ބޮލީވުޑް

ކެންސަރާ ހަނގުރާމަ ކޮށްފައިވާ ބޮލީވުޑް ފަންނާނުން

ބޮލީވުޑްގެ ފަންނާނުންނަކީ މަޝްހޫރު އެހާމެ މުއްސަނދި ބަޔެއް ނަމަވެސް އެމީހުންގެ ހަޔާތުގައި ވެސް އަޑިގަނޑުތަކާއި އުސްގަނޑުތަކާ ކުރިމަތިލާން ޖެހެ އެވެ. އެމީހުންގެ އެތައް މިލިއަން ފޭނުންނެއް ތިއްބަސް އަމިއްލަ ދިރިއުޅުމުގައި ވަރަށް ބޮޑެތި ވޭނާއި ތަކުލީފުތައް އުފުލަން ޖެހޭ މީހުން ވެސް މަދެއް ނޫނެވެ. ފާއިތުވީ އަހަރުތަކުގައި ހިންދީ ފިލްމުތަކުގައި މަސައްކަތްކުރާ ވަރަށް ގިނަ ފަންނާނުން ވަނީ ކެންސަރު ބައްޔާ ހަނގުރާމަ ކޮށް ކާމިޔާބު ހޯދާފަ އެވެ.

ރިޝީ ކަޕޫރު

އެގޮތުން ފާއިތުވީ އަހަރު ކެންސަރާ ހަނގުރާމަކުރި އެއް އެކްޓަރަކީ ރިޝީ ކަޕޫރެވެ. ނިއުޔޯކް ސިޓީގައި 11 މަހާއި 11 ދުވަހު ކެންސަރު ބައްޔަށް ފަރުވާ ކުރުމަށްފަހު ރިޝީ ވަނީ ސެޕްޓެމްބަރު 10 ވަނަ ދުވަހު އެނބުރި މުމްބައީއަށް ގޮސްފަ އެވެ.

ރިޝީ އަށް ކެންސަރު ޖެހިފައިވާކަން ހާމަކުރީ ވެސް ޚުދް ރިޝީ އެވެ. ކެންސަރަށް ފަރުވާ ހޯދަމުންދާކަން ހާމަ ކުރަމުން މިދިޔަ ޖުލައި މަހު ރިޝީ ބުނީ ކީމޯތެރަޕީގެ ފަރުވާ ހޯދަމުންދާ ކަމަށާއި އެއީ ބަލި އެނބުރި އައުމުގެ ފުރުސަތެއް ނުދޭން ހޯދާ ފަރުވާއެއް ކަމަށެވެ. އަދި ފިލްމީ މަސައްކަތަށް އެނބުރި އަންނަން ކެތްމަދުވެފައިވާ ކަމަށް ވެސް ރިޝީ ބުންޏެވެ.

އިރުފާން ޚާން

ކެންސަރާ ހަނގުރާމަ ކުރަމުންދާ ކަމަށް މިދިޔަ އަހަރު އިއުލާން ކުރި އަނެއް އެކްޓަރަކީ އިރްފާން ޚާނެވެ. ވަރަށް މަދުން ނޫނީ ނުފެންނަ ކެންސަރުގެ ބާވަތެއް ކަމަށްވާ ނިއުރޯއެންޑޯކްރައިން ކެންސާ ޖެހިފައިވާކަން އެނގުމާއެކު އޭނާ ވަގުތުން ފުރައިގެން އެމެރިކާއަށް ގޮސް ފަރުވާ ފެށި އެވެ.

އޭނާ ކެންސަރާ ކުރި ހަނގުރާމައިގައި އޭނާގެ ސިއްހަތަށް އަންނަމުންދިޔަ ބަދަލާއި ތަހައްމަލު ކުރަމުންދިޔަ ވޭންތައް އިރްފާން ދިޔައީ ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ. ކެންސަރުގެ ފަރުވާއަށް ފަހު އެނބުރި އައިސް ވަގުތުން އޭނާ "އަންގްރޭޒީ މީޑިއަމް" ކިޔާ ފިލްމެއްގެ މަސައްކަތް ވަނީ ފަށާފަ އެވެ.

ސޮނާލީ

ފިލްމީ ބަތަލާ ސޮނާލީ ބެންޑްރޭ އަށް "ހައި-ގްރޭޑް ކެންސާ" ޖެހިފައިވާކަން ސޯޝަލް މީޑިއާގައި ހާމަކުރީ މި ދިޔަ ޖުލައި މަހު ޚުދް ސޮނާލީ އެވެ. މި ޚަބަރަކީ ފިލްމު އިންޑަސްޓްރީގެ މީހުންނަށާއި ސޮނާލީގެ ފޭނުންނަށް ބޮޑު ޝޮކެއް ލިބުނު ޚަބަރެކެވެ.

ބައެއް މީހުން މި ބަލީގައި ކަންތައްތައް ވަމުންދިޔަ ގޮތް އާއްމުކޮށް މީހުންނަށް އެނގެން ބޭނުން ނުވިއިރު ސޮނާލީ ދިޔައީ ދުވަހުން ދުވަހަށް އޭނާގެ ހާލަތު ސޯޝަލް މީޑިއާގައި އެންމެންނަށް އޮޅުން ފިލުވައި ދެމުންނެވެ. މިހާރު ސޮނާލީ ވެސް ވަނީ ފަރުވާ އަށް ފަހު އިންޑިއާއަށް އެނބުރި އައިސްފަ އެވެ.

ތާހިރާ ކޭޝޭޕް

ފިލްމު އެކްޓަރު އަޔޫޝްމާން ކުރާނާގެ އަންހެނުން ތާހިރާ ކަޝޭޕް ވެސް ވަނީ އުރަމަތީ ކެންސަރާ ހަނގުރާމަ ކުރާކަން ސޯޝަލް މީޑިއާގައި ހާމަކޮށްފަ އެވެ. އޮޕަރޭޝަނަށްފަހު އޭނާގެ ހަށިގަނޑުގައި ލީ ބޮޑެތި ލަކުނުތައް ވެސް ތާހިރާ ވަނީ ދައްކާލާފަ އެވެ.

ރާކޭޝް ރޯޝަން

ރިތިކް ރޯޝަންގެ ބައްޕަ އަދި މަޝްހޫރު ފިލްމު ޑައިރެކްޓަރު ރާކޭޝް ރޯޝަން ވެސް ވަނީ ފާއިތުވީ އަހަރު ކެންސަރު ބައްޔަށް ފަރުވާ ހޯދާފަ އެވެ. ބައްޕަގެ ބަލި ހާލަތު ސޯޝަލް މީޑިއާގައި ހާމަކުރީ ރިތިކް އެވެ. ރިތިކް ބުނި ގޮތުގައި އޭނާ ބައްޕަ އަކީ ވަރަށް ހިތްވަރުގަދަ މީހެކެވެ. ކަރުތެރެއަށް ކެންސަރު ޖެހުނު ނަމަވެސް އޮޕަރޭޝަން ކުރި ދުވަހުގެ އަނެއް ދުވަހު ވެސް ބައްޕަ ޖިމް އަށް ގޮސް ކަސްރަތުކުރި ކަމަށް ރިތިކް ބުންޏެވެ.

އަނުރާގު ބާސޫ

ފިލްމު ޑައިރެކްޓަރު އަނުރާގް ބާސޫ އަކީ ވެސް ލޭގެ ކެންސަރަށް ފަރުވާ ކޮށްފައިވާ މީހެކެވެ. އަނުރާގް ބުނި ގޮތުގައި އޭނާއަށް އެންމެ ރަނގަޅު މަސައްކަތްތަކެއް ކުރެވިފައިވަނީ ކެންސަރަށް ހޯދި ފަރުވާއަށް ފަހުގަ އެވެ. މަރާ ހަނގުރާމަ ކުރާއިރު ދިރިހުރުމުގެ މުހިއްމުކަން މާ ރަނގަޅަށް ވިސްނޭނެކަމަށް އަނުރާގް ބުންޏެވެ.

މަނީޝާ

ބަތަލާ މަނީޝާ ކޮއިރާލާ ވެސް ކެންސަރު ބައްޔަށް ފަރުވާ ހޯދި އެވެ. މަނީޝާއަށް އޯވޭރިއަން ކެންސަރު ޖެހިފައިވާކަން އެނގުނީ ނޮވެމްބަރު 2012 ގައެވެ. އެމެރިކާގައި ހަ މަހަށް ވުރެ ގިނަ ދުވަހު ފަރުވާ ހޯދުމަށްފަހު މަނީޝާ މިހާރު ވަނީ މުޅިން ރަނގަޅުވެފަ އެވެ.

ބައެއް ފިލްމުތަކުގައި ބަތަލާގެ ރޯލު ކުޅެފައިވާ ލީސާ ރޭ އަކީ ވެސް ކެންސަރަށް ފަރުވާކޮށްފައިވާ އެކްޓަރެކެވެ. ބަލީގެ ފަރުވާއަށް ލީސާ ވަނީ ކެންސަރާ މެދު މީހުން ހޭލުންތެރިކުރުވުމަށް ވަރަށް ގިނަ ޕްރޮގްރާމްތައް ހިންގާފަ އެވެ.