ހަބަރު

ސްޓެލްކޯ މުވައްޒަފުންނަށް އުފާވެރި ހަބަރެއް: ވެލްފެއާ ފުޅާ ކުރަނީ

Sep 12, 2019
1

ސްޓެލްކޯ ހިދުމަތުގައި ތިއްބާ މަރުވާ މުވައްޒަފުންގެ އާއިލާތަކަށް އެހީވުމުގެ އިތުރުން އާ ކަންތައްތަކެއް ވެލްފެއާ ނިޒާމަށް އިތުރު ކުރަން އެ ކުންފުނިން ނިންމައިފި އެވެ.

ސްޓެލްކޯގެ "ސްޓާފް ނައިޓް" ގައި ރޭ ވާހަކަ ދައްކަވަމުން، މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ ސްޓެލްކޯގެ މުވައްޒަފުންނަކީ ކުންފުނީގެ އެންމެ މުހިންމު ރައުސުލްމާލު ކަމަށާ، އެހެންކަމުން ކުންފުނީގެ "ވެލްފެއާ" އަށް މުހިންމު ކަންތައްތަކެއް ކޮށް ލުއި ތަކެއް ދޭން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މުވައްޒަފުންނަށް ކޮށްދޭން ނިންމާ ކަންތައްތަކުގެ ތެރޭގައި ކުންފުނިން އެހީވުމުގެ އިތުރުން އާއިލާގެ މުވައްޒަފަކު މަރުވެއްޖެ ނަމަ ތިން ދުވަހުގެ ޗުއްޓީއެއް އެ މުވައްޒަފަށް ދޭން ނިންމާފައިވާ ކަމަށެވެ.

ސްޓެލްކޯގެ މުވައްޒަފުންގެ ކުރިއެރުމާއި އުފާވެރިކަމަށް ގެންނަ އެހެން ބަދަލުތަކުގެ ތެރޭގައި މުވައްޒަފުންނަަށް ތަމްރީންގެ އިތުރު ފުރުސަތުތައް ދިނުމާއި އޮފީހުގައި އުޅޭ ވަގުތު މުވައްޒަފުން ނަށް ހާއްސަ "ވެލްފެއާ ސެންޓަރެއް" ގާއިމު ކުރުން ވެސް ހިމެނެ އެވެ.

ސްޓެލްކޯ ފްލެޓަށް އަލުން ހުޅުވާލަނީ

އެމްޑީ މުޣުނީ ވިދާޅުވީ ހިޔާ މަޝްރޫއުގެ ދަށުން ސްޓެލްކޯއިން އަޅާ ޓަވަރު ތަކަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލަން ވެސް ނިންމާފައިވާ ކަމަށާ އެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސްޓެލްކޯ އިން އަޅާ 15 ބުރީގެ ދެ ޓަވަރުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި މަސައްކަތް ކުރަނީ ޗައިނާގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކުންފުނިންނެވެ. މި މަޝްރޫއުގެ އަގަކީ 540 މިލިއަން ރުފިޔާ އެވެ.

ސްޓެލްކޯ އިން ރޭ ވަނީ އެ ކުންފުންޏަށް ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް އެވޯޑާއި ހަނދާނީ ލިއުން ދީފަ އެވެ. މި އެވޯޑު 30 އަހަރު ހިދުމަތް ކޮށްފައިވާ ހަ މުވައްޒަފުންނާއި 21 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ 14 މުވައްޒަފަކަށް ދިނެވެ. މި އެވޯޑުތައް ހަވާލު ކޮށްދެއްވީ އެ ކުންފުނީގެ ބޯޑު މެންބަރުން ނެވެ.