ފަހުގެ ހޯދުމަކުން ދައްކާފައިވާ ގޮތުގައި ދުވާލުގެ ކުޑަ ވަގުތުކޮޅެއްގައި ނިދާލުމަކީ މީހާގެ ހަށިގަނޑު ތާޒާވުމުގެ އިތުރުން އުމުރު ވެސް ދިގުވާ ކަމެކެވެ. ނަމަވެސް ކޮންމެ ދުވަހަކު އެތައް ގަޑިއިރެއް ނިދުމެއް ރަނގަޅެއް ނޫނެވެ.
ސައިންސްވެރިން ބުނަނީ ހަފުތާއެއްގެ ކޮންމެވެސް ދެ ދުވަހު ކުޑަ އިރުކޮޅަކަށް ނިދާލުމުން ހާޓް އެޓޭކާއި ސްޓްރޯކް ޖެހުމުގެ ނުރައްކާ ވެސް ދަށްކުރެވޭ ކަމަށެވެ.
ދުވާލު ނިދުމުން ސިއްހަތަށް ލިބޭނީ ގެއްލުންތޯ ނުވަތަ ފައިދާތޯ މިއީ ވަރަށް ގިނަ އަހަރުތަކެއް ވަންދެން ސައިންސްވެރިން ބަހުސްކުރަމުން އަންނަ ސުވާލެކެވެ. ބައެއް ސައިންސްވެރިން ބުނަނީ ދުވާލު ނިދުމަކީ ސިއްހަތަށް ގެއްލުންވާ ކަމެއް ކަމަށެވެ. އަދި ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމަށް މަގުފަހިވާ ކަމެއް ކަމަށެވެ. ނަމަވެސް ދުވާލު ނިދުމުން ފައިދާ ލިބޭ ކަމަށް ބުނާ ސައިންސްވެރިން ބުނަނީ ގިނަ ބަޔަކަށް އޮޅިފައި އޮންނަނީ ނިދަން ޖެހޭނީ ހަފުތާއަކު ކިތައް ދުވަހު ކަމާއި ކިހާ މިންވަރަކަން ކަމަށެވެ. ހަފުތާ އަކު ދެ ދުވަހު ކުޑައިރުކޮޅަކު ނިދާލުމުން ހަގީގަތުގައި ވެސް ހަށިގަނޑަށް ފައިދާތަކެއް ލިބޭ ކަމަށް މި ސައިންސްވެރިން ބުނެ އެވެ.
"ހާޓް" ޖާނަލްގައި ލިޔެފައިވާ މި ހޯދުމުގައިވާ ގޮތުން މާގިނައިން ދުވާލު ނިދުމުން ޑިޕްރެޝަން ފަދަ ނަފްސާނީ މައްސަލަތައް ވެސް ދިމާވެ އެވެ. ކުޑައިރުކޮޅަކު ނިދާލުން ކަމަށް މި ހޯދުމުގައި ބަލާފައިވަނި ފަސް މިނެޓާއި އެއްގަޑިއިރާ ދެމެދުގެ މުއްދަތަކަށް ނިދުމެވެ.