އެމެރިކާ

އެމެރިކާއިން އިރާނުގެ އަސްކަރިއްޔާއަށް ފިޔަވަޅު އަޅައިފި

މެދު އިރުމަތީގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކަށް އިރާނުން އެހީވާ ކަމަށް ބުނެ، އިރާނުގެ އަސްކަރިއްޔާއަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފައިވާ ކަމަށް އެމެރިކާގެ ޓްރެޒަރީ ސެކްރެޓަރީ ސްޓީވް މުންޗިން ވިދާޅުވެއްޖެ އެވެ.

އެމެރިކާއިން އިރާނަށް މި ފިޔަވަޅު އަޅާފައި ވަނީ ނައިން އިލެވެންގެ ހަމަލާއަށް 11 އަހަރު ފުރުމާއި ގުޅިގެނެވެ. އިރާނުގެ އަސްކަރިއްޔާއަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން، އެއްވެސް ގައުމަކުން އިރާނަށް ހަތިޔާރު ވިއްކުން މަނާވާނެ އެވެ. އަދި ހަތިޔާރު ހަދިޔާ ވެސް ކުރުން މަނާވާނެ އެވެ. މީގެ އިތުރުން އިރާނުން މިހާރު އެމީހުންގެ އަތުގައި ހުރި ހަތިޔާރު ފިޔަވައި އާ ވައްތަރެއްގެ ހަތިޔާރު އުފައްދާނަމަ، އެ މައްސަލަ އދ. އަށް ހުށަހަޅާނެ އެވެ.

ސްޓީވް މުންޗިން ވިދާޅުވީ، ބައެއް ޖަމާއަތްތަކަށް ވެސް ދަތިކުރުމުގެ ފިޔަވަޅު އަޅައިފައިވާ ކަމަށެވެ. އޭގެ ތެރޭގައި އައިއެސް އަދި ޕަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ހިމެނެ އެވެ. މި ދެ ޖަމާއަތަށް އެޅި ފިޔަވަޅުތަކަކީ ކޮބައިކަން ސްޓީވް މުންޗިން ވިދާޅެއް ނުވެ އެވެ. ހަމާސްއަށް ދަތިކުރުމުގެ ފިޔަވަޅު އެޅީ އިރާނުން ހަތިޔާރު ފޯރުކޮށްދޭ ކަމަށް އެމެރިކާއަށް ހެކި ލިބިފައިވާތީ ކަމަށް ވެސް ސްޓީވް މުންޗިން ވިދާޅުވި އެވެ.

އެމެރިކާއިން ވަނީ ހަމާސްއަށް ފައިސާ ހޯދުމުގެ މަސައްކަތް ކޮށްދޭ ޒަހީރް ޖަބްރިން އަށް ވެސް ފިޔަވަޅު އަޅާ އެފަވެ. އަދި އިރާނުގެ އަސްކަރިއްޔާގެ ޗީފް މުހައްމަދު ސާއިދް އިޒާދީއަށް ވެސް ދިޔަވަޅު އަޅާފައި ވެއެވެ.