ހަބަރު

އަނަސްގެ މަރަށް އިންސާފު ހޯދާނަން: ރައީސް

އަނިޔާވެރި ގޮތަކަށް މަރާލި، ރ. މީދޫ ފެންފިޔާޒުގޭ މުހަައްމަދު އަނަސްގެ އާއިލާގެ މެންބަރުންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައްދަލު ކުރައްވައިފި އެވެ.

ރައީސް ސޯލިހު، އެ އާއިލާގެ މެންބަރުންނާއި، އޭނާގެ ބައެއް ރަހުމަތްތެރިންނާ ބައްދަލު ކުރައްވާފައި ވަނީ މިއަދު މީދޫއަށް ވަޑައިގެންނެވި ދަތުުރުފުޅުގަ އެވެ. ރައީސް ސޯލިހު ވަނީ އަނަސްގެ މަރަށް އިންސާފު ހޯދަން ކުރެއްވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާ ފައެވެ.

އެމަނިކުފާނު އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން އަނަސްގެ މައްސަލައާއި ގުޅިގެން ކޮށްފައިވާ ތަހުގީގު ކުރިއަށް ގޮސްފައިވާ ހިސާބުވެސް ވިދާޅުވެ ދެއްވި އެވެ. އަދި ވިދާޅުވީ އެ ތަހުގީގުގެ ވަރަށް ބޮޑުބައި ނިމިފައިވާ ކަމަށާއި އަނަސްގެ މަރާ ގުޅިގެން ސުވާލު ކުރަންޖެހޭ ފަރާތްތަކުގެ ތެރެއިން އެންމެ މީހެއް ފިޔަވައި ހުރިހާ މީހުނާ ސުވާލު ކޮށްފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ރިލްވާންގެ މައްސަލަ މިހާރު ކުރިއަށްގެންދާ ފަދައިން އަނަސްގެ މައްސަލައަށް ވެސް ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާނެ ކަމަށާއި އަނަސްގެ މަރާއި ގުޅިގެން އިތުރަށް ހޯދިފައިވާ ހޯދުންތައް ވަރަށް އަވަހަށް ހާމަ ކުރައްވާނެ ކަމަށެވެ.

މީދޫގެ ރައްޔިތުންނާއެކު ރައީސް ބޭއްވި ބައްދަލު ކުރެއްވުމުގައި އަނަސްގެ މަރުގެ މައްސަލަ ފާހަގަކޮށް އެ މައްސަލަ ބަލައި އިންސާފު ހޯދައި ދޭން ވަނީ އެދިފައެވެ.

އަތޮޅު ފެރީގެ ކެޕްޓަނެއްގެ ވަޒީފާގައި އުޅުނު އަނަސް، އަނިޔާވެރި ގޮތަކަށް މަރާލީ ފެރީ ދަތުރުގައި މާލެ އައިސް ހުއްޓަ އެވެ. އޭނާގެ އާއިލާއިން ބުނަނީ އަނަސް އަކީ އެއްވެސް ގްރޫޕަކާ މައްސަލައެއް އޮތް ޒުވާނެއް ނޫން ކަމަށެވެ. އޭނާގެ އާއިލާއިން މީގެ ކުރިން ތުހުމަތު ކޮށްފައިވާ ގޮތުގައި އަނަސް މަރާލީ، އޭނާ ކައިވެނިކުރަން ތައްޔާރުވަމުން ދިޔަ މީހާއާ ގުޅުން އޮތް ބައެއް ކަމަށެވެ. އެހެން ނަމަވެސް އެ ތުހުމަތުތައް ޔަގީން ކުރެވިފައެއް ނުވެ އެވެ.

އަނަސްގެ ބައްޕަ ބަޔާނެއް ނެރެ، ބުނެފައި ވަނީ އެފަދަ މައުލޫމާތުތައް އާންމު ނުކުރުމަށް އެދޭ ކަމަށާއި އެދެނީ އޭނާގެ ގާތިލުން ވީހާ ވެސް އަވަހަކަށް ހާމަވުން ކަމަށެވެ. އަދި ފުލުހުންނަށް ފުރިހަމަ އިތުބާރު އޮތް ކަމަށް ވެސް ބުނެފައިވެ އެވެ.

އަނަސްއަށް ގުރޫޕަކުން ހަމަލާދީ، އަނިޔާވެރި ގޮތަކަށް މަރާލާ މަންޒަރު ފެންނަ ސީސީޓީވީ ވީޑިއޯ ވެސް ފަހުން ވަނީ އާންމުވެފަ އެވެ.