ކުޅިވަރު

ޓާގެޓަކީ ސެމީއަށްދާ ފުރަތަމަ ދިވެހި ޓީމަށްވުން: ޝާޒް

ސާފް ޗެމްޕިއަންޝިޕްގައި ވާދަ ކުރާ 19 އަހަރުން ދަށުގެ ޓީމުގެ ޓާގެޓަކީ އެ އުމުރުފުރާގެ މުބާރާތެއްގައި ސެމީ ފައިނަލަށް ދަތުރު ކުރާ ފުރަތަމަ ދިވެހި ޓީމަށް ވުން ކަމަށް ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗް ޝާޒްލީ މުހައްމަދު (ޝާޒް) ބުނެފި އެވެ.

ނޭޕާލްގައި ބާއްވާ މުބާރާތުގެ ކުރިން ގަތަރުގައި ޓްރޭނިން ކޭމްޕަށް ފުރުމުގެ ކުރިން މާލޭގެ ބަސް ޓާމިނަލް ގައި ހުރެ މީޑިއާ އާ ވާހަކަ ދައްކަމުން ޝާޒް ބުނީ، 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ދިވެހި އެއްވެސް ޓީމަކަށް ގުރޫޕް ސްޓޭޖު ފަހަނައަޅައި ދެވިފައި ނުވާ ކަމަށާއި އޭނާގެ ޓީމުގެ ޓާގެޓަކީ ސެމީ ފައިނަލަށް ދާ ފުރަތަމަ ދިވެހި ޓީމަށް ވުން ކަމަށެވެ.

"މި އޭޖުގައި އަޅުގަނޑުމެންގެ އެއްވެސް ޓީމަކަށް ނެތް ގުރޫޕް ސްޓޭޖު ފަހަނައަޅައި ދެވިފަކައެއް،" ޝާޒް ބުންޏެވެ. "އަޅުގަނޑުމެން އެބަ ބޭނުންވޭ އެކަންވެސް ބަދަލު ކުރަން، ދެން އަޅުގަނޑުމެންގެ ފުރަތަމަ ޓާގެޓަކީ ސެމީ ފައިނަލް އެހާ ހިސާބަށް ދެވުނީމަ ދެން ޓާގެޓް ބަދަލު ކުރާނަން."

މި މަހު 20 ން 29 ބާއްވާ މުބާރާތުގައި ރާއްޖެ ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އަދި މުބާރާތް ބާއްވާ ގައުމު ނޭޕާލް އަދި ބޫޓާން އާއެކު ގުރޫޕް އޭ ގަ އެވެ. ގުރޫޕް ބީގައި ހިމެނެނީ އެންމެ ފަހުގެ ރަނަރަފް ބަންގުލަދޭޝް އާއި އިންޑިއާ އަދި ޝްރީލަންކާ އެވެ. ފުޓްބޯޅަ ފެޑްރޭޝަން މައްސަލަ ގަނޑެއްގެ ތެރޭގައި އޮތް ޕާކިސްތާން ވަނީ މުބާރާތުގެ ގުރު ނެގި ފަހުން މުބާރާތުން ވަކި ވެފަ އެވެ.

އޭއެފްސީ ކޯޗިން ޕްރޯ ލައިސެންސް ހާސިލު ކޮށްފައިވާ ހަމައެކަނި ދިވެހި ކޯޗް ޝާޒް ބުނީ ޓީމަށް ބޭނުންވާ ކުޅުންތެރިން ހޯދައި ޓީމު އެކުލަވާލައި މިދިޔަ ތިން މަހު ކުރެވުނު މަސައްކަތް ތަކާއެކު އުންމީދެއް އެބައޮތް ކަމަށެވެ.

ޝާޒްގެ ކޯޗް ކަމުގެ ދަށުން 19 އަހަރުން ދަށުގެ ގައުމީ ޓީމުން ވަނީ ފުރަތަމަ ޑިވިޝަންގެ ޓީމުތަކާ ދެކޮޅަށް ޓްރޭނިން މެޗުތަކެއް ކުޅެފަ އެވެ. އޭނާ ބުނީ އެ މެޗުތަކުން ފާހަގަ ކުރެވުނު މައްސަލަތައް ފާހަގަ ކޯށް އެކަންކަމަށް ހައްލުތައް ގެނެވިފައިވާ ކަމަށެވެ.

"ޖުމުލަ ގޮތެއްގައި ބަލާލާއިރު ގޯލްކީޕަރުން ފެށިގެން ސްޓައިކަރާ ހަމައަށް އަޅުގަނޑު ހިތްހަމަޖެހޭ ވަރުގެ ކުޅުންތެރިން އެބަތިބި،" ޝާޒް ބުންޏެވެ. "މިފަހަރުގެ ޓީމުގެ ހަތަރު ޑިޕާޓްމެންޓްގައިވެސް ވަރަށް ރަނގަޅު އެއްކޮށް ގިނަ މެޗުތަކެއް ކުޅެވިއްޖެ ނަތީޖާތައް ރަނގަޅު ވާނެ ކަމަށް އުންމީދު ކުރެވޭ."

މިދިޔަ ހަފުތާގައި ސީނިއާ ގައުމީ ޓީމަށް ފުރަތަމަ ފަހަރަށް ކުޅޭން ފެށި ހަސަން ނަޒީމް (ޗޯޓް) ވަނީ ގައުމީ ޓީމުގެ މެޗުތައް ނިމުމުން އަލުން 19 އަހަރުން ދަށުގެ ޓީމާ ގުޅިފަ އެވެ. ޝާޒް ބުނީ އިންޓަނޭޝަނަލް ތަޖުރިބާތަކެއް ހޯދާފައިވާ ކުޅުންތެރިޔަކު ޓީމުގައި ހުރުމަކީ ވަރަށް ހާއްސަ ކަމެއް ކަމަށެވެ.