ބޭރު ކުޅިވަރު

ބާސެލޯނާގެ ކޯޗު ބޭނުންވަނީ ޕެޑްރޯ ކްލަބުގައި މަޑުކުރަން

Aug 5, 2015

ޓީމު ދޫކޮށްދާން ބޭނުންވެފައި ހުރި ފޯވަޑް ޕެޑްރޯ ރޮޑްރިގޭޒް ބާސެލޯނާ ދޫކޮށް ނުދިއުމަށް އެކުލަބުގެ ކޯޗު ލުއިސް އެންރީކޭ އެދިއްޖެ އެވެ.

އުމުރުން 28 އަހަރުގެ ކުޅުންތެރިޔާގެ ކިބައިން މި ގޮތަށް އެދުނު ނަމަވެސް އެންރީކޭ ބުނީ ވަކިގޮތެއް ނިންމާނީ ކުޅުންތެރިޔާ ކަމަށެވެ.

"މިތަނުން ދާނީ އަމިއްލަ އަށް ދާން ބޭނުންވާ ކުޅުންތެރިއަކު. އަހަރެން އެދެން ޕެޑްރޯ މަޑުކުރުމަށް. އޭނާ އަކީ އެންމެ މަތީ ފަންތީގެ ކުޅުންތެރިއެއް،" މިދިޔަ ސީޒަނުގެ ތިން ތަށި ބާސެލޯނާ އަށް ހޯދައިދިން ކޯޗު ބުންޏެވެ.

ޕެޑްރޯ ގެންދަން އެންމެ ބޮޑަށް މަސައްކަތް ކުރަނީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑުންނެވެ. އެކުލަބުގެ ކޯޗު ލުއިސް ވެންހާލް ބުނީ ޕެޑްރޯ އަކީ އޭނާ ބޭނުންވާ ފަދަ ކުޅުންތެރިއެއް ކަމަށާއި ތަށި ހޯދޭނީ އޭނާ ބޭނުންވާ ކުޅުންތެރިން ގެނެވިގެން ކަމަށެވެ.

"އޭނާގެ އެބަހުރި އަހަރުމެން ބޭނުންވާ ސްޕީޑް، އަދި އުފެއްދުންތެރިކަން. ބާސެލޯނާގައި އޭނާ އަށް ފުރުސަތު ލިބެނީ މެސީ އާއި ނޭމާގެ ވެސް ފަހަތުން. އެހެންވީމަ އަހަރުމެން އޭނާ ބޭނުން،" ވެންހާލް ބުންޏެވެ.

ކުރީގެ ކޯޗު ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ބާސެލޯނާގެ އެކަޑަމީން ފުރަތަމަ ޓީމަށް ޕްރޮމޯޓްވި ޕެޑްރޯ ކުލަބު ދޫކޮށްލަން ބޭނުންވަނީ އޭނާ އަށް ކުޅެން ލިބޭ ވަގުތު މަދުވުންނެވެ. އެއީ ބާސެލޯނާގެ ފޯވަޑް ލައިނުގައި ލަޔޮނަލް މެސީ އާއި ނޭމާ އަދި ލުއިސް ސުއަރޭޒް ތިބުމުންނެވެ. ޕެޑްރޯ އަށް ފުރަތަމަ 11އިން ޖާގަ ގެއްލުނީ ސުއަރޭޒް މިދިޔަ ސީޒަނުގައި ޓީމާ ގުޅުމުންނެވެ. ނަމަވެސް ސުއަރޭޒް ވެސް ވަނީ ބާސެލޯނާގައި މަޑުކުރުމަށް ޕެޑްރޯ އަށް ގޮވާލައިފަ އެވެ.