ބޮލީވުޑް

ރަވީނާ ޓަންޑަން މާމައަކަށް ވަނީ

ރަވީނާ ޓަންޑަން ވަރަށް އަވަހަކަށް މާމައަކަށް ވާނެ އެވެ. އޭނާ ފުރަތަމަ އެޑޮޕްޓްކުރި އަންހެންކުއްޖާ ޗާޔާ މިހާރު ވަނީ ބަލިވެ އިނދެ ވިހަން ތައްޔާރުވެފަ އެވެ.

ރަވީނާގެ އެކުވެރިން ވަނީ ރަވީނާގެ ރަނގަޅު ކަމަށް ތައުރީފުކޮށް އަދި މާމައަކަށް ވާތީ މަރުހަބާ ކިޔައި ތަފާތު މެސެޖުގައި ސޯޝަލް މީޑިއާގައި ޕޯސްޓް ކޮށްފަ އެވެ.

ރަވީނާ ޗާޔާ އާއި ޕޫޖާ ނަމަކަށް ކިޔާ ކުއްޖެއް އެޑޮޕްޓްކުރީ ވަރަށް ޒުވާން އުމުރުގައި 1995 ގައެވެ. އޭރު ޗާޔާގެ އުމުރުން 11 އަހަރެވެ. ޕޫޖާގެ އުމުރުން 8 އަށް އަހަރެވެ. އޭރު ރަވީނާ ކައިވެންޏެއް ވެސް ނުކުރެ އެވެ. ފިލްމު ޑިސްޓްރިބިއުޓަރު އަނިލް ތަޑާނީ އާއި ރަވީނާ ކައިވެނިކުރީ 2004 ގައެވެ. އަނިލް އާއި ރަވީނާ އަށް ދެ ދަރިން ލިބިފައި ވެއެވެ. އެއީ 2005 ގައި އުފަންވީ ރާޝާ އާއި 2008 ގައި އުފަންވި ރަންބީރް އެވެ.

ރަވީނާ އަކީ އަކީ 1990 ގެ އަހަރުތަކުގައި ބޮލީވުޑުން އެންމެ ވިދާލި އެއް ބަތަލާ އެވެ. "ޓިޕް ޓިޕް ބަރުސާ ޕާނީ"، "ތޫ ޗީޒް ބަޅީ ހޭ މަސްތު މަސްތު" ފަދަ ލަވަތަކުން ރަވީނާ ވަނީ ވަރަށް ގިނަ ބައެއްގެ ހިތްތައް ފަތަހަ ކޮށްފަ އެވެ. ފަސް ވަރަކަށް އަހަރު ފިލްމުކުޅުމަށްފަހު އާއިލާއަށް ވަގުތު ދިނުމަށް ކަމަށް ބުނެ އެތައް އަހަރެއް ވަންދެން ފިލްމީ ދުނިޔެއާ ދުރުގައި ރަވީނާ ހޭދަކުރި އެވެ.

އޭނާ ދެ ވަނަ ފަހަރަށް ފިލްމީ މަސައްކަތް ފެށީ 2011 ވަނަ އަހަރު އެވެ. "ބޮމްބޭ ވެލްވެޓް" ފަދަ ފިލްމުތައް އޭގެ ފަހުން ރަވީނާ ކުޅުނެވެ. އަދި ސްޓާ ޕްލަސްގެ ޑާންސް ރިއަލިޓީ ޝޯގެ ޖަޖެއްގެ ގޮތުގައި ރަވީނާ މިހާރު ދަނީ ބައިވެރިވަމުންނެވެ.