ޓެރަރިޒަމް

އެމެރިކާގެ ޓެރަރިސްޓު ލިސްޓުގައި ދިވެއްސަކު ހިމަނައިފި

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ދިވެއްސަކު ހިމަނައިފި އެވެ. -- މިއީ މި ލިސްޓުގައި ދިވެއްސަކު ހިމެނުނު ފުރަތަމަ ފަހަރެވެ.

އެމެރިކާއިން މިއަދު އާންމުކުރި ލިސްޓުގައި ހަނގުރާމަވެރި ޖަމާއަތްތަކާއި ގްރޫޕްތަކަށް ގުޅުން އޮންނަ އަދި އެފަދަ ޖަމާއަތްތަކަށް އެކި ގޮތްގޮތުން ފޯރުކޮށްދެމުންދާ 15 ފަރާތެއްގެ މައުލޫމާތު ހިމެނެ އެވެ. ލިސްޓުގައިވާ އެންމެންނަށް ދަތި ކުރުމުގެ ފިޔަވަޅު އަޅާފައިވާ ކަމަށް އެމެރިކާގެ އެ ޑިޕާޓްމަންޓުން ބުނެ އެވެ.

އޯއެފްއޭސީ ޑިޕާޓްމަންޓްއިން އާންމު ކުރި ލިސްޓުގައިވާ ދިވެއްސަކީ މުހައްމަދު އަމީން ކިޔާ މީހެކެވެ. އެ ގޮތުން އޭނާއަކީ އަފްޣާނިސްތާން އަދި ޕާކިސްތާނުގައި އައިއެސް އިން ހިންގަމުން އަންނަ ގޮތްޕަކަށް ފައިސާއާއި ޓެކްނޮލޮޖީގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދެމުންދާ މީހެއް ކަމަށް ޑިޕާޓްމަންޓްގެ ލިސްޓްގައި ފާހަގަކޮށްފައިވެ އެވެ.

އޭގެ އިތުރުން އަމީނަކީ ރާއްޖޭގައި ހުރެގެން އައިއެސްއަށް ދިވެހިން ރެކްރޫޓް ކުރާ މީހެއް ކަމަށާއި ކޮންމެ ހަފުތާއަކު ވެސް ދީނީ ކްލާސްތަކެއްގެ ނަމުގައި މާލޭގައި 10 ވަރަކަށް ރެކްރޫޓްމަންޓް ސެޝަންތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް އޯއެފްސީން ބުންޏެވެ. އެ ގޮތުން އައިއެސްއަށް ރެކްރޫޓް ކުރަނީ ގޭންގްތަކުގެ މީހުން ކަމަށް އޯއެފްސީން ބުންޏެވެ.

މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި ވެސް ވާގޮތުން ރާއްޖޭގެ އައިއެސް ގޮފީގެ ލީޑަރަކީ އެ އަމީނެވެ.

އެމެރިކާގެ ލިސްޓުގައިވާ މުހައްމަދު އަމީނަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލާގައި ތުހުމަތު ކުރެވުނު އެކަކެވެ. އޭނާ ހައްޔަރު ކުރަމުން އުޅުމުން އޭނާ ވަނީ ފިލައިގެން ލަންކާއަށް އެތެރެވެފަ އެވެ. އޭނާ ހޯދަން އިންޓަޕޯލް ނޯޓިސް ވެސް އޭރު ނެރުނެވެ.

ފަހުން ލަންކާއިން އޭނާ ހައްޔަރުކޮށް މާލެ ގެނެސް ދެ މަސް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު އޭނާ ދޫކޮށްލި އެވެ. އެއީ 2012 ވަނަ އަހަރުގަ އެވެ.