ހަބަރު

އީސީގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

Sep 11, 2019

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލަައިފި އެވެ.

ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ އީސީގެ މެންބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލީ އަންނަ ހޯމަ ދުވަހު މެންދުރުފަހު 2:00 އާ ހަމައަށެވެ. އީސީގެ މެންބަރު ކަމަށް ކުރިމަތި ލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުންނާއި އެ އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.

އީސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް ރައީސް އޮފީހުން މިއަދު ފުރުސަތު ހުޅުވާލީ، އެ ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާގެ ދައުރު އަންނަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ހަމަވާތީ އެވެ.

ރާއްޖޭގައި ބާއްވާ އިންތިހާބުތައް ބެލެހެއްޓުމަށް އުފެއްދި ކޮމިޝަނުގައި ތިއްބަވަނީ ފަސް މެންބަރުންނެވެ. މިހާރު އެ ކޮމިޝަންގައި ތިއްބެވީ އަމްޖަދުގެ އިތުރުން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފާއި، މެންބަރު އަހުމަދު އަކްރަމާއި، މެންބަރު އިސްމާއީލް ހަބީބާއި މެންބަރު އަލީ ނަޝާތެވެ.