ބޮލީވުޑް

އަހަންނާއެކު ފިލްމު ކުޅުނު ހަތަރު އެކްޓަރުން ކައިވެނިކޮށްފި: ސާރާ

ޒުވާން ބަތަލާ ސާރާ އަލީ ޚާންގެ ވަރަށް ބޮޑު ޝަކުވާއެއް އެބައޮތެވެ. އޭނާއާއެކު ފިލްމު ކުޅޭ އޭނާގެ ކޯސްޓާރުން މާ އަވަހަށް ކައިވެނި ކުރާތީ އެވެ.

ވިކީ ކޯޝަލް އާއެކު ސާރާ ކުޅެފައިވާ "ޒަރަ ހަޓްކޭ ޒަރަ ބަޗްކޭ"ގެ ޓްރެއިލާ ލޯންޗުކުރުމުގެ އިވެންޓުގައި ވާހަކަ ދައްކަމުން ސާރާ ބުނީ ވިކީ އަކީ އޭނާއާއެކު ފިލްމު ކުޅުނު އެކްޓަރުންގެ ތެރެއިން ހަތަރު ވަނަ އަށް ކައިވެނިކުރި އެކްޓަރު ކަމަށެވެ. އޭގެ ކުރިން ތިން އެކްޓަރަކު ކައިވެނިކޮށްފައިވާ ކަމަށެވެ.

"ޒަރަ ހަޓްކޭ ޒަރަ ބަޗްކޭ"އަކީ ވެސް އަލަތް ކައިވެނިކުރި ޒުވާން ދެމަފިރިއެއްގެ ވާހަކަ އެވެ. ސާރާ އާއި ވިކީ ކުޅެނީ މި ދެމަފިރިންގެ ރޯލެވެ. ކައިވެންޏަށް މާ ގިނަ ދުވަހެއް ނުވެ މައްސަލަ ޖެހި ވަރިފަށަށް އަރާފައިވާ މި ޖޯޑުގެ ހަޔާތުގެ ސަފުހާތަކެއް މި ފިލްމުގައި ދައްކަ އެވެ.

އަދި ކިރިޔާ މި ފިލްމު ރިލީޒްކުރުމުގެ މަސައްކަތް ފަށާފައި ވިޔަސް، ކެޓުރީނާ ކައިފް އާއި ވިކީ ކައިވެނިކުރީ މި ފިލްމުގެ ޝޫޓިންގް ނިންމާފައި ގޮހެވެ.

އެހެންވެ ފިލްމުގެ ޓްރެއިލާ ލޯންޗު އިވެންޓުގައި ޖޯކަކަށް ހަދާފައި ސާރާ މި ވާހަކަ ދެއްކީ އެވެ.

"ވިކީ އަކީ އަހަންނާއެކު ފިލްމު ކުޅުނު ބަތަލުންގެ ތެރެއިން ކައިވެނިކުރި ހަތަރު ވަނަ އެކްޓަރު. ކީއްވެގެން ކަމެއް ނޭނގެ ކޮންމެ މީހަކު މަށާއެކު ފިލްމު ކުޅެފައި އެދާ ގޮތަށް ގޮސް އަވަހަށް ކައިވެނިކުރަނީ،" ހެމުން ހެމުން ސާރާ ބުންޏެވެ.

ސާރާގެ ކެރިއަރުގެ އެންމެ ކުރީކޮޅު ކުޅެފައިވާ "ސިމްބާ"ގެ ބަތަލު ރަންވީރު ސިންގް، ދީޕިކާ ޕަދުކޯން އާ ކައިވެނިކުރީ "ސިމްބާ"ގެ ޝޫޓިން ނިންމާފައި ގޮހެވެ. ހަމަ އެގޮތަށް "ކޫލީ ނަންބަރު 1"ގައި ސާރާ އާއެކު ހަރަކާތްތެރިވި ވަރުން ދަވަން ވެސް ވަނީ އެ ފިލްމު ނިންމާފައި ގޮސް ކައިވެނިކޮށްފަ އެވެ. އަދި "ގޭސްލައިޓް"ގައި ސާރާ އާއެކު ބަތަލުގެ ބައި ކުޅުނު ވިކްރާންތު މެސީ ވެސް ހަމަ އެގޮތަށް ފިލްމުގެ ޝޫޓިން ނިންމާފައި ގޮސް ވަނީ ކައިވެނިކޮށްފަ އެވެ. ސާރާ މި ބުނަނީ މި އެކްޓަރުންގެ ވާހަކަ އެވެ.

"އަހަރެން ބުނެފިން ކައިވެނިކުރަން ބޭނުންވެފައި ތިބި އެކްޓަރުންނާއި ބަތަލުންގެ ތެރެއިން މީހުންނާ ރައްޓެހިވެގެން އުޅޭ މީޙުންގެ ޕާޓްނަރުން އެމީހުންނާ އަވަހަށް ކައިވެންޏަށް އެއްބަސް ކުރުވަން ބޭނުންނަމަ އަވަހަށް އަހަންނާއެކު ފިލްމު ކުޅުވާށޭ. އޭރަށޭ އެކަން އެންމެ އަވަހަށް ވާނީ،" ޖޯކު ޖަހަން ސާރާ އިތުރަށް ބުންޏެވެ.

މި އިވެންޓުގައި ނޫސްވެރިއަކު ވަރަށް މަޖާ ސުވާލެއް ވިކީ އާ ކުރެ އެވެ. ކެޓުރީނާ އަށް ވުރެ ރަނގަޅު މީހަކު ކައިވެނި ކުރަން ލިބިއްޖެނަމަ ދެ ވަނަ ކައިވެންޏެއް ކޮށްފާނެތޯ؟ އެވެ. މި ސުވާލަށް ވިކީ ދިނީ ވަރަށް ސާދާ ޖަވާބެކެވެ. އޭނާ ބުނީ އެމީހުންގެ ގުޅުމަކީ ތާ އަބަދުގެ ގުޅުމެއް ކަމަށެވެ.

ވިކީ އާއި ސާރާގެ "ޒަރަ ހަޓްކޭ ޒަރަ ބަޗްކޭ" ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ ދެ ވަނަ ދުވަހު އެވެ. މިއީ ކްރީތީ ސެނޯން ކުޅެފައިވާ "މިމީ"ގެ ޑައިރެކްޓަރު ލަކްޝްމަން އުޓޭކަރް އުފައްދާފައިވާ ފިލްމެކެވެ.