ކުޅިވަރު

ލިއްޕީ އިރުޝާދު: ފުރަތަމަ ފެންވަރު ރަނގަޅު ލީގެއް ހަދާ

ރާއްޖޭގެ ގައުމީ ޓީމު ކުރިއަރުވަން ބޭނުންނަމަ ރާއްޖޭގެ ލީގްގެ ފެންވަރު ރަނގަޅު ކުރަން ޗައިނާގެ ކޯޗް އިޓަލީގެ މާސެލޯ ލިއްޕީ ރާއްޖެއަށް އިރުޝާދު ދީފި އެވެ.

ރާއްޖޭގެ މައްޗަށް 5-0 ން ޗައިނާ ރޭ މޮޅުވި މެޗަށް ފަހު މިޑިއާއާ ވާހަކަ ދައްކަމުން، އިޓަލީ އާއެކު ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދި ލިއްޕީ ބުނީ، ރޭ ގެ މެޗުގައި ވެސް ރާއްޖޭގެ ކުޅުންތެރިންގެ އެޕްރޯޗް ރަނގަޅު ކަމަށެވެ. އަދި ކުރިއެރުން ހޯދަން ބޭނުން ނަމަ ރަނގަޅު ފެންވަރުގެ ލީގެއް ރާއްޖެއަށް މުހިންމު ކަމަށެވެ.

"އަހަންނަކަށް މާ ރަނގަޅަކަށް ނޭނގޭ ރާއްޖޭގެ ލީގްގެ ހާލަތަކީ ކޮބައި ކަމެއް،" ދުނިޔޭގެ އެންމެ މޮޅު ކޯޗުންގެ ތެރޭގައި ހިމެނޭ ލިއްޕީ ވާހަކަ ދެއްކި އެވެ. "ގައުމީ ޓީމެއްގެ ގޮތުގައި ކުރިއަރަން ބޭނުންނަމަ ރާއްޖޭގެ ލީގަކީ ވަރަށް ފެންވަރު ރަނގަޅު ލީގަކަށް ހަދަން ޖެހޭ."

އޭނާ ބުނީ، ރާއްޖޭގެ ޓީމުގައި ރަނގަޅު ފެންވަރުގެ ކުޅުންތެރިން ކޮންމެވެސް ވަރަކަށް އެބަތިބި ކަމަށެވެ. އަދި އެ ކުޅުންތެރިންނަށް ކުރެވެން ހުރި ހުރިހާ ކަމެއް މެޗުގައި ކުރި ކަން ފާހަގަ ކުރި އެވެ.

"ރާއްޖޭގެ ކުޅުންތެރިން ގެންގުޅުނީ ވަރަށް ރަނގަޅު އެޓިޓިއުޑެއް،" ލިއްޕީ ބުންޏެވެ. "އެހެން ނަމަވެސް މެޗުގެ ފުރަތަމަ މިނެޓް ފެށިގެން ރަނގަޅު އެޕްރޯޗް އެއްގޮތެއްގައި ގެންގުޅެންޖެހޭ."

އޭނާ ބުނި ގޮތުގައި އެ ހުރިހާ ކަމެއް ކޮށްފިނަމަ ރާއްޖެއަށް ވަރުގަދަ މެޗުތަކުން ކާމިޔާބު ހޯދޭނެ އެވެ.

ރަނގަޅު ލީގަކަށް މަގުފަހި ކުރުން

ރާއްޖޭގައި ވާދަވެރި ލީގެއް ނެތެވެ. ރަނގަޅު ލީގެއް ރާއްޖެއަށް ގެނައުމަށްޓަކައި، ފުޓްބޯޅަ އިދާރާ އެފްއޭއެމާއި ސަރުކާރާއި ކުލަބުތަކާއި އަމިއްލަ ކުންފުނިތަކުގެ ބޮޑު ދައުރެއް ވެސް އެބައޮތެވެ.

މުޅި ރާއްޖެއަށް ލީގު ފުޅާކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ ޓީމުތައް ލީގްގައި ވާދަ ކުރަން ޖެހެ އެވެ. ފެންވަރު ރަނގަޅު ލީގެއް ހެދުމަށްޓަކައި އިންސްޓްޓިއުޝަން ލެވަލްގައި ހިންގާ ކުލަބުތަކެއް ބޭނުންވެ އެވެ. ކުލަބުތައް އަމިއްލައަށް ފައިސާ ހޯދޭނެ ނިޒާމެއް ގާއިމު ކުރެވިގެން ނޫނީ ކުލަބުތައް ހަރުދަނާވާކަށް ނެތެވެ.

މިހާރު ރާއްޖޭގެ ކުލަބުތައް ބަރޯސާ ވަނީ އެފްއޭމުން ދޭ ފައިސާގެ މައްޗަށެވެ. މިއީ މިކަމުގައި އެންމެ ދެމެހެއްޓެނިވި ގޮތެއް ނޫނެވެ. އެކަން ދެމެހެއްޓެނިވި ގޮތުގައި ކުރެވޭނީ ކުލަބުތަކުގެ ހިއްސާ އޮންނަ ވިޔާފަރި ކުންފުންޏެއް ކޮންމެ ކުލަބެއްގައި އޮވެގެނެވެ.

ލީގް ހަރުދަނާ ކުރުމަށް ރާއްޖޭގެ ފުޓްބޯޅަ ބަދަލު ވާން ޖެހެ އެވެ. ކުލަބުތަކުގެ ފުޓްބޯޅަ ބަދަލު ވެގެން ނޫނީ ހަރުދަނާ ލީގެއް ނުހެދޭނެ އެވެ. ކޯޗުންގެ ފެންވަރު މަތި ކުރުމަށްޓަކައި ކޯޗިން އެޑިއކޭޝަންގެ ޕްރޮގްރާމް ރާއްޖޭގައި ހަރުދަނާ ކުރުމަކީ ވެސް މުހިންމު ކަމެކެވެ.

ޔޫއެފާ ކޯޗިން ލައިސެންސް އެކުލަވާލާފައި ވަނީ ވަކި މުއްދަތަކުން ރިފްރެޝްމެންޓް ކޯހެއް ހެދުމަށެވެ. އެ މުއްދަތުގެ ތެރޭގައި ރިފްރެޝްމެންޓް ކޯސް ނުހަދައިފިނަމަ ލައިސެންސް ބާތިލު ވެއެވެ. ރާއްޖެގައި ވެސް އެ ސިސްޓަމް އެގޮތަށް ބަދަލު ކުރަން ޖެހެ އެވެ.

އެކެޑެމީތައް ހަރުދަނާ ވުމާއި އުމުރު ފުރާތަކުގެ ފުޓްބޯޅަ ޑިވްލަޕްމެންޓް ހަރުދަނާ ވުމަކީ ވެސް ފެންވަރު ރަނގަޅު ލީގަކަށް ރާއްޖޭގެ ލީގް ބަދަލު ކުރުމުގައި އެޅޭނެ މުހިންމު ފިޔަވަޅެކެވެ. ރާއްޖޭގައި ކުލަބުތައް ޕްރެކްޓިސް ކުރަނީ ހާފު ޕިޗުގަ އެވެ. އެފްއޭއެމް ޓާފް ދެ ދަނޑުގެ ކޮންމެ ހާފެއް ކުލަބަކަށެވެ. މި ހާލަތު ބަދަލު ކުރުމަށްޓަކައި ކުލަބުތައް ޕްރެކްޓިސް ކުރުމަށް މާލެ ސަރަހައްދުގައި އިތުރު ދަނޑުތައް ހެދުމަކީ މުހިންމު ކަމެކެވެ.

ފުޓްބޯލް ސްޓަޑީޒްގެ ދާއިރާއިން ސްކޮލާޝިޕް ހުޅުވާލައި ފުޓްބޯލް އެޑިއުކޭޝަން ހަރުދަނާ ކުރުމަށް ވެސް އިސްކަން ދޭން ޖެހެ އެވެ. ފުޓްބޯޅަ ނޫސްވެރިންނަށް ވޯކްޝޮޕްތަކާއި ތަމްރީން ޕްރޮގްރާމްތައް ވެސް ވެސް މުހިންމެވެ.