ސްކޫލް

ދަރިވަރުންނަށް ދިން ނާސްތާގައި މައްސަލައެއް ނެތް: އެޑިއުކޭޝަން

މިދިޔަ ހޯމަ ދުވަހު ގދ. ފަރެސް މާތޮޑާގެ ހުވަދޫ ސްކޫލުގެ ދަރިވަރުންނަށް ނާސްތާއަށް ފޯރުކޮށްދިން ތަކެތީގައި އެއްވެސް މައްސަލައެއް ނެތްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެ ސުކޫލުގެ ދަރިވަރުންނަށް ދިން ނާސްތާ ޕެކަކުން ފުޅައެއް ފެނިއްޖެ ކަމަށްބުނެ މީޑިއާގައި ރިޕޯޓް ކޮށްފައިވާ ހަބަރަކާއި ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، އެ ހަބަރު ލިބުމާއި ގުޅިގެން މިނިސްޓްރީގެ ޓީމަކުން އެކަން ހިނގާދިޔަ ގޮތް ބަލާފައިވާ ކަމަށެވެ.

ބުނީ އެތަކެތީގައި މައްސަލައެއް ނެތް ކަމަށާއި އެ ނާސްތާ ފޯރު ކޮށްދޭން ތަކެތި ސަޕްލައި ކޮށްފައިވަނީ ހެނދުނު 6:35 ގައި ކަމަށެވެ. އަދި އެ ތަކެތި ސަޕްލައި ކުރުމުން ދަރިވަރުންނަށް ނާސްތާ ފޯރުކޮށްދިނުމުގެ އުސޫލާއި އެއްގޮތަށް ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ދަރިވަރުން ނާސްތާ ނަގާފައިވަނީ 7:25 ގަ އެވެ. ނާސްތާ ނަގާ ނިމުމުން ނާސްތާ ފޯރުކޮށްދޭން ކޮންޓްރެކްޓަރު ބޭނުންކުރި ތަކެތި އެދުވަހުގެ 7.45 ގައި ވަނީ އަނބުރާ ގެންދިޔަ އެވެ. އިތުރުން، ސްކޫލްގެ ދަރިވަރުންގެ ނާސްތާ އާއި ގުޅޭ ވީޑިއޯއެއް ކަމަށް ބުނެ ދައުރުވަމުންދާ ވީޑިއޯއަކީ އެ ސްކޫލްގެ ދަރިވަރުންގެ ހެނދުނުގެ
ނާސްތާ ނިމުމަށްފަހު ސްކޫލްގެ ބައެއް މުވައްޒަފުން ހެނދުނުގެ ނާސްތާ ނަގަމުންދިޔަ ވަގުތު އެ ފަރާތްތައް ނާސްތާއަށް ބޭނުންކުރަމުން ދިޔަ ތަކެތީގެ ތެރެއިން ނަގާފައިވާ ވީޑިއޯއެކެވެ.