ކަޝްމީރުގެ މައްސަލަ

ކަޝްމީރުގައި މުޒާހަރާކުރި މީހުނަށް ކަރަންޓް ޝޮކް ދެނީ

ކަޝްމީރުގައި ލިިބި ދޭ ހާއްސަ އިމްތިޔާޒުތައް އުވާލުމުން، އެކަމާ ދެކޮޅަށް ކަޝްމީރުގައި އިންޑިއާ ބާރު ހިނގާ ފަޅީގައި މުސްލިމުން ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމުގެ ގޮތުން ކަރަންޓް ޝޮކް ދޭން ފަށައިފައިވާ ކަމަށް ބޭރުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެެވެ.

ކަޝްމީރުގެ ރައްޔިތެއް ކަމަށްވާ ބަޝީރު އަހުމަދު އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި އިންޑިއާ ސިފައިން އޭނާ އުޅޭ ގެއަށް ދިޔައީ ރޭގަނޑުގެ ވަގުތެއްގަ އެވެ. ސިފައިން ވަދެ މުޒާހަރާގައި ބައިވެރިވި ކަމަށް ބުނެ ދަނޑިބުރިއަކުން ތަޅައި އޭ ފަހުން ކަރަންޓް ޝޮކް ދީ އަނިޔާކުރި އެވެ.

އޭޕީން ރިޕޯޓް ކޮށްފައިވާ ގޮތުގައި އިންޑިއާ ސިފައިން ވަނީ ކަޝްމީރުގެ މުސްލިމުން އުޅޭ ގިނަ ގެތަކަށް ވަދެ މުޒާހަރާގައި ބައިވެރިވި ކަމަށްބުނެ މީހުނަށް އަނިޔާކޮށްފަ އެވެ. އޭގެ ތެރޭގައި އަންހެނުންނާއި މުސްކުޅިން ވެސް ހިމެނެ އެވެ.

ކަރަންޓް ޝޮކް ދިނުމުގެ ކުރިން އަނގަޔަށް ވެލި އަޅައި ފޮތި ގަނޑެއް އަގަ މަތީގައި ބަނދެ އެވެ. އެހެން އެކަން ކުރަނީ ކަރަންޓް ޝޮކާއި ދަނޑިބުރިން ތަޅާ ވަގުތު އަޑު ބޭރުވެދާނެތީ ކަމަށް އޭޕީއަށް މައުލޫމާތު ދިން މީހުން ބުނެފައި ވެއެވެ.

މިގޮތަށް އިންޑިއާ ސިފައިން އަމަލު ކޮށްފައިވާ ކަމަށް ކަޝްމީރުގެ 50 މުސްލިމަކު ވަނީ އޭޕީ އާއި ބީބީސީއަށް ކިޔައީދީފަ އެވެ. ކަޝްމީރުގެ ހަމަނުޖެހުން ކޮންޓްރޯލް ކުރަން ކަމަށް ބުނެ އިންޑިއާ ސިފައިން ލާ އިންސާނީ އަމަލުތައް ހިންގާ ކަމަށް އދ. އިން ވެސް ވަނީ ބުނެފަ އެވެ.

އިންޑިއާ ސިފައިން ހިންގާ އަނިޔާތަކުގެ ވާހަކަތައް ދުނިޔޭގެ މީޑިއާއިން ރިޕޯޓް ކުރި އިރު ޕާކިސްތާނުން ވަނީ މުސްލިމުން ދިފާއު ކުރާނެ ކަމަށް ބުނެ، އިންޑިއާ ބޯޑަރު ކައިރިއަށް މިސައިލްތަކާއި މިސައިލް ލޯންޗުޕެޑްތައް ޖަމާކޮށްފަ އެވެ.

ޕާކިސްތާނުން ވަނީ ކަޝްމީރުގެ މައްސަލައަށް ހައްލެއް ހޯދަން ދުނިޔޭގެ ކޯޓަށް ދެ ފަހަރު މައްސަލަ ހުށަހަޅާފަ އެވެ.