ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(10 ސެޕްޓެމްބަރ 2019 އާ ގުޅޭ)

ހާސްކަން ސިކުނޑިން ބޭރުކޮށްލަން ބޭނުންވެފައި އިން ހޭޒަލް ވަގުތުން ސައިފްގެ ރިކުއެސްޓް ޤަބޫލުކޮށްލިއެވެ. ލަހެއްނުވެ ދެވަނަ ނޮޓިފިކޭޝަންއެއް އަތުވެއްޖެއެވެ. ފޭސްބުކްގެ މެސެންޖާއިން ސައިފް ގޮވާލީއެވެ. ރިކުއެސްޓް ޤަބޫލުކުރީތީ އޭނާ ޝުކުރުއަދާކޮށްފައި އޮތެވެ.

ސައިފްއާ ވާހަކަދައްކާލުމަކުން ގޯހެއް ނެތޭ ހޭޒަލްގެ ހިތަށް އެރިއެވެ. ވެފައި ހުރި ފޫހިކަން ފިލުމުގެ އިތުރުން އެކަނިވެރިކަން ވެސް ފިލާނޭތީއެވެ. އެހެންވެ ސައިފް ފޮނުވި މެސެޖާ ވިއްދައި ވަގުތުން އޭނާ ރައްދު ދިނެވެ. މަޑުމަޑުން ދެމެދުގައި ދެކެވުނީ އާދައިގެ ވާހަކަތަކެވެ. ކީއްކުރަނީތޯއާއި ރޭގަނޑު ކައިފިންތޯ ސައިފް އެއްސެވެ. އެ ސުވާލުތަކަށް ހޭޒަލް ޖަވާބުދިނެވެ. އެއާއެކު ދެން ސައިފް އެހީ ލިއަމްއާ ގުޅުވާފައެވެ. ހޭޒަލް މާ ފްރީވެފައި ފޯނުގައި އިނީ ފިރިމީހާ އެވަގުތު ގޭގަ ނޫޅެނީތޯ ސައިފް އެއްސެވެ. އެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި ހޭޒަލް ވެސް ސައިފްއާ ކުރީ ހަމަ އެފަދަ ސުވާލުތަކެކެވެ. ސައިފްއަކީ ވެސް މީހަކާ އިނދެގެން އުޅޭ މީހަކަށްވާއިރު އޭނާ ހޭޒަލްއާ ވާހަކަދައްކަން އެ އިނީ އަނބިމީހާ ގާތުގައި ނެތީމަތޯ އެއްސެވެ. ހިނިއައިސްފަވާ އިމޯޖީއެއް ސައިފް ފޮނުވާލިއެވެ. ދެން އެދުނީ ނަންބަރު ދިނުމަށެވެ. ފޭސްބުކްގަ ވެސް ނަންބަރު ފެންނަން އިންތޯ ބަލައިފިކަމެވެ. ހޭޒަލް ވިސްނާލިއެވެ. އިހަށް ނަންބަރު ނުދީ ވާހަކަދައްކާލެވޭނެ ގޮތެއްވާނަމަ އެގޮތް އޭނާ ބޭނުންވީއެވެ. އެހެންވެ ސައިފްގެ އެ ހުށަހެޅުން އެނގުނުކަމަށް ނުހަދާ ވާހަކަ ކުރިއަށް ގެންދެވޭތޯ ބެލިއެވެ. ނަމަވެސް ފޭސްބުކް އިން ސައިފް ގުޅީއެވެ. ހޭޒަލް ފޯނެއްނުނެގިއެވެ. ކޯލު ކަނޑާލުމާއެކު ހޭޒަލް މެސެޖެއް ފޮނުވާލީ ކޯލު ނުކުރާށޭ ބުނެފައެވެ. ގޭގައި އިތުރު މީހުން އުޅޭތީ ފޯނުން ވާހަކައެއް ނުދެއްކޭނެއޭ ބުނެ ހޭޒަލް ބަހަނާ ދެއްކިއެވެ. އެވަރުން ސައިފް ޤަބޫލުކުރިއެވެ. ސައިފް ބުނި ގޮތުން އޭނާ އެވަގުތު އެއިނީ އޮފީހުގައި އެކަނި ކަމެވެ. އެހެންވެ ހޭޒަލްގެ އަޑު އަހާލަން ހިތުން ގުޅާލެވުނީ ކަމުގައެވެ. އަދި އޭނާ ގެއަށް ދާނީ ތަންކޮޅެއް ލަހުން ކަމަށް ވެސް ބުންޏެވެ. ހޭޒަލްއާ ދިމާވި ފަހަރު ވާހަކަދައްކާލަން ތަންކޮޅެއް ގިނައިރު އިންނަ ހިތްވާކަމަށް ސައިފް ބުންޏެވެ. އޭނާގެ މޫނު ނުފެނުނު ނަމަވެސް ސައިފް އެހެންބުނާނީ ކިހިނެއްކަން ހޭޒަލްއަށް ސިފަކުރެވުނެވެ. ބޭއިޚްތިޔާރުގައި ހޭޒަލްއަށް ހީނގަނެވުނީ އެހެންވެއެވެ.

މަޑުމަޑުން ހޭޒަލްގެ ޠަބީޢަތް މުޅިން ބަދަލުވިއެވެ. ކުރިން ހިތްހަމަނުޖެހިފައި ހުރުމުން ނުކާން ގަސްދުކޮށްގެން އިނަސް މިހާރު މޫޑު ބަދަލުވުމުން ބަނޑުހައިކަން އިޙްސާސް ވިއެވެ. އެހެންވެ ކުކަރުގެ ކައިރިއަށް އައިސް ހޭޒަލް ތަށްޓަށް ބަތް އެޅީ ވެސް ފޯނު ފެންނަ ހިސާބުގައި ބާއްވައިގެން ހުރެގެންނެވެ. އެ ތަށި ހިފައިގެން އައިސް ކާމޭޒުދޮށުގައި އިށީނދެ ކަމުންދިޔައިރު ހުރިހާ ސަމާލުކަމެއްވަނީ ފޯނަށް ދެވިފައެވެ. ދޭތެރެއަކުން ސައިފް ފޮނުވާ މެސެޖުން ހީނލާނެއެވެ. ނޫނީ އަމިއްލަ ނަފްސަށް އެއްޗެކޭ ބުނެލައެވެ. ސައިފްއަކީ ހޭޒަލްއަށް މުޅިން އަލަށް ދިމާވެގެން އުޅޭ މީހެއްނޫނެވެ. އެހެންވެ އޭނާގެ ހަރަކާތްތަކާއި ޢަމަލުތަކާއި ވާހަކަދެއްކުން ހުންނަ ގޮތް ދެނެގަންނަން ހޭޒަލްއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ޚާއްޞަކޮށް އޭނާ ހޭޒަލްއާ މައްލަވަކުރުމުގައި ގެންގުޅޭ އުކުޅުތަކެވެ.

ސައިފްއާ ވާހަކަދައްކާލުމުން ވަގުތީ ހިތްހަމަޖެހުމެއް ހޭޒަލްއަށް ލިބުނެވެ. ފިކުރުތަކާއި ދުރަށް ދެވުނެވެ. އެހެންނަމަވެސް މެންދަންވާން ކައިރިވަމުން އައިއިރު ވެސް ސައިފް ހުއްޓާލާކަށް ނޫޅުނެވެ. ދަންވަންދެން ސައިފްއާ ވާހަކަދައްކަން އޮތުމުގެ ޝައުގެއް ހޭޒަލްގެ ނެތެވެ. އެހެންވެ ނިދަންވެއްޖެއޭ ބުނެ ވާހަކަ މެދުކަނޑާލީއެވެ. ބާއްޖަވެރި ރެއަކަށް އެދެމުން ސައިފްއާ ވާހަކަދެއްކީތީ އޭނާ ހޭޒަލްއަށް ޝުކުރު އަދާކުރިއެވެ. ސައިފްއާ ވާހަކަދެއްކުން ހުއްޓާލައި ހޭޒަލް ފޯނަށް ބަލާލިއެވެ.

"ބާރަ ޖެހީ... އަދިވެސް ނިދަން ލިއަމް ނާންނަނީތަ؟" އަމިއްލަ ނަފްސަށް ހޭޒަލްއަށް ބުނެލެވުނެވެ.

"އޯކޭ... ނުގުޅާނަން މަށެއް ވެސް... ނިދަން އަރާފަ ގުޅަނީ ކިހާ އިރަކުންކަން އެނގިދާނެއެއްނު" ހޭޒަލް މިފަހަރު ބުނެލީ އަޑުވީއްލައެވެ.

ކައި ނިންމާފައި ހުރި ތަށި ދޮވެފައި އެ ހުންނަންވާ ތަނަށް ހޭޒަލް ލިއެވެ. އަދި ފޯނު ހިފައިގެން އޭނާ އައިސް ވަނީ ކޮޓަރިއަށެވެ. ފާޚާނާއަށް ވަދެ ގައިދޮވެލައިގެން އައިސް ނިދަން ތައްޔާރުވެލިއެވެ. ކުރު ސޯޓުބުރިއަކާއި އަތްކެނޑި ކްރޮޕް ޓީޝާޓުކޮޅެއް ލައިގެން ހުރި ހޭޒަލް އެނދުގެ އަރިމަތީ އިށީނެވެ. ކޮންމެރެއަކު ވެސް ނިދުމުގެ ކުރީން އޭނާގެ ދިގު އިސްތަށިގަނޑު ގަތާލައެވެ. މިރޭ ވެސް އޭނާ އެފަދައިން ކަންތައްކުރިއެވެ. ނިދީގެ އަސަރު ނެތުމުން އޭނާ އެނދުގެ އަރިމަތީ ކަބަޑުގެ ވަތްގަނޑުގައި އޮތް އައިޕެޑް ޕްރޯ ނެގިއެވެ. އެނދުގައި ބަންޑުން ހަމަޖެހިލީ އެ ހިފައިގެންނެވެ. ޔޫޓިއުބުން ވީޑިއޯ ބަލަން އޮވެފައި ދާރިއަންއާ ދެކެވުނު ވާހަކަތައް ހަނދާންވެ މަސައްކަތާމެދު ހޭޒަލް ވިސްނިއެވެ. އެއްޗެއް ހަދާނޭ ގޮތުގެ ރަނގަޅު ޚިޔާލެއް ހޯދުމަށް މަސައްކަތް ފެށިއެވެ. މަސައްކަތްތެރިކަމާ ގުޅޭ ތަފާތު ވީޑިއޯ ތަކަށްފަހު ހޭޒަލްއަށް ކޮންމެވެސް ވަރެއްގެ ޚިޔާލެއް އުފެދި "ފޮޓޯޝޮޕް ސްކެޗް" ހުޅުވާލިއެވެ. އެޕަލް ފަންސޫރުގެ އެހީގައި އޭނާ ކުރަހަން ފެށިއެވެ. އަހަރުތަކަކަށްފަހު ކުރެހުމުގެ މަސައްކަތް ކުރަން ފަސޭހައެއްނުވިއެވެ. ހުނަރު ހުއްޓަސް އެ ހުނަރުގެ ބޭނުންނުކުރާތާ ގިނަ ދުވަސްވެފައިވާތީއެވެ. ހޭޒަލްގެ ލޯ މަޑުމަޑުން މެރެންފެށީ މަސައްކަތުގައި އޮއްވައެވެ. ތާއްޔާޖެހި އަތުން ވަރުދޫވާން ފެށުމުން ކުރަމުން ދިޔަ މަސައްކަތް ހުއްޓާލުމަށްފަހު އެނދުގައި ހަމަޖެހިލިއެވެ.

* * * * *

ފުންމައިގެން ހޭޒަލްއަށް ތެދުވެވުނީ ސިހުނުވަރުންނެވެ. އޭރު އައިޕެޑް ކައިރީ އޮތް ފޯނުން ފަތިސް ނަމާދު ބަންގި ގޮވަނީއެވެ. އުޅާހަށް ދެމިލަމުން އެނދުގައި ހަތަރެސްފައި ފަތުރާލިއެވެ. އިރުކޮޅަކު އެގޮތުގައި އޮވެފައި ކުރުއަތްމައްޗަށް ތެދުވީ ކަމެއް ހަނދާންވި މީހަކު ފަދައިންނެވެ. އެ ތެދުވި ގޮތަށް ފޯނު ނަގައިފިއެވެ.

"ރޭގަ ނުވެސް ނިދާ ރެއަކީތަ؟" ކޯލު ލޮގު ބަލާލަމުން ހޭޒަލް ބުންޏެވެ. އެއާއެކު ފޯނު އެނދުމައްޗަށް ދޫކޮށްލާފައި އޭނާ ތެދުވީއެވެ. ތުވާލި ހިފައިގެން ފާޚާނާއަށް ވަނީ ފަތިސް ނަމާދަށް ތައްޔާރުވާށެވެ.

ރޭގައި ނިދުނީ ކޮންއިރަކުކަމެއް ހޭޒަލްއަކަށް ޔަގީނެއްނުވެއެވެ. އެނގެނީ އެކެއްޖެހިއިރު އޭނާ އައިޕެޑް ހިފައިގެން ކުރަހަން އޮތްކަމެވެ. އެހާއިރުވީއިރު ވެސް ލިއަމް އޭނާއަށް ނުގުޅިކަމެވެ. އެކަމާ ވިސްނާ ސިކުނޑިއަށް ބަރުކުރުމުގެ ޚިޔާލެއް ހޭޒަލްގެ ނެތެވެ. އެހެންވެ އޭނާ ސިކުނޑި ތާޒާކޮށްލީ ކަޅު ކޮފީ ތަށްޓަކުންނެވެ. ސައިފް ހުރީ ހެނދުނު ނުވެގެން ކަހަލައެވެ. ފޯނު ބަލާލާފައި ވެސް ހޭޒަލް ގަސްދުގައި އަޅާނުލީއެވެ.

ހެނދުނު ދިހައެއް ޖަހާދިޔަފަހުން ލިއަމް ގުޅިއެވެ. ހޭޒަލް ފޯނުކޯލު ނެގުމާއެކު ވަގުތުން މަޢާފަށް އެދެން ފެށިއެވެ. ހޭޒަލް ވަކި އެއްޗެކޭ ނުބުންޏެވެ. އެއްޗެކޭ ބުނަންޏާ ކުރެވޭނީ ޝަކުވާކަން އެނގޭތީއެވެ. ރޭގައި ޝިޔާނުއާ އެއްކޮށް ދިޔައީ ބާބެކިއު ހަދާފައި އޮތް ތަނަކަށްކަމަށް ލިއަމް ބުންޏެވެ. އެހެންވެ އާދެވުނީ ވަރަށް ލަސްވިފަހުންކަމާއި ދުންވަސްގަނޑު ހިފާފައި ހުރުމުން ފެންވަރާލައިގެން ނުކުމެ ގުޅަން ހުރީ ކަމަށެވެ. ނަމަވެސް ސްޓޭޝަންގެ ބެރެކްސްގައި ތިބި ކުދީންނާ ވާހަކައިގަ ޖެހުނުގޮތަށް ދެން ނިދުނީ ކަމުގައެވެ. ހޭޒަލް އެކަން މާބޮޑުކަމަކަށް ނުހެދުމުން ލިއަމް ހުރީ ހިތްހަމަޖެހިފައެވެ. އޭނާއަށް ޤަބޫލުކުރެވުނީ ހޭޒަލް ހުރީ ހަމަޖެހިފައި ކަމުގައެވެ.

މެންދުރުވާން ކައިރިވުމާއެކު ހޭޒަލް ގަސްދުކުރީ އޭނާ ގޭގައި ހުރުމަށްވުރެ ވަގުތު ހޭދަ ކުރާނޭ ގޮތެއް ހޯދާށެވެ. އެކަނިމާއެކަނި ގޭގަ ހުންނަންވެއްޖެނަމަ ލިއަމްއާ ކުރެވޭ ޝަކުވާއާއި ދެމެދުގައި ހިނގާ ދެބަސްވުން އިތުރުވެދާނެކަން އެނގޭތީއެވެ. ލިއަމްއަށް އޭނާ ކަމުދަނީ އޭނާގެ ފުށުން އެ ސިފަތައް ނުފެންނާތީކަން ހޭޒަލްއަށް އެނގެއެވެ. އޭނާއަކީ ސުވާލުގިނަ އަންހެނަކަށް ނުވާތީއެވެ. އެގޮތުގައި ދެމި ހުރެވޭނީ އެފަދަ ވިސްނުންތަކަށް ސިކުނޑިއާއި ހިތަށް ފުރުޞަތު ނުދިނުމުން ކަމުގައި އޭނާ ދެކެއެވެ.

ނަޝާއަށް ހޭޒަލް ގުޅީ އެކުވެރިޔާއާއެކު ވަގުތުކޮޅެއް ހޭދަކޮށްލާނީއޭ ގަސްދުކޮށްގެންނެވެ. ލިއަމް ރަށުގައި ނެތްކަން އެނގުމުން ނަޝާ ވެސް ނިކަން ފަސޭހައިން ހޭޒަލް ގާތު އެގެއަށް އަންނާށޭ ބުނެފިއެވެ. މީހަކާ އިނީއްސުރެ މި ނޫނީ އެކަނި ތަންތަނަކަށް ހޭޒަލް ނުދެއެވެ. އެހެންވިޔަސް މީ މިއަދު ހުރިގޮތްކަމުގައި ހޭޒަލް ޤަބޫލުކޮށްލިއެވެ. ހަވީރު ހަތަރެއް ޖަހަންވީއިރަށް ހޭޒަލް ތައްޔާރުވެލައިގެން ގެއިން ނުކުތީ ނަޝާމެންގެއަށް ދާށެވެ.

* * * * *

"ތި އައީ ދޯ..." ސިޓިންރޫމު ދޮރުމަތީ ހުރި ހޭޒަލް ފެނި ނަޝާ ބުންޏެވެ.

"ތަނަކަށްދާންތަ ތިއުޅެނީ... ކޮބާ ކުދީންކޮޅު" ހޭޒަލް އެތެރެއަށް ވަންނަމުން ބުންޏެވެ. އަދި އޭނާ އައިސް ނަޝާ އިން ސޯފާގެ އަނެއްކޮޅުގައި އިށީނެވެ.

"ޒެއްލު އަންނަންދެން މީނީ... ކުދީންކޮޅު ކޮޓަރީގަ އެބަތިބި، މީ ކާޓޫނު ބަލާގަޑިއެއްނު... މަށަށް ވެސް ހިންދެމިލަން ލިބޭ ވަގުތު... ހިނގާ ސައިބޯން" ނަޝާ ބުންޏެވެ.

"މިއަދަކުނޫން ދޯ" ހޭޒަލް ދެކޮޅު ހެދި އެވެ.

"އެގޮތް ކަމަކުނުދާނެ، އަހަރެން މިއައީ ޒެއްލު އަންނާނެތީވެ ހެދިކާ ގަނެގެން" ނަޝާ ސޯފާއިން ތެދުވިއެވެ.

"ދެން ކީއްކުރަން... އަހަރެން މިއައީ ނަޝާއާ އަނގަތަޅާލަންވެގެން" ހޭޒަލް ބުންޏެވެ.

"މަވެސް ސައިބޯނަމޭ... ސައިބޮމުން ވެސް އަނގަތަޅާލެވިދާނެއެއްނު، އެހެންނޫނަސް ތީ ކޮންމެދުވަހަކު މިގެއަށް އަންނަ މީހެއްނޫން ދޯ... ދެން ހިނގާބަލަ" ހޭޒަލްގެ އަތުގައި ހިފާ ނަޝާ ދަމާލިއެވެ.

ހޭޒަލް ގޮވައިގެން ނަޝާ އައިސް ބަދިގެއަށް ވަނެވެ. އޭރު މަތިޖަހާފައި ހުރި ކޮންޓޭނަރަކަށް ހުރީ ކުޅިއާއި ފޮނި ވަކިކޮށް އަޅާފައެވެ. މޭޒުދޮށުގައި ހޭޒަލް އިށީނުމުން ނަޝާ އުޅުނީ ސައިތަށްޓެއް ހަދާށެވެ. އޭގެ ކުރީން ހޭޒަލް ގާތު ބޭނުންވަނީ ކޯއްޗެއްތޯ އަހާލިއެވެ. ކަޅުސައި ތަށްޓެކޭ ބުނުމުން ދެ ޖޯޑުގައި ސައި ހަދައިގެން ގެނެސް މޭޒުމަތީ ބެހެއްޓިއެވެ. ހޭޒަލްއާ ކުރިމަތިވާނޭހެން ނަޝާ އިށީނެވެ. އަދި ހެދިކާ އެޅި ތަށިތަކުގެ މަތި ނަގައި ހޭޒަލްއާ ކައިރިކޮށްލިއެވެ.

"ލިއަމް ނެތީމަ ވަރަށް ފޫހި ދޯ" ނަޝާ ބުންޏެވެ. ހޭޒަލް ހިނިތުންވުމަކާއެކު ބޯޖަހާލިއެވެ.

"ކިހާ ދުވަހަކަށް" ނަޝާ އަހާލިއެވެ.

"ތްރީ މަންތްސްއަށް... ވީކަކާ ދުވަސްކޮޅެއް ވެއްޖެ ފުރިފަހުން، ގޭތެރެ އެއްކޮށް އޮންނަނީ ފަޅުވެފަ... އެހެންޏާ ކިތަންމެ ބިޒީވިޔަސް ލިއަމް ގެއަށް އާދޭތާ... ވަރަށް އެހެން ގޮތެއްހެން ހީވަނީ، ގޭގަ ނޯންނަން މިއައީ ވެސް" ހޭޒަލް ބުންޏެވެ.

"ލިއަމްގެ ކޮއްކޮ ކޮބާތަ؟ އެއީ ސިންގަލްކޮށް ހުންނަ ކުއްޖެއްނު... އޭނާ ގާތުގަ ބުނަންވީނު ޒެއްލުމެންގެއަށް ދުވަސްކޮޅަކު ހުރެލަން އަންނާށޭ، އަހަރެން ވެސް ދަރީންނެތްނަމަތާ ދޯ ގޮސް އަބަދު ތިގޭގަ އަޅާފަ އޮންނާނީ" ނަޝާ ހީނލިއެވެ.

"އަހަރެން ބުނަން ބޭނުންނޫނީ... ވީރާ ސިންގަލް ވިޔަސް އޭނަގެ ޕާސަނަލް ލައިފްއަށް އުނދަގޫ ކުރަނީ ކީއްކުރަން، އެނގޭތަ... މައި މަމް އިޒް ބެކް، ދުވަސްކޮޅެއް ވެއްޖެ، މަންމަ ވެސް ބުނި ގެއަށް ބަދަލުވާށޭ... އެކަމަކު ނަޝާއަށް އެނގެއެއްނު މަންމަގެ ގޮތް، ނުލާހިކު އަވަސްއަވަހަށް ތަންތަނަށް ފުރައިގެންދާނެ، ދެން އަހަރެން އެގެއަށް ދިޔައީމަ ވާނީ ކިހިނެއް؟ އަހަރެން ހުއްޓަ އެނގޭ އެއްވެސް ތަނަކަށް މަންމަ ނުދާނެކަން... ދެން ނޭނގެ... އަހަރެންނަށް އެންމެ ރަނގަޅުވާނީ އަހަރެން އުޅޭތަނުގަ ހުރިއްޔާ، އެހެންޏާ ވެސް އަހަންނަކީ ގިނަވަގުތު އެކަނި އުޅޭ މީހެއްނު" ހޭޒަލް ބުންޏެވެ.

"މިގޭގަ އިތުރު ކޮޓަރިއެއް ހުރިނަމަ އަހަރެން ޒެއްލު ގެންނާނަން، އެއްވެސް ބަހަނާއެއް ޤަބޫލެއްނުކުރާނަން" ސަމާސާ ހީނލުމަކާއެކު ނަޝާ ބުންޏެވެ.

"ކޮބާތަ ރީޝާ... އޭނާގެ އެއްވެސް ޚަބަރެއްނުވޭ، އަހަރެމެންނާ ރުޅީތަ؟ މިދިޔަ ދެ ފަހަރު ވެސް އަހަރެމެންނާއެކު ކޮފީގަ ބައިވެރިއެއްނުވޭ" ހޭޒަލް ވާހަކައިގެ މިސްރާބު އަނބުރާލިއެވެ.

"ނޭނގެ މަށަކަށް، ފޯނެއް ނުނަގާ... އެގޭ އައިސްތުއާ ދިމާވޭ ސްކޫލް ދޮށުން، އަހާލަން ހިތަށް އަރާ، އެކަމަކު އޭނާއަކީ ވެސް ނިކަން ފާޑެއްގެ މީހެއްނު... އެގޭގަ އުޅުނަސް ރީޝާ އެހާ ގަޔާވާ މީހެއްނޫނެއްނު އެއީ" ނަޝާ ބުންޏެވެ.

"އެނގޭތަ... ރޭގަ މަށަށް ވެސް ފާހަގަވީ، އޭނާގެ ރިލޭޝަންޝިޕް ސްޓޭޓަސް ބަދަލުކޮށްފަ އޮތްކަން، މަވެސް ދިޔައީ ޝޮކަށް" ހޭޒަލް ބުންޏެވެ.

"ތި އަދި މަށަށް ނޭނގޭ ކަމެއް، މިހާރު ވަރަށް ވަގުތުނުވޭ ތިއެއްޗެއް ބަލަން... ކީކޭތަ އޮތީ" ނަޝާއަށް ލިބުނީ ހައިރާންކަމެވެ.

"މެރީޑް ސިންގަލްއަށް ބަދަލުވެފަ... ޕްރޮފައިލް ފޮޓޯއެއް ވެސް ނެތް، އޭނައަކީ އަބަދުވެސް ޒައިދުއާއެކު ނަގާފަ ހުންނަ ފޮޓޯތައް ޕްރޮފައިލަށް ލާ މީހެއްނު، ފަހުން ޖަހާފަ ހުރި ސްޓޭޓަސްތައް ވެސް ވަރަށް އެހެންކަހަލަ، މާނަކުރަންވީ ކީކޭކަމެއް ނޭނގޭ... ހީވޭ ޒައިދުއާ ދިމާއަށް ޖަހާފަ ހުންނަ އެއްޗެހިހެން" ހޭޒަލް ތަފްސީލު ކޮށްލިއެވެ.

"ހަމަތެދެއްތަ؟... ކިހިނެއްބާ ވީ... ތިވީ ގޮތުން މިޖެހުނީ ބަލާކަންނު، މާދަމާ އައިސްތުއާ ދިމާވެއްޖެއްޔާ އަހާލާނަން" ނަޝާ ބުންޏެވެ.

"އަހަރެމެން ގާތު ވެސް ބުނީމަ ދޯ އެނގޭނީ" ހޭޒަލްއަށް ބުނެވުނެވެ. އެއާއެކު ހޭޒަލް ދެން ފެށީ ސައިފްގެ ވާހަކައެވެ. އެ ދެމެދުގައި ދެކެވުނު ވާހަކަތައް ނަޝާއާ ހޭޒަލް ޚިއްޞާކުރިއެވެ.

"ޒެއްލު މޮޔަވީތަ؟ އެހެންވެއޭ އަހަރެން ބުނަނީ އަދިވެސް އޭނާގެ މަތިން ހަނދާންނެތޭވަރު ނުވެޔޭ، ލިއަމް މާރަނގަޅު، އެ ސައިފުއާ ރައްޓެހިވެގެން އުޅުންއިރު ނޭވާ ވެސް ޒެއްލު ލާން ޖެހޭނީ އޭނާގެ ހުއްދަ ލިބިގެން، އެކަމަކު މިހާރު ބަލާބަލަ، ކިހާ މިނިވަން، ލިއަމް އެއްވެސް ކަމެއްގަ ޒެއްލު ނުހިފައްޓާ، އެކަހަލަ މީހަކު ނުލިބޭނެ" ނަޝާ ބުންޏެވެ.

ހޭޒަލްއަށް ވިސްނާލެވުނެވެ. މިނިވަންކަން އޮތުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އެކަމަކު އަނބިމީހާ ކުރާ އެއްވެސް ކަމަކާ ސުވާލުނުކުރުމަކީ ވެސް ހޭޒަލް ބޭނުންވާ މިނިވަންކަމެއްނޫނެވެ. އެއީ އަޅާނުލުމާއި ކޮންމެ ކަމެއް ވަރިހަމަވުން ކަމުގައި ހޭޒަލްއަށް ބައެއްފަހަރު އިޙްސާސް ކުރެވެއެވެ. އެހެންވިޔަސް އެ ޚިޔާލުތައް އޮތީ ހަމައެކަނި އޭނާގެ ސިކުނޑިއާއި ހިތުގައެވެ. ނަޝާގެ ކުރިމަތީ އެއިން އެއްވެސް ކަމެއް އޭނާ ހާމައެއްނުކުރެއެވެ. ފިރިމީހާގެ ކިބައިން ބޭނުންވާ ކަންކަމުގެ ވާހަކަ ދައްކަން ޖެހޭނީ ޚުދު ފިރިމީހާ ގާތުގައެވެ. ރަޙުމަތްތެރިންގެ ތެރޭގައެއް ނޫނެވެ. އެއީ ހޭޒަލް ޤަބޫލުކުރާ ގޮތެވެ.

"ސައިފްގެ ޚީޔާލުތަ ތިކުރަނީ... ބުނަން!... ލިއަމް ނެތިސް ތިހެން ވާހަކަދައްކަމުން ގޮސް ސައިފްއާ އެހާ ކްލޯޒް ނުވާތި، އެހެންނޫނީ ގަސްދުގަ ނޫނަސް މިސްޓޭކެއް ހެދިދާނެ، ގިނަ ފަހަރަށް އެކަނި ހުންނަންޖެހޭ ވަގުތެއްގަ އެކަހަލަ ކަމެއް ވެސް ވާނީ" ނަޝާ ވިސްނައިދިނުމުގެ ގޮތުން ބުނެލިއެވެ.

"އަހަރެން ވެސް ދެން އެހިސާބަކަށް ކަމެއް ނުގެންދާނެއެއްނު، އަސްލު ފޫހި ފިލުވާލަން އޭނާއާ ވާހަކަދައްކަނީ، ނުދަންނަ މީހަކާ ވާހަކަދެއްކުމަށްވުރެ ކާކުކަން އެނގޭ މީހަކާ ހުސް އަނގަތަޅާލިއްޔާ މާރަނގަޅެއްނު، އޭރުން އަހަރެން ވެސް ބޯނުގޮވާ ހުންނާނީ" ހޭޒަލް ހިނިގަނޑެއް ޖަހާލިއެވެ. ނަޝާ ވެސް ހީނލަމުން ދެފަރާތަށް ބޯހޫރާލިއެވެ.

ހޭޒަލް އެނބުރި ގެއަށް ދިޔައީ އިރުއޮއްސި މަޣްރިބު ނަމާދަށް ވެސް ގޮވިފަހުންނެވެ. އެއްވެސް އެއްޗެއް ނުކައްކާ ހުރުމުން ހޭޒަލް ރޭގަނޑަށް ނޫޑުލިސްކޮޅެއް ހަދާލިއެވެ. އެހާއިރު ވެގެން ދިޔައިރު ވެސް ހޭޒަލް ނުގުޅާތީ ލިއަމްގެ ޚަބަރެއް ނުވިއެވެ. އޭނާގެ މެސެޖެއް އައީ އިޝާ ނަމާދުގެ ފަސްވީފަހުންނެވެ. ހޭޒަލް ނުގުޅީ ހިތްހަމަނުޖެހިފަ ހުރީތޯ ލިއަމް އެއްސެވެ. ހޭޒަލް ނޫނެކޭ ބުނުމުން ލިއަމް ދެން ބުނީ ޝިޔާނުއާއެކީ ރޭގަނޑު ކާން އައިސް އުޅޭ ވާހަކައެވެ. ހޭޒަލް މުޅި ދުވަހު ކުރީ ކީއްތޯ ވެސް އޭނާ ނާހައެވެ. ކެތްނުވެގެން ކަހަލަ ގޮތަކަށް ހޭޒަލް ފޯނު ނަގައި ލިއަމްއަށް ގުޅިއެވެ.

"ޝިޔާނުމެން ގޭގަތަ؟" ހޭޒަލް އަހާލިއެވެ. ލިއަމް ހޫންއެއް ލައްވާލިއެވެ. އެއާއެކު އަނެއްކާ ވެސް ހޭޒަލް ސުވާލުކުރިއެވެ.

"އޭނަ ވައިފްއާ އެންމެފަހުން މީޓުވީތަ" ހޭޒަލްއަށް އަހާލެވުނެވެ.

"ނޫން... މީ... އޭނައާ ގުޅުމެއް އޮންނަ ގެއެއް، ރޭގަނޑު ޢާއްމުކޮށް އޭނާ ކާން އަންނާނީ މިގެއަށް" ލިއަމްގެ ވާހަކަ ހުރި ގޮތުން އޭނާ ކަމެއް ނުބުނަން އުޅެނީއޭ ހޭޒަލްއަށް ހީވިއެވެ.

"ކޮންކަހަލަ ގުޅުމެއް އޮންނަ ގެއެއް، ތިމާގެ ބަޔަކީތަ؟ އޭނަ އަންހެނުން ކާން ހަދައިނުދެނީތަ؟" ހޭޒަލްއަށް ވެސް އަހާލެވުނީ ފާޑަކަށެވެ.

"އަހަރެން ބުނީމެންނު އޭނާގެ ލައިފް ކޮމްޕްލިކޭޓެޑް ވާހަކަ، އެހާވަރަކުން އޭނާގެ ޒާތީ ކަންކަމާ މަށެއް ނުބެހެން" ލިއަމް ބުންޏެވެ.

"އަހަންނަށް ކިޔާ ނުދެވޭހާ ކޮމްޕްލިކޭޓެޑްތަ؟ އަބަދު ޝިޔާނުއާއެކީ އުޅޭ ވާހަކަ ލިއަމް ބުނަނީ، އެހެންވީމަ އަހާލެވިދާނެ ދޯ ޝިޔާނާ ބެހޭ ގޮތުން" ހޭޒަލްގެ އަޑުގައިވީ ސީރިއަސްކަމެވެ.

"އޭނަ... ބިޓުމެންގެ މީ..." އިރުކޮޅަކު ހިމޭންވެފައި ހުރުމަށްފަހު ލިއަމް ބުނެލިއެވެ. ހޭޒަލްގެ މޫނުގެ ކުލަވަރު ވަގުތުން ބަދަލުވިއެވެ.

"ދެން އޭނާގެ އަންހެނުންނޯ... ޑިވޯސްޑްތަ؟... ދަރިއަކުނެތް" ހޭޒަލްއަށް ފައްޗަކަށް ސުވާލުތައް ކޮށްލެވުނެވެ.

"އިނދެގެން އުޅެނީ، ދެ ކުދީން ތިބޭ... ދެން ނޭނގެ މަށަކަށް، އަހަރެން ހުރިހާ ސުވާލެއް ނުކުރަމޭ އޭނައަކާ" ލިއަމް ހީވީ ހިތްހަމަނުޖެހިގެން ބުނެލި ހެންނެވެ. އެއާއެކު ދެން އިތުރަށް ސުވާލު ނުކުރާށޭކަން ލިއަމް އެބުނަނީ ހޭޒަލް ދެނެގަތެވެ. އެހެންވިޔަސް ހޭޒަލްގެ ހިތުގެ ހަމަޖެހުން ގެއްލިއްޖެއެވެ. ޝިޔާނު މީހަކާ އިނދެ ދަރީން ލިބުނުފަހުން އެހެން އަންހެނަކަށް ބޭނުންވާ ޖެހުނު ސަބަބު އެނގެން ހޭޒަލް ބޭނުންވިއެވެ.

"އެ ދެމީހުން މާފޮޅުވާގަޑީގަ ލިއަމް އެގެއަށް ގޮސް އިންނަންވީ ކީއްކުރަން... ތީ އެމީހުންގެ ކަނދުފަތިތަ؟" ހޭޒަލްއަށް ބުނެވުނެވެ. މީގެ ކުރީން އެފަދަ އެއްޗެއް ދުވަހަކުވެސް ލިއަމްއާ ދިމާއަށް ހޭޒަލް ނުބުނެއެވެ. އެކަމަކު ހިތަށްވީ އުނދަގުލާއެކު ބޭއިޚްތިޔާރުގައި ލަފުޒުތައް ހޭޒަލްގެ ދުލުން ބޭރުކޮށްލެވުނީއެވެ.

"ޒެއްލޫ!... ޝިޔާނު ދަޢުވަތުދިނީމަ ނުދާނަމޭ ނުކެރޭނެއެއްނު ބުނާކަށް، މިރަށުގައި އެންމެ ދުވަހެއް ދެދުވަހަކު ހުރެލާކަށްނޫންވިއްޔަ އައިސް މިހުރީ" ލިއަމް ބުންޏެވެ. އޭނާގެ އަތެއް ޝިޔާނުގެ ދިރިއުޅުމުގަ ނެތްކަން ސާބިތުކުރުމަށް ވަރަށް ގިނަ ވާހަކަ ދެއްކިއެވެ. ޝިޔާނުގެ ވާހަކަތައް ލިއަމް ކިޔައިދިނީ ހޭޒަލް އޭނާގެ ވާހަކަ ޤަބޫލުކުރާނީ އޭރުންކަން ވިސްނިގެންނެވެ.

ލިއަމް ބުނިގޮތުން އޭނާ އެ ރަށަށް އައިއިރު ވެސް ޝިޔާނު އުޅެނީ ޔުސްރާއާ ރައްޓެހިވެގެންނެވެ. ޔުސްރާ ހުންނަނީ ވަރިކޮށްފައެވެ. އޭނާގެ އަންހެން ދަރިއަކު ހުރެއެވެ. އެކަމަކު ޝިޔާނުއާ ދެމީހުން އަދި އުޅެނީ ވަގަށް ކަމަށެވެ. ޝިޔާނުގެ އަންހެނުންނަކަށް އަދި ނޭނގެއެވެ. ދެ މީހުން ބައްދަލުކުރަނީ ޔުސްރާގެ އެންމެ ގާތް ރަޙުމަތްތެރިޔާ އަލްމާމެން ގޭގައެވެ. ރޭގަނޑު ކެއުން ތައްޔާރުކޮށްފައި އޮންނަނީ އެގޭގައެވެ. ޝިޔާނު އެކަނި ނާންނަންވެގެން ލިއަމް ގޮވައިގެން އަންނަނީ ކަމުގައެވެ. ޔުސްރާއާއި ޝިޔާނު ބައްދަލުކުރާއިރު ލިއަމް ގިނަ ފަހަރަށް އިންނަނީ އެގޭ ބޭރު ޖޯލީގައި ކަމެވެ. މީހުންގެ ޒާތީ ކަންކަމާ ބެހުމަކީ ލިއަމް ކުރާހިތްވާކަމެއްނޫންވީމަ އޭނާ ޝިޔާނުއާ ދިމާއަށް އެއްޗެއް ބުނަން ބޭނުންނުވަނީ އެވެ. އަނެއްކޮޅުން ޝިޔާނަކީ ލިއަމްއަށްވުރެ އެތައް އަހަރެއް ދޮށީ މީހެކެވެ. ރަށުގެ މަތީ މަޤާމެއްގައި ހުރި ގިނަބަޔަކު ދަންނަ މީހެކެވެ. އެވާހަކަ އިވުމުން ހޭޒަލްގެ ހިތް ޝިޔާނުގެ މައްޗަށް މުޅިން ފޫހިކުރުވައިފިއެވެ. ޝިޔާނުގެ ހަލާލު އަނބިމީހާ ތަޢާރަފުކޮށްދިނުމުގެ ބަދަލުގައި ފުރަތަމަ ވެސް އޭނާއަށް އެނގުނީ އަނބިމީހާއަށް ވަގަށް ގުޅިގެން އުޅޭ ހިލޭ އަންހެނަކު ލިއަމްއަށް ދައްކާށެވެ. އެފަދަ މީހަކަށް އިތުބާރުކުރާނީ ކިހިނެއް ހެއްޔެވެ. އުމުރުން ދޮށީވިއްޔޭ ކިޔާފައި ހުރުމަތްތެރިކޮށް ހިތާނީ ކިހިނެއް ހެއްޔެވެ. ކިތަންމެ މަތީ މަޤާމެއްގައި ހުއްޓަސް އެފަދަ މީހަކަށް ޤަދަރުކުރެވިދާނެ ހެއްޔެވެ. ވީ ފޫހިން ހޭޒަލްއަށް ވާހަކައެއް ވެސް ނުދެއްކުނެވެ. އިތުރަށް ވާހަކަދެއްކީ ލިއަމްއެވެ. އޭނާ ބުނެލާ އެއްޗަކަށް ހޭޒަލް އާން ހޫން ލައްވާލަނީއެވެ.

* * * * *

ދުވަސްތަ ފާއިތުވަމުން ދިޔަވަރަކަށް ހޭޒަލްއަށް ސައިފްއާ ވާހަކަދެއްކޭލެއް ގިނަވިއެވެ. ނަންބަރު ނުދިނެއްކަމަކު ފޭސްބުކްއިން ސައިފް ގުޅުމުން އެ ކޯލުތަކަށް ހޭޒަލް ޖަވާބުދެއެވެ. އެގޮތުން ފިރިމީހާ ރަށުގައި ނެތްކަން ހޭޒަލްއަށް ހާމަކުރެވުނީ އޮޅުމަކުންނެވެ. އެއާއެކު ސައިފް ގުޅަން ވަކި ވަގުތެއް ނޯވެއެވެ. ހޭޒަލް ވެސް ފޫހިވެ ނުނިދިފައި އޮންނަ ރޭ ރޭ ސައިފްއާ ވާހަކަދައްކައެވެ. އެކަމަކު އޭނާއާ ގަޔާވާގޮތެއް ހޭޒަލް ނުވިއެވެ. މައްސަލައަކަށްވީ ސައިފްގެ ވާހަކަތަކުގެ މިސްރާބު ހުރި ދިމާއަކުންނެވެ. އަނބިމީހާގެ ވާހަކަ އަހާލާއިރަށް އޭނާގެ ވާހަކަ ނުދައްކާށޭ ސައިފް ބުނެއެވެ.

"ޔަޝްފީއަށް މިހާރު އަހަރެން މުހިންމެއްނޫން، ޒެއްލުއަށް ވެސް އެނގޭނެ އަހަރެން ބުނާގޮތް ނުހަދަންޏާ ނިކަން އަވަހަށް ރުޅި ގަދަވޭކަން، އޭނާ މިހާރު ބޭނުންވަނީ ފިލްމުކުޅެން... ޓީވީއަކަށް ނޭރިފަ އެ ހުންނަނީ، އަހަރެން ބޭނުމެއްނޫން ދަރިފުޅުގެ ކަންތައް އެހެން މީހަކާ ހަވާލުކުރާކަށް، އަހަރެމެންނަށް އަރާމުގަ އުޅެވޭވަރަށް އަހަރެން އެބަ ފައިސާ ހޯދަން، ދެން ކީއްކުރަން އޭނަ ފައިސާ ހޯދަން ނުކުންނަންވީ، އެއަށްވުރެ މާރަނގަޅެއްނު އަހަރެންނާއި ދަރީގެ ކަންތައް ބެލެހެއްޓިއްޔާ... އަހަރެންގެ ބޭނުންތައް ވެސް ފުރިހަމަކޮށްދެވެނީއެއްނޫން، އަބަދު ކޮންމެވެސް ބައްޔެއްވެފަ... އިންފެކްޝަނެއް އުފެދިފަ..." ސައިފްގެ ވާހަކަ އަޑުއަހަން އިން ހޭޒަލްއަށް ދެ ލޯ މަރާ ބާރުކޮށްލެވުނެވެ. އިތުރަށް ސައިފްގެ ވާހަކަ ކުރިއަށް ގެންދިޔަ ނުދިނުމަށް ހޭޒަލް ބަހަނާއެއް ދެއްކިއެވެ. އޭނާގެ ކޮޓަރިއަށް ކޮއްކޮއަކު އަތުވެއްޖެއޭ ބުނެއެވެ.

"އަހަރެން މާދަން ގުޅާނަން، ޕްލީޒް... ހިނގާބާ ކޮފީއަކަށް، އެހެންނޫނީ ތިގެއަށް އަހަރެން ގެންގޮސްބަލަ" ހޭޒަލް ފޯނު ބާއްވަން އުޅުމުން ސައިފް ނިކަން އަވަސްއަރުވާލާފައި ބުންޏެވެ.

(ނުނިމޭ)