ހަބަރު

ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފަހު ތާރީހު އާދިއްތައަށް

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ ހަފުތާގެ އާދީއްތަ ދުވަހަށް ހަމަވާނެ އެވެ.

މިއަހަރުގެ ހާއްސަ އިނާމު ތިން ގިންތި އަކުން ދޭން ހަމަޖައްސާފައި ވެއެވެ. އެގޮތުން، ފުރަތަމަ ގިންތިއަކީ މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަ ކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވުމެވެ. އެއީ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލު ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކާއި ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ހަތަކާއި އަށަކާއި ނުވައެއްގެ ސަނަދެއް ހާސިލު ކުރުމުގައި އެންމެ މަތީ ވަނަ ހޯދާފައިވާ ފަރާތްތައް ކަމަށެވެ.

މަތީ ތައުލީމުދޭ މަރުކަޒަކުން ކަނޑައަޅާ އެންމެ މަތީ ދަރަޖައިގައި ކޯހުން ފާސްވެ އެ މަރުކަޒުންދޭ އެންމެމަތީ ޝަރަފު ލިބޭ ފަރާތްތަކަށް ވެސް މިއަހަރު އިނާމު ދޭނެ އެވެ.

ދެވަނަ ގިންތިއަކީ ބައިނަލްއަގްވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯދާ ފަރާތްތަކަށް ދޭ އިނާމެވެ.
ތިންވަނަ ގިންތިއަކީ ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލެއް ހޯދުމުގެ ގޮތުން އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ އިލްމީ ދިރާސާއެއް ކޮށްގެން ފާހަގަ ކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށްދޭ އިނާމެވެ.

ހާއްސަ އިނާމަށް އެދި ހުށަހަޅާ ފޯމުތައް ފޮނުއްވަންޖެހެނީ، ހާއްސަ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސް ކޮށް ރައީސް އޮފީހަށް އާދިއްތަ ދުވަހުގެ 14:00 ގެ ކުރިންނެވެ. އިނާމަށް ހުށަހަޅާ ފޯމު ރައީސް އޮފީހުންނާއި ވެބްސައިޓުން ޑައުންލޯޑް ކުރެވެ އެވެ.