގައި ދާއިންގެ ކާރުގޮސް މަޑުކޮއްލީ މަންހާ މެންގޭގެ ކައިރީގައި އޮތް ޕާކިން ޒޯނަށެވެ. އެއާއިއެކު ކާރުގެތެރެއިން ނެހާ އުރާލައިގެން ހުރެ މަންހާ ފޭބިއެވެ. އަދި ދާއިންވެސް ކާރުން ފައިބާ ކާރުގެ ދޮރުފަތްތައް ތަޅުލުމަށްފަހު މަންހާގެ އަތުން ނެހާ އުރާލިއެވެ. ދެމަފިރިން އެކުގައި އައިސް މަންހާ މެންގެއަށް ވަދެއްޖެއެވެ.

ފަޅުވެފައިވާ ސިޓިން ރޫމަށް މަންހާ ނަޒަރު ހިންގާލުމަށްފަހު ސަލާމްގޮވާލިއެވެ. އަމިއްލަ ގެކަމުގައި ވިޔަސް އޭނަ ހުރީ މީހަކު ނުފެންނަނިސް ނުވަންނާށެވެ. ދެތިން ފަހަރަށް ސަލާމްގޮވާލުމާއިއެކު ވަސީމާގެ ކޮޓަރީގެ ދޮރު ހުޅުވާލާފައި އޭނަ ނުކުތްތަން ފެނުނެވެ. މަންހާގެ އަތަރެސްފައި ވަގުތުން ފިނިވާގޮތްވިއެވެ. އޭނައަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނީ ނޭނގިއެވެ. އެކަން ދާއިންއަށް ފާހަގަވެ އަވަސް އަވަހަށް އެއްއަތުން މަންހާގެ އުނަގަނޑުގައި ހިފާ ކައިރިކޮއްލިއެވެ.

ކޮޓަރިތެރެއަށް ކުއްލިއަކަށް ދެމިގަތް ވަސީމާ ފެނުމާއިއެކު ތުވާލިން ބޯނިވާކޮއްގެން ކުރިމަތީހުރި ފެންތަށިން އާވިއަރުވަމުން ދިޔަ ސަޢީދު ސުވާލުކުރިއެވެ. ވަސީމާއަށް ހީވަނީ ޝޮކެއްލިބިފައިވާހެނެވެ. އަނގަޔަކުން ނުބުންޏެވެ. އެންމެ ފަހުން ބޮލުގައި އަޅާފައިވާ ތުވާއްޔާއިއެކު ސަޢީދު ކޮޓަރިން ބޭރަށް ބޯދިއްކޮއްލައިފިއެވެ.

"ދަރިފުޅު........" ސަޢީދަށް ބުނެލެވުނެވެ.

(ނުނިމޭ)