ބޮލީވުޑް

"ކޫލީ ނަންބަރު 1" ސެޓު އަނދާ ހުލިވެއްޖެ

ވަރުން ދަވަން އާއި ސާރާ އަލީ ޚާން މިހާރު ކުޅެމުންދާ "ކޫލީ ނަންބަރު 1" ގެ ސެޓުގައި ރޯވެ އަނދާ އަޅިއަށް ވެއްޖެ އެވެ. ވަރުންގެ ބައްޕަ ޑޭވިޑް ދަވަން ޑައިރެކްޓްކުރާ މި ފިލްމަކީ ކަރިޝްމާ އާއި ގޯވިންދާ މީގެ ކުރިން ކުޅެފައިވާ "ކޫލީ ނަންބަރު 1"ގެ ރިމޭކް އެކެވެ.

ރޭގަނޑު ދަންވަރު އަލިފާން ރޯވިއިރު 15 ވަރަކަށް މީހުން އެކި މަސައްކަތްތައް ކުރަން ތިއްބެވެ. ނަމަވެސް އެއްވެސް މީހަކަށް އެ އަލިފާނުން ގެއްލުމެއް ނުވެ އެވެ.

ވާޝޫ ބަގްނާނީ ޕްރޮޑިއުސްކުރާ މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މޭ އެއް ވަނަ ދުވަހު އެވެ. އަލިފާނުގެ ހާދިސަގެ ސަބަބުން ސެޓަށް ގެއްލުން ވުމުން ޝޫޓިން މެދުކަނޑާލަން ޖެހުނަސް ފިލްމު އަޅުވަން ހަމަޖެހިފައިވާ ތާރީޚު ފަސް ކުރަން އަދި ހަމަޖެހިފައެއް ނުވެ އެވެ.

ވަރުންގެ "ޖުޅްވާ 2" ގައި ކުރީގެ "ޖުޅްވާ"ގެ ދެ ލަވަ ހިމެނުނު ގޮތަށް މިފަހަރުގެ ފިލްމުގައި ވެސް ކުރީގެ "ކޫލީ ނަންބަރު 1" ގެ ދެ ލަވަ ހިމަނަން ހަމަޖެހިފައިވާ ކަމަށް ވަރުން ބުންޏެވެ. އެއީ "މައި ތޮ ރަސްތޭސެ ޖާރަހާތާ" އާއި "ހުސްނު ހޭ ސުހާނާ" އެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން ވަރުންގެ އެންމެ އަވަހަށް ރިލީޒްވާން އޮތީ ޑައިރެކްޓަރު ރޭމޯ ޑިސޫޒާގެ "ސްޓްރީޓް ޑާންސާ 3ޑީ" އެވެ. މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ 24 ވަނަ ދުވަހު އެވެ. ފިލްމުގެ ބަތަލާ އަކީ ޝްރައްދާ ކަޕޫރެވެ.

ސާރާ ކުޅެމުންދާ ފިލްމުތަކުގެ ތެރެއިން އެންމެ އަވަހަށް ރިލީޒްކުރާނީ "އާޖް ކަލް" އެވެ. ކާރްތިކް އާރްޔަން ބަތަލުގެ ބައި ކުޅޭ މި ފިލްމު ރިލީޒްކުރާނީ އަންނަ އަހަރު އެޕްރީލް 14 ވަނަ ދުވަހު އެވެ.